އިނގިރޭސި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ބާންލީ ބަލިކޮށް ތާވަލުގެ ހަވަނައަށް މެންޗެސްޓާ ޔުނައިޓެޑް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ބާންލީ އަތުން 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ދެ ޓީމުން ކާމިޔާބުކުރި ހަތަރު ލަނޑުވެސް ފެނިގެންގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗު ފަށައިގެން އަށްވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްކޮޓް މެކްޓޮމިނޭއެވެ. އަދި މެޗުގެ 27 ވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑު ފުޅާކުރިއިރު، މި ލަނޑަކީ ބާންލީގެ ބެން މީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މެޗުގެ 35 ވަނަ މިނެޓުގައި ޔުނައިޓެޑުން ތިންވަނަ ލަނޑެއް ޖެހިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން އާރޮން ލެނަން ވަނީ ލަނޑެއް ޖަހައި، ބާންލީއަށް ފަރަގު ކުޑަކޮށްދީފައެވެ.
މި މޮޅާއެކު ތާވަލުގެ ހަވަނައަށް ޔުނައިޓެޑް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު 18 މެޗުން 31 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ފަސްވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށްވެސް 31 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން ވަނީ ޔުނައިޓެޑަށްވުރެ އިތުރަށް މެޗެއް ކުޅެފައެވެ. އަދި ޔުނައިޓެޑް އަތުން ބަލިވި ބާންލީ އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި 16 މެޗުން 11 ޕޮއިންޓާއެކުއެވެ.