ކޮވިޑް-19ށް 161 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00ން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00ށް 3209 ސާމްޕަލް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 161 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 40 މީހުންނާއި، އަތޮޅުތެރޭގެ ރަށްރަށުން 41 މީހުންނާއި އަދި ހިންގަމުންދާ ރިސޯޓުތަކުން 80 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
2463 އެކްޓިވް ކޭސް ހިމެނޭއިރު، 13 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.
ތަފާސްހިސާބު ދައްކާގޮތުން މިހާތަނަށް 96،052 މީހުން ޕޮޒިޓިވްވެފައިވެއެވެ. 93،314 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. އަދި 262 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ.
މާލެ ސަރަހައްދުގެ ކޭސްތައް ވަކިވަރެއްގައި ހިފެހެއްޓިފައިވީ ނަމަވެސް ރިސޯޓްތަކުން ފެންނަމުންދާ ކޭސްތައް ވަނީ އިތުރުވާން ފަށާފައެވެ.
ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ އޮމިކްރޯން ވޭރިއަންޓް ވެސް ރާއްޖެއިން ފެނިފައިވާތީ އެޗްޕީއޭއިން ދަނީ ޚާއްސަ ފިޔަވަޅުތަކެއް ވެސް އަޅަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން (ފަތުރުވެރިންވެސް ހިމެނޭގޮތަށް) ރާއްޖެއަށް ދަތުރުފަށާ ބަދަރުން ފުރާއިރު 96 ގަޑިއިރުނުވާ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާ ގެންނަން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މިގޮތަށް ދަތުރުކުރާ މީހުންނާ އެކުގައި ދަތުރުކުރާ 1 އަހަރުން ދަށުގެ ތުއްތު ކުދިން ޕީ.ސީ.އާރް ޓެސްޓު ހަދާކަށް ނުޖެހޭނެއެވެ.
މީގެއިތުރުން ފަތުރު ވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ހުރިހާ މީހުން، ރާއްޖެ އެތެރެވުމަށްފަހު 3 ދުވަހާއި 5 ދުވަހުގެ ތެރޭގައި ޕީ.ސީ.އާރް ޓެސްޓް ހަދަންޖެހެއެވެ. އަދި ކޮވިޑް-19ގެ ވެކްސިން ފުރިހަމަވެފައިނުވާ ދިވެހިންނާއި ވޯރކްޕަރމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށްފަހު، 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާންޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ ތެރޭގައި 12 އަހަރުން ދަށުގެ ކުދިން ނުހިމެނޭނެއެވެ. އަދި މިފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ހަމަވުމުން ކޮވިޑު-19އަށް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއީ ޗުއްޓީ ދުވަސްވަރަށް ވުމާއެކު ގިނަ ބަޔަކު ދަނީ ރާއްޖެއިން ބޭރަށް ދަތުރުކުރަމުންނެވެ.