ކ. މާލެ
|
31 ޑިސެންބަރ 2021 | ހުކުރު 11:45
ހިޔާ ފްލެޓް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ،
ހިޔާ ފްލެޓް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ،
ރާއްޖެއެމްވީ
ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް
ދެވަނަ ފިޔަވަހިން އެންމެ ގިނައިން ހުށަހަޅަނީ ވައްކަމާއި އެކްސިޑެންޓްގެ މައްސަލަ: ފުލުހުން
 
މަސައްކަތްކުރަމުންދާ ސައިޓުތަކުން ވައްކަންކޮށްގެން ހުށަހެޅިފައިވާ މައްސަލަތައް ގިނަ
 
އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރަމުންދާނެ
 
ކުށް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީ އަދި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު މަސައްކަތް ކުރާނެ

ހުޅުމާލެ ދެވަނަ ފިޔަވަހިން އެންމެ ގިނައިން ހުށަހަޅަނީ ވައްކަމާއި އެކްސިޑެންޓްގެ މައްސަލަތައް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ކުށްމަދު ކުރުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އައު އަހަރާ ދިމާކޮށް މާލޭ ސިޓީގެ އިތުރުން އަތޮޅުތެރޭގައި ވެސް އޮޕަރޭޝަން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ. ދެވަނަ ފިޔަވައްސަށް އިޝާރާތްކޮށް ފުލުހުން ބުނީ އެންމެ ގިނައިން ހުށަހެޅެނީ ވައްކަމުގެ މައްސަލަތަކާއި އެކްސިޑެންޓުގެ މައްސަލަތައް ކަމަށެވެ. އަދި ވައްކަމުގެ މައްސަލަތަކުން ގިނައިން ހުށަހެޅިފައިވަނީ މަސައްކަތްކުރަމުންދާ ސައިޓުތަކުން ވައްކަންކޮށްގެން ހުށަހެޅިފައިވާ މައްސަލަތައް ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގެ މައްސަލަތަަކަށް ބަލާއިރު އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް އަމަލުކުރުމުގެ ސަބަބުންނާއި މަގަށް ދޭންވާ އެކަށީގެންވާ ސަމާލުކަން ނުދެވުމާއި ގަވާއިދާ ޚިލާފަށް ޔޫޓާން ނެގުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓްތައް ފާހަގަކުރެވޭ ކަމަށެވެ. އެ ސަރަޙައްދުގެ މަގުތަކަކީ އެކަށީގެންވާ އަލިކަން ނެތް މަގުތަކަކަށް ވާއިރު، އުޅަނދުގެ ޓެއިލް ލައިޓް ނުދިއްލި ހުރުމުގެ ސަބަބުން އަދި މަގަށް ދޭންވާ ސަމާލުކަން ނުދިނުމުގެ ސަބަބުން ބައެއް އެކްސިޑެންޓްތައް ހިނގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ހުޅުމާލެ ފޭސް ދެއަކުން ހުށަހެޅޭ މައްސަލަތައް މަދުކޮށް، އަމާން ރައްކާތެރި ތަނަކަށް ހެދުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ އިތުރަށް ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން، ފުލުހުންނާއި އެޗްޑީސީ އަދި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި އެ ސަރަޙައްދުގައި ނެއިބަރހުޑް އޮފިސަރުން ހަރަކާތްތެރިވާން ފެށުމާއި، ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމާއި، އަދި އެހެނިހެން ކުށްތައް ދެނެގަނެ އެ ކަންކަން ހައްލުކުރުމަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ކުށްމަދުކުރުމާއި ކުށުގެ ޝިކާރައަކަށްވުމުން ދުރުކުރުމަށް އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށެވެ. އަދި ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގުމާއި ކުށްތަކަށް މަގުފަހިވާނެ ކަންކަން ދެނެގަނެ އެ ކަންކަން ހައްލުކުރުމަށް ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް