ޖަރުމަންގެ ބްރޯޝިއާ ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި އެވެ.
ޑޯޓްމަންޑް އާއި ޓުޗެލް ހަދާފައިވާ އެއްބަސްވުން އުވާލާފައިވާ ކަން ކްލަބުން ކަށަވަރުކޮށްދީފައިވާއިރު، ޓުޗެލް އާއި ޑޯޓްމަންޑްގެ ކުޅުންތެރިން ދެމެދުގައި ހިތްހަމަނުޖެހުންތަކެއް އުޅޭ ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.
އެގޮތުން ރިޕޯޓްތައް ބުނާގޮތުން ޓުޗެލްއާ މައްސަލަ ޖެހިފައިވަނީ ޓީމުގެ ކެޕްޓަން މާސެލް ޝުމެލްޒާ އާއި މާކޯ ރެއުސްއާ ކަމަށެވެ. އެގޮތުން އުމުރުން 43 އަހަރުގެ ޓުޗެލް ދޫކޮށްލަން ކްލަބުން ނިންމީ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ނިމިގެންދިޔަ ހޮނިހިރު ދުވަހު ޓުޗެލްގެ އިރުޝާދުގެ ދަށުން ޑޯޓްމަންޑުން ވަނީ ޖަރުމަން ކަޕް އުފުލާލާފައެވެ. އެހެންނަމަވެސް އެޓީމަށް މިފަހަރު ބުންޑަސްލީގާގައި ލިބުނީ ތިންވަނަ އެވެ.
Borussia Dortmund und Thomas Tuchel gehen getrennte Wege https://t.co/76XrgBKaOQ pic.twitter.com/RxdIcTacUY
— POKALSIEGER 2017 (@BVB) May 30, 2017
ޑޯޓްމަންޑްގެ ކޯޗުކަމުން ޔާގަން ކްލޮޕް ވަކިވުމާއެކު ޓުޗެލް އެ މަގާމާ ހަވާލުވީ 2015 ވަނަ އަހަރެވެ. ޓުޗެލް ޑޯޓްމަންޑްގެ ކޯޗުކަމާ ހަވާލުވި ސީޒަނުގައި ކްލޮޕްގެ އިރުޝާދުގެ ދަށުން އެޓީމަށް ލިބިފައިވަނީ ލީގުގެ ހަތްވަނައެވެ. އެހެންނަމަވެސް ޓުޗެލްގެ އިރުޝާދުގެ ދަށުން ޑޯޓްމަންޑް ކުޅުނު ފުރަތަމަ ސީޒަން ނިމުނީ ލީގުގެ ދެވަނައިގައެވެ.
ރިޕޯޓްތައް ބުނާގޮތުން ޓުޗެލް ދެން ހަވާލުވާނީ ބަޔާ ލެވަކޫސަންގެ ކޯޗުކަމާ އެވެ. އެގޮތުން އޭނާ އަންނަނީ އެ ކްލަބާއެކު މަޝްވަރާކުރަމުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ކޮލޯންގެ ޕީޓާ ސްޓެޖާ ނުވަތަ ހޮފެންހަމްގެ ނަގެލްސްމަން ބަޔާންގެ ކޯޗުކަމަށް އަންނާނެ ކަމަށް ރިޕޯޓްތައް ވަނީ ބުނަން ފަށާފައެވެ.