ކ. މާލެ
|
2 ޖެނުއަރީ 2022 | އާދީއްތަ 17:04
ދުވާފަރުގައި ހަރުކުރި ސޯލަރ ޕަވަރ ސިސްޓަމް
ދުވާފަރުގައި ހަރުކުރި ސޯލަރ ޕަވަރ ސިސްޓަމް
އެމްޑަބްލިޔުއެސްސީ
އިއާދަކުރަނިވި ހަކަތަ ގާއިމުކުރުން
ދުވާފަރުގައި ސޯލާ ޕަވަރ ސިސްޓަމެއް ހަރުކޮށްފި
އެރަށުގައި ހަރުކޮށްފައިވަނީ 35ކޭޑަބްލިއުޕީގެ ސޯލާ ޕަވަރ ސިސްޓަމެއް
އެމްޑަބްލިއުއެސްސީގެ އޮޕަރޭޝަން ސެންޓަރުތަކުގައިވެސް މި ނިޒާމު ގާއިމުކުރަމުން ގެންދޭ

އެމްޑަބްލިއުއެސްސީން ރ. ދުވާފަރުގައި ސޯލާ ޕަވަރ ސިސްޓަމެއް ހަރުކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އިއާދަ ކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓް އުފައްދާ މިންވަރު އިތުރުކުރުމަށް، ރ. ދުވާފަރުގައި ހަރުކޮށްފައިވަނީ 35ކޭޑަބްލިއުޕީގެ ސޯލާ ޕަވަރ ސިސްޓަމެކެވެ.

މީގެ ކުރިން ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި 48ކޭޑަބްލިއުޕީގެ ސޯލާ ޕަވަރ ސިސްޓަމެއް ގާއިމުކޮށް އޮޕަރޭޝަންގެ ބޭނުންތަކަށް މި ހަކަތައިން ދަނީ ކަރަންޓް އުފައްދަމުންނެވެ. އަލަށް ހަރުކުރެވުނު މި ސިސްޓަމާއެކު، ދުވާފަރުގައި، އިއާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު ޖުމްލަ 83ކޭޑަބްލިއުޕީގެ ސޯލާ ޕަވަރއަށް ވަނީ އިތުރުވެފައެވެ.

2012 ވަނަ އަހަރުން ފެށިގެން އެކުންފުނީގެ އޮޕަރޭޝަންތަކުގައި ހަކަތަ ބޭނުން ކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދައި، ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ކުރާ މަސައްކަތުގެ ދަށުން މާލެ، ހުޅުމާލެ، މާފުށި، ކުޅުދުއްފުށި އަދި ރ. ދުވާފަރު ހިމެނޭނެހެން އެކިއެކި އޮޕަރޭޝަން ސެންޓަރ ތަކުގައި ދަނީ އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދަމުންނެވެ.

މިގޮތުން، ޖުމްލަ 578ކޭޑަބްލިއުޕީގެ އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމުގެ ގާބިލުކަން އެ ކުންފުނީގައި އެބަހުއްޓެވެ. މި މަސައްކަތާއެކު، ރާއްޖޭގައި އިއާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު އިތުރުކުރުމަށް މިސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ހާސިލުކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

- ކޮމެންޓް