ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ 15 ވަނަ ރަމަޟާން ކްރިކެޓް ކާނިވަލްގައި ސިވިލް ސާރވިސްގެ ޓީމުގެ މައްޗަށް ކަސްޓަމްސް ރެކްރިއޭޝަން ކުރިހޯދިއިރު، ކްލަބް އިމިގްރޭޝަން އާއި މީރާގެ މެޗް ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފިއެވެ.
އަންގާރަ ދުވަހު ކުޅުނު ފުރަތަމަ މެޗުގައި ސިވިލް ސާރވިސްގެ ޓީމުގެ މައްޗަށް ކަސްޓަމްސް ރެކްރިއޭޝުން ކުރިހޯދީ 8 ވިކެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މެޗުގައި ފުރަތަމަ ކުޅެން އެރީ ސިވިލް ސާރވިސްގެ ޓީމެވެ. އެޓީމުން ވަނީ 8 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން 64 ލަނޑު ހަދާފައެވެ. ޖަވާބުގައި ކަސްޓަމްސްއިން ކުޅެން އަރާ އެޓީމުން ވަނީ 5 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއަކުވެސް ނުބައިނުވެ 67 ލަނޑު ހަދާފައެވެ. އެޓީމުގެ އަހުމަދު ޝަރީފް 21 ލަނޑު ހެދިއިރު ހައިކަލް 10 ލަނޑު ވަނީ ހަދާފައެވެ.
އަންގާރަ ދުވަހުގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ އިމިގްރޭޝަން އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އެވެ. މި މެޗުގެ ފުރަތަމަ އިނިންގައި ވިއްސާރަ ވުމުގެ ސަބަބުން ޖެހުނީ މެޗު ހުއްޓާލާށެވެ. މެޗުގައި އިމިގްރޭޝަން ވަނީ 7.2 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން 115 ލަނޑު ހަދާފައެވެ. އެޓީމުގެ މުހަންމަދު ސާއިސް 31 ލަނޑު ހެދިއިރު، އަހުމަދު އާމިރު ވަނީ 11 ލަނޑު ހަދާފައެވެ. ނަމަވެސް ގަވާއިދުގައި ވާގޮތުން މެޗު ހުއްޓާލަން ޖެހިއްޖެނަމަ ދެޓީމް އެއްވަރުވާނެއެވެ. އެހެނަކަމުން އަމްޕަޔަރުން ނިންމީ ކޮންމެ ޓީމަކަށް 1 ޕޮއިންޓްގެ ގޮތުގައި މެޗު ނިންމާލުމަށެވެ.
މުބާރާތުގައި ބުދަ ދުވަހު ހަވީރުވެސް 2 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އަކުންބަކުން އަދި މޯޑަސް އޮޕަރަންޓީއެވެ. 2 ވަނަ މެޗުގައި ބައްދަލުކުރާނީ އެޗްޑީސީ އާއި ސުގަކޯން އެވެ. ބުދަ ދުވަހުގެ މެޗުތަށްވެސް ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ އެއްނަމްބަރު ދަނޑުގައެވެ. ފުރަތަމަ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 ގައެވެ.