ކ. މާލެ
|
1 ޖެނުއަރީ 2022 | ހޮނިހިރު 08:27
އެމެރިކާގެ ޖޯން އެފް ކެނެޑީ އެއަރޕޯޓްގައި މީހަކު ކިޔުގައި ޖެހިގެން
އެމެރިކާގެ ޖޯން އެފް ކެނެޑީ އެއަރޕޯޓްގައި މީހަކު ކިޔުގައި ޖެހިގެން
ރޮއިޓަރސް
ގިނަ ފްލައިޓްތަކެއް ކެންސަލްވުން
އޮމިކްރޯން ވޭރިއަންޓާ ގުޅިގެން އަހަރު ނިންމާލި ދުވަހުވެސް 2000ށް ވުރެ ގިނަ ފްލައިޓް ކެންސަލް
6500ށް ވުރެ ގިނަ ފްލައިޓް ވަނީ ފުރަން އޮތް ގަޑީގެ އެތައް ގަޑިއިރަކަށް ފަސްކޮށްފައި
ހުކުރު ދުވަހުގެ މެންދުރާ ހަމައަށް އައިއިރު މުޅި ދުނިޔެއިން 2800ށް ވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފައި

އޮމިކްރޯން ވޭރިއަންޓްގެ ސަބަބުން ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދިޔުމާއެކު 2021 ވަނަ އަހަރުގެ އެންމެ ފަހު ދުވަހުވެސް އެތައް ހާސް ފްލައިޓެއް ކެންސަލްވެ އެތައް ހާސް ފްލައިޓް ފުރަން އޮތް ގަޑި ފަސްކޮށްފިއެވެ.

ފްލައިޓް ޓްރެކިންގ ވެބްސައިޓެއް ކަމުގައިވާ ފްލައިޓްއެވެއަރ.ކޮމްގެ ޑާޓާތައް ދައްކާގޮތުން ހުކުރު ދުވަހުގެ މެންދުރާ ހަމައަށް އައިއިރު މުޅި ދުނިޔެއިން 2800ށް ވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ. އޭގެތެރެއިން އެމެރިކާގެ އެތެރޭގެ އާ އެމެރިކާއަށް ދިޔުމަށް އަދި އެމެރިކާއިން ފުރުމަށް ޝެޑިޔުލްކޮށްފައިވާ ފްލައިޓްތަކުގެ 1400ށް ވުރެ ގިނަ ފްލައިޓް ހިމެނެއެވެ. މުޅި ދުނިޔޭގައިވެސް 6500ށް ވުރެ ގިނަ ފްލައިޓް ވަނީ ފުރަން އޮތް ގަޑީގެ އެތައް ގަޑިއިރަކަށް ފަސްކޮށްފައެވެ.

ކްރިސްމަސް ބަންދަކީ މުޅި ދުނިޔޭގައިވެސް ދަތުރުފަތުރުގެ ނިޒާމަށް އެންމެ ބާރުބޮޑު ދުވަސްވަރެވެ. ނަމަވެސް 2021 ވަނަ އަހަރު ނިމެން ދަނިކޮށް ފެނުނު އޮމިކްރޯން ވޭރިއަންޓާ ގުޅިގެން ގައުމުތަކަށް ކުރިމަތިވެފައިވާ ކޮވިޑްގެ އައު ސަރޖްގެ ސަބަބުން އެތައް ފްލައިޓެއް ވަނީ ކެންސަލްވެފައެވެ. އޭގެ އެއް ސަބަބަކަށް ޕައިލޮޓުންނާއި ފްލައިޓްތަކުގެ ކްރޫން ކަރަންޓީނަށްދާން ޖެހުން ހިމެނެއެވެ.

އެމެރިކާގައި ދަތުރުކުރުމާއި ގުޅޭ އެކި އެޖެންސީތަކުން އަންނަނީ އެޖެންސީތަކުން ދެމުންދިޔަ ޚިދުމަތްތައް މެދުކަނޑާލަމުންނެވެ. އެއީ އޮމިކްރޯން ވޭރިއަންޓާއެކު ސްޓާފުންގެ ދަތިކަން ކުރިމަތިވުމުންނެވެ.

އެމެރިކާގައި އަލަށް ފެންނަ ކޭސްތަކުގެ އަދަދު ވަނީ ފާއިތުވި އަށް ދުވަހުގެ ތެރޭގައި ދެގުނަ ވެފައެވެ. މިހާރު ދުވާލެއްގެ މައްޗަށް އެމެރިކާގައި ކޮވިޑް ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ހުރީ 329،000ގައެވެ.

އައު ކޭސްތައް ފެންނަމުންދިޔުމާއެކު އެމެރިކާގެ ގިނަ ކުންފުނިތަކަށް މަޖުބޫރުވެފައިވަނީ ގޭގައި ބައިތިއްބައިގެން އެމީހުންގެ ސްޓާފުން ލައްވާ މަސައްކަތްކުރުވުމަށެވެ. ޗުއްޓީއާ ދިމާކޮށް ވިޔަފާރިތަކަށް އެތައް ގުނައަކުން ފައިދާވަމުންދިޔަ ނަމަވެސް ކޮވިޑާ ގުޅިގެން ޚިދުމަތްތައް ދިނުމުގައި ކުންފުނިތަކަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

- ކޮމެންޓް