ނޭޝަނަލް ޓެންޑަރިންގ ބޯޑުގެ މަސައްކަތްތައް ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާތަން ފެންނަކަމަށް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފާއިތުވި 3 އަހަރުގެ ތެރޭގައި ގެނެސްފައިވާ އެންމެ ބޮޑު ބަދަލުތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ޒަރިޔަންދު ވިދާޅުވީ ޓެންޑަރ ބޯޑަށް 2018 ވަނަ އަހަރުގެ ކުރީގައި މުޅިން ވެސް އައްޔަނުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންކަމަށެވެ. މިނިސްޓްރީގެ ކޮންމެ ޑިވިޝަނަކުން ވެރިއެއް ގޮތަށް ބޯޑަށް ލާފައިތިބޭކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. ޒަރިޔަންދު ވިދާޅުވީ އެގޮތަށް ލާފައި ތިބޭ މުވައްޒަފުން ގޯސް ނޫންކަމަށާއި، ނަމަވެސް ކޮންމެ ދައުރެއް ބަދަލުވާއިރު ވެސް ކޮރަޕްޝަންގެ ކަންކަމުގައި އުޅޭ މީހުން ބޭނުންވާނީ އެވަގުތަކު އެ މަސްއޫލިއްޔަތަކާ ހަވާލުވެގެން ތިބި މީހުންނާ އެކުގައި އުޅެންކަމަށެވެ.
އެހެންކަމުން މައިގަނޑު ބަދަލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލަކީ ފިނޭންސް މިނިސްޓްރީއާ ދުރު މީހަކު ޓެންޑަރ ބޯޑުގެ ޗެއަރއަކަށް ބެހެއްޓުންކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
މީގެއިތުރުން ޓެންޑަރ ބޯޑުގެ މަސައްކަތްތައް ދެފުށް ފެންނަ ގޮތްކުރުމަށް މަސައްކަތްތައް ކޮށްފައިވާކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
އަޅުގަނޑު ކުރިކަމެއް ނޫން އެއީކީ އެއްގޮތަކަށް ވެސް. އަޅުގަނޑަށް އެކަމުގެ ކްރެޑިޓް ނެގޭނެކަމެއް ނޫން އެއީކީ. ހަމައެކަނި ފިނޭންސް މިނިސްޓަރ ކުރެއްވި ކަމެއްކަމަށް ގަބޫލުކުރަނީ. މިސާލަކަށް އެވޯރޑް ކުރީމާ ވިދިގެން އަންނަ ދުވަހު ވެބްސައިޓުން ފެންނަ ގޮތަށް މިހާރު ހުންނަނީ އެބިޑާ ގުޅޭ ކަންކަން. އެހެންނަމަވެސް އަދިވެސް ވަރަށް ގިނަ ކަންކަންކޮށްގެންހެން ހީވަނީ މައިތިރިކުރެވޭނީއިސްމާއީލް ޒަރިޔަންދު/ ނޭޝަނަލް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން
ޒަރިޔަންދު ވިދާޅުވީ ޕްރޮޖެކްޓެއް ހަވާލުކުރެވޭ ފަރާތެއް ޕްރޮޖެކްޓެއް އެވޯރޑް ކުރި ވަގުތު ނުވަތަ ވިދިގެން އަންނަ ދުވަހު އެކަމެއް ރައްޔިތުންނަށް އެނގެންޖެހޭ ގޮތަށް މިހާރު ކަންކަން ހަމަޖެހިފައިވާކަމަށެވެ. މައިގަނޑުގޮތެއްގައި ޓެންޑަރ ބޯޑުގެ މަސައްކަތުގެ ބޭރުން ދައުލަތުގެ ޕްރޮކިޔުމެންޓް ނިޒާމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
މީގެއިތުރުން މިދިޔަ އަހަރުގެ ތެރޭގައި މިނިސްޓަރ ތައާރަފްކުރި ގަވާއިދުގެ ދަށުން އެއްވެސް ފަރާތަކަށް ޓެންޑަރ ނުލިބިއްޖެނަމަ ފެއިލްވި ފަރާތަކަށް 5 ދުވަހުގެ މުއްދަތެއް ޝަކުވާ ހުށަހެޅުމަށް ލިބޭނެކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
އެމުއްދަތުގެ ތެރޭގައި އެވޯރޑްކުރެވޭ ފަރާތާއެކު ސޮއިނުކުރެވޭ. އެފަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އެފަރާތަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބޭނެ. ޝަކުވާ ރިވިއު ކުރުމުގެ ކޮމެޓީއަށް ހުށަހެޅޭނެ. ރިވިއު ކުރާ ކޮމިޓީއަކީ ވެސް އައު ކޮމިޓިއެއް. އަލަށް ކުރެވެމުން އަންނަ މަސައްކަތެއް މިއީ. އެހެންވީމާ ކޮމިޓީއަށް ހުށަހަޅައިގެން މައްސަލަ އަނެއްކާ ބެލުމުގެ ފުރުސަތު އެބައޮވޭ. ޝަކުވާ ބަލައިގަނެވޭ.އިސްމާއީލް ޒަރިޔަންދު/ ނޭޝަނަލް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން
މީގެއިތުރުން ޕްރޮޖެކްޓްތައް ލިބޭގޮތުގައި ވަކިމިންވަރަކަށް ދިޔުމުން ކެޕެއް އެޅުވޭ ގޮތަށް ހެދުމަކީ ވެސް ގެނައި މުހިންމު ބަދަލެއް ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. އެތައް މަޝްރޫއެއް އެއް ބަޔަކާ ހަވާލުކޮށްގެން ކުރިޔަށް ނުގޮސް ހުރި ކިތަންމެ ރަށެއް ރާއްޖޭގައި އެބަހުރި ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. ބައެއް ޕްރޮޖެކްޓްތައް ކުންފުނިތަކާ ހަވާލުކުރާއިރު މަސައްކަތް ކުރާނެ މީހުން އެކުންފުނިތަކުގައި ނުހުންނަކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އެތައް މަޝްރޫއެއް އޮންނަނީ މަޑުޖެހިފައި ކަމަށާއި އޭގެ ސަބަބުން އިތުރު މައްސަލަތައް ނިކުންނަނީ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.