ސަރުކާރު ބަދަލުވިއިރު ރާއްޖޭގެ 30 އިންސައްތަ ރަށުގައި ވެސް ފެނާއި ނަރުދަމާ ގާއިމުކޮށްފައި ނެތްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށްފައި ނުވާ ހުރިހާ ރަށެއްގައި އެ މަޝްރޫއުތައް ފަށަން ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ސަރުކާރު ބަދަލުވި އިރު ރާއްޖޭގެ 30 އިންސައްތަ ރަށުގައި ވެސް ފެނާއި ނަރުދަމާ ގާއިމުކޮށްފައި ނެތް ކަމަށެވެ. ނަމަވެސް، މި ފަސް އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ލިބި، އަސާސީ ހައްގު ކަށަވަރުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޕީއެސްއައިޕީ މަޝްރޫއުތަކުގެ އިތުރުން، ސަރުކާރުން މިހާރު ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ވިޔަފާރިތަކަށް ފަހި މާހައުލެއް ހޯދައިދިނުމުގެ މަސައްކަތް ވެސް ކުރައްވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، މިނިސްޓަރ ވަނީ މީގެ ކުރިން ދުވަހަކު ވެސް ޚަރަދުކޮށްފައި ނުވާވަރަށް މި ސަރުކާރުން ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޚަރަދުކޮށްފައިވާނެ ކަމަށެވެ. އެގޮތުން ދުނިޔޭގެ އިޤްތިޞާދު އެންމެ ރަނގަޅު އެއް ދުވަސްވަރު ކަމުގައިވާ 2014ން 2016ށް ރާއްޖޭގައި މިފަދަ މަޝްރޫއުތަކަށް ޚަރަދުކޮށްފައި ނުވާވަރަށް މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ޚަރަދު ކޮށްފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށްފައި ނުވާ ހުރިހާ ރަށެއްގައި އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ޖުމްލަ 15.4 ބިލިއަން ރުފިޔާ ޚަރަދުވާނެއެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި ދުނިޔޭގެ އިޤްތިޞާދު އެންމެ ރަނގަޅަށް އޮތް 2014ން 2016ށް މިފަދަ މަސައްކަތްތަކަށް ޚަރަދުކޮށްފައިވަނީ 12.1 ބިލިއަން ރުފިޔާއެވެ.
މި ސަރުކާރުން ޚަރަދުކުރި ޕީއެސްއައިޕީ މަޝަރޫއުތައް
- 58 ފެނާއި ނަރުދަމާ
- 64 ބަނދަރު
- 16 ރަށެއްގެ މަގު
- 14 ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުން
- 62 އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއު
މިނިސްޓަރު ވިދާޅުވީ އޭގެ ތެރެއިން ބައެއް މަޝްރޫއުތައް މިހާރު މުޅިން ނިންމާލާފައިވާ ކަމަށެވެ. އަދި ގިނަ ޕްރޮޖެކްޓުތަކެއް ޓެންޑާ އަދި ޕްރީޓެންޑަރިންގައި ވެސް އެބަހުރި ކަމަށެވެ.