ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި 6 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަން ކޮމިޝަން(އީސީ)ން ބުނެފިއެވެ.
އީސީން ބުނީ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށްކަމުގައިވާ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށީގައާއި މާލޭގައެވެ. ކޮމަންޑޫގައި 2 ފޮއްޓެއް ބަހައްޓައެވެ. އެއީ ށ. އަތޮޅު ތައުލީމީ މަރުކަޒުގައާއި ކޮމަންޑޫ ޕްރީ ސްކޫލްގައެވެ. ފޯކައިދޫގައި ބަހައްޓާ ދެ ފޮށި ބަހައްޓަނީ ށ. ފޯކައިދޫ ސްކޫލްގައެވެ. މަރޮށީގައި ބަހައްޓާ ވޯޓު ފޮށި ބަހައްޓަނީ ށ. މަރޮށީ އިޖްތިމާޢީ މަރުކަޒުގައެވެ. މާލޭގައި ބަހައްޓާ ވޯޓު ފޮށި ބަހައްޓަނީ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ޢާންމުކޮށް, ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވަނީ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހު 02:00 ގެ ނިޔަލަށެވެ. އީސީން ބުނީ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ކޮމިޝަންގެ އީމެއިލް މެދުވެރިކޮށް ކަމަށެވެ. އަދި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި އެ ދާއިރާގެ ރަށްރަށުގެ ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ގުރުނަގާ ނަންބަރު ވެސް ވަނީ ތަރުތީބުކޮށްފައެވެ. ކެންޑިޑޭޓު ނަންބަރު އެކަކީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދެވެ. ކެންޑިޑޭޓު ނަންބަރު ދެއަކީ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމެވެ. އަދި ކެންޑިޑޭޓް ނަންބަރު ތިނަކީ އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީސެވެ. ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށްފައިވާއިރު ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ ކެމްޕެއިން ފަށާފައެވެ.
ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބުރުވަރީ 5ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10ވާ ބުރާސްފަތި ދުވަހުއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މިބާއްވަނީ އެދާއިރާގައި ހުންނެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.