ރާއްޖެއަކީ އަބަދުވެސް ދޭދޭ ޤައުމުތަކާ ގުޅުން ބަދަހިކުރުމުގައި ލާމަސީލު ޤައުމެކެވެ. އެކި ޤައުމުތަކުގެ ދާޚިލީ ކަންތައްތަކުގައި ބަސްނުބުނެ އެ ޤައުމުތަކާއެކު އިހުތިރާމުން ފުރިފައިވާ ގުޅުމެއް ޤާއިމުކުރަމުން އައި ޤައުމެކެވެ. އެކި ސަރުކާރުތަކުގައި ކަންތައްތައް ކޮށްފައިވަނީ މިގޮތަށެވެ. އަދި ހުރިހާ ޤައުމަކާއެކު ވެސް ހަމަހަމަ ގުޅުންތަކެއް ބާއްވަމުންދިޔަ ޤައުމެކެވެ. ޚާއްސަކޮށް އަވަށްޓެރި ޤައުމުތަކާއެކު ގާތް ގުޅުމެއް ބާއްވަމުން ދިޔައެވެ.
އެހެންނަމަވެސް ވަކި ޤައުމަކަށް ނިސްބަތްކޮށް، ވަކި ޤައުމަކާއި ދެކޮޅަށް ނަފްރަތު އުފެދޭ ގޮތަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ބައެއް ބޭފުޅުން ވާހަކަ ދައްކަވަން ފެށުމުން ރާއްޖެއާއި އެ ޤައުމުތަކާމެދު އޮތް ގުޅުމަށް މިވަނީ ބުރޫއަރާގޮތް ވެފައެވެ. އެގޮތުން އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ފަށާފައިވާ އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުމަށް މިއަންނަނީ ހީނަކުރަމުން އަންނަމުންނެވެ.
މި ކެމްޕެއިންގެ ދަށުން ފާއިތުވި އަހަރު އިދިކޮޅުން ވަނީ އިންޑިއާ އައުޓްގެ ނަމުގައި ތަފާތު މުޒާހަރާތަކާއި އެއްވުންތައް ވެސް ބާއްވާފައެވެ. އަދި ބައެއް މުޒާހަރާތަކުގައި މާލޭގެ މަގުތަކުގައި "އިންޑިއާ އައުޓް" ލިޔެފައިވާ ކަރުދާސްތައް ވެސް އަޅާފައިވެއެވެ. ރައީސް ޔާމީން މިނިވަން ވެވަޑައިގަތުމާއެކު އިންޑިއާ އައުޓް ކެމްޕެއިންގެ އަޑުފައްގަނޑު މިހާރު މިވަނީ ގަދަވެފައެވެ.
ރައީސް ޔާމީން މިއަދު ވިދާޅުވަމުން ގެންދަވަނީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބޭތީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި އެމީހުން ތިބުމުން ނާމާންކަމާއި ބިރުވެރިކަމުގެ އިހުސާސްވާ ކަމަށެވެ. އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބެން ފެންނަ ނުފެންނަ ކަމަށް ވޯޓެއް ނަގަން ޖެހޭ ކަމަށާއި އެ ވޯޓުން ވެސް ރައްޔިތުން ބޭނުންވާ ގޮތް ސާފުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ވޯޓުގެ ނަތީޖާއިން އިންޑިއާގެ އަސްކަރިއްޔާ ސައްޕު ޖަހާފައި ބޭރުކުރާނެ ޔާމީން ވިދާޅުވިއެވެ.
ރާއްޖޭގެ ދާޚިލީ ކަންތައްތަކަށް އިންޑިއާއިން ބާރު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުތަމު ކުރައްވާ ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެހެންނަމަވެސް ފާއިތުވި އަހަރުތަކުގައި ފެންނަ ހުރި މަންޒަރުތަކަށް ބަލާއިރު ރައީސް ޔާމީން ބަންދުގައި ހުންނެވިއިރު ރާއްޖެ ވަޑައިގެން އުޅުއްވި އެ ގައުމުގެ ފޮރިން ސެކްރެޓަރީއާ ބައްދަލުކުރެއްވީ ވެސް ހަމަ އިދިކޮޅުންނެވެ. ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސަރުކާރުން ނުޙައްގުން ދެމުންދާ ކަމަށް ބުނާ އަނިޔާތަކާމެދު ވާހަކަދައްކަވާ މަޝްވަރާ ކުރީ ވެސް އިންޑިއާއާއެކުގައެވެ. މި ބައްދަލުވުމުގައި ދެކެވުނު ވާހަކައިގެ ތެރޭގައި ކޯލިޝަންގެ ކަންބޮޑުވުން ހުރި ތަފާތު ކަންކަން ހުށައެޅިއެވެ.
އަދި ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރ ޑރ. މުޙައްމަދު ވަޙީދު ހަސަން ވަނީ އިންޑިއާއިން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު އިންޑިއާއަށް ތައުރީފު ކުރައްވާ ތަފާތު އެކި ޕޯޑިއަމްތަކުގައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އިންޑިޔާ ފަސްޓް ޕޮލިސީއެއް އެމަނިކުފާނު ޕްރޮމޯޓް ކުރެއްވިއެވެ.
"އަޅުގަނޑުމެންނަކީ އިންޑިޔާ ކަނޑުގައި އޮތް ކުޑަކުޑަ ގައުމެކެވެ. ފިޔާކޮޅުވެސް އަޅުގަނޑުމެން އެތެރެ މިކުރަނީ އުތުރު ކަރައިންނެވެ. ރަމަޟާން މަހަށް އަލުވި، ފިޔާ، މިރުސް ނުލިބުނީމާ އަޅުގަނޑުމެން އަނެއްކާވެސް ޖެހިލަން ޖެހެނީ އުތުރު ކަރަޔާއި ހަމަޔަށެވެ. އިންޑިޔާއާ ހަމައަށެވެ. އަޅުގަނޑުމެންގެ ސިޔާސީ މީހުން ޕޯޑިއަމްތަކަށް އަރައި ޖަޒުބާތާއެކީގައި އެކިއެކި ވާހަކަ ދައްކާއިރު އަޅުގަނޑުމެންނަކީ ކިހާ ނާޒުކު ހިސާބެއްގައި ތިބި ބައެއްކަން ފަހަރެއްގައިވެސް ޚިޔާލަކަށް ނުގެނެއެވެ. މި ސަރަހައްދުގައި އޮތް އެންމެ ބޮޑު ކަނޑަކީ އިންޑިޔާ ކަނޑެވެ. އެ މާސިންގާ ބޮޑު އިންޑިޔާ ކަނޑުގައި އޮތް އެންމެ ކުޑަކުޑަ ޖަޒީރާ އަދި އެންމެ ނިކަމެތި ގައުމަކީ ދިވެހިރާއްޖެއެވެ. އެކަމަކު ދިވެހިރާއްޖޭގެ ސިޔާސީ ބޭފުޅުންނަކީ މުޅި ސަރަހައްދަށް ނުކަތާވަރުގެ ސިޔާސީ ބޭފުޅުންނަށް މިއަދު ވެއްޖެ" މިއީ ވެސް ރައީސް ޔާމީން އޭރު ދެއްކެވި ވާހަކަތަކެވެ.
މިހާރު މަންޒަރު ބަދަލުވެ ރާގުތައް ބަދަލުވި ނަމަވެސް އިންޑިއާ އަކީ ރާއްޖެއަށް އަބަދުވެސް އެހީތެރިކަން އެންމެ ބޭނުންވި ވަގުތުގައި އެ އެހީތެރިކަން ފޯރުކޮށްދީފައިވާ އެއް ޤައުމެވެ. އެގޮތުން އެގޮތުން ނޮވެމްބަރ 3، 1988 ވަނަ އަހަރުގައި ހިނގައިދިޔަ ހާދިސާގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިންޑިއާއިން ރާއްޖޭގެ ދިފާއުގައި ނުކުމެފައިވާއިރު 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގެ ކާރިސާގައި ސުނާމީ ރިލީފް އަދި ރިހެބިލިޓޭޝަން އޮޕަރޭޝަންތަކުގައި އަދި 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި އިންޑިއާ އަސްކަރިއްޔާއިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެއަށް އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށްދިން ޤައުމަކަށް އިންޑިއާވެފައިވާއިރު އިންޑިއާ އެއަރފޯސްއިން ލޯންޗް ކުރި "އޮޕަރޭޝަން ސަންޖީވާނީ" ގައި އިންޑިއާއިން ވަނީ ވައިގެ މަގުން އިންޑިއާގެ ހަތަރު ސިޓީއަކުން ރާއްޖެއަށް ބޭނުންވާ ޒާރޫރީ ބޭސް އަދި ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް 580 ޓަނުގެ ކާނާ ރާއްޖެއަށް ފޯރުކޮށްދީފައެވެ.
މީގެއިތުރުން އިންޑިއާ އަސްކަރިއްޔާއިން 2010 ވަނަ އަހަރު އަދި 2016 ވަނަ އަހަރު ފޯރުކޮށްދީފައިވާ ހެލިކޮޕްޓަރތައް އީއީޒީ ސަވެއިލަންސް އަދި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް އެމްއެންޑީއެފްގެ ކޮމާންޑް އާއި ކޮންޓްރޯލްގެ ދަށުން ބޭނުން ކުރަމުންދާއިރު 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ހަދިޔާކުރެވުނު ޑޯނިއަރ އެއަރކްރާފްޓްގެ ސަބަބުން އެމްއެންޑީއެފްއަށް އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި އިތުރު ކުރިއެރުންތަކެއް ލިބިފައިވެއެވެ.
ރާއްޖެއިން އެހީތެރިކަމުގެ އަތެއް ބޭނުންވި ކޮންމެ ވަގުތެއްގައި އިންޑިއާ އިން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ރާއްޖެ އާއި އެންމެ ފުރަތަމަ ސިޔާސީ ގުޅުން ޤާއިމުކުރި ޤައުމުތަކުގެ ތެރޭގައި ތިންވަނަ އަށް އިންޑިއާ ހިމެނޭއިރު މި ގުޅުންތަކަށް އިހުތިރާމް ކުރަން ޖެހެއެވެ. ރާއްޖެއާ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތަކާ ގުޅޭގޮތުން ފިތުނަ އުފައްދައި ގޯސް ތުހުމަތުތަކެއް ފެތުރުމަކީ، ރާއްޖެއަށް އަބަދުވެސް އެހީތެރިވެދޭ އަވަށްޓެރި ގާތް އެކުވެރި ގައުމުތަކާމެދު އޮންނަ ބަދަހި ގުޅުންތަކަށް ނޭދެވޭ އަސަރުކުރާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.
ސަރުކާރުން ބުނީ، ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއިން ޒަމާންވީ ބަދަހި ގުޅުންތައް ބާއްވަމުން އަންނަ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަކީ ގައުމުތަކުގެ ދެމެދުގައި އޮންނަ އިހުތިރާމާއި ރާއްޖޭގެ ދާޚިލީ ގާނޫނުތަކާއި އެއްގޮތަށް މި ސަރުކާރުން ނަގަހައްޓާނޭ ގުޅުންތަކެއްކަމަށެވެ. އަދި އެފަދަ ގުޅުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި ސަރަހައްދީ ރައްކާތެރިކަމަށް ނުރައްކަލެއް ނުވާނެ ކަމަށާއި، އޭގެ ބަދަލުގައި އެފަދަ ގުޅުންތަކުގެ ސަބަބުން ރާއްޖެއަށް ފައިދާވެ، އެ ފައިދާތައް ރާއްޖޭގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެކަމަށް ބަޔާނުގައި ސަރުކާރުން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން މިހުރިހާ ކަމަކަށް ވިސްނައި ރާއްޖެއާއި އަވަށްޓެރި ޤައުމުތަކާއި ދެމެދު އޮންނަ ގުޅުމަށް އިހްތިރާމުކޮށް ހުރިހާ ފަރާތްތަކުން ވެސް އެ ގުޅުން ދަމަހައްޓަން މަސައްކަތް ކުރަން ޖެހެއެވެ. އެހެންނޫންކަމަށްވާނަމަ މިކަމުގެ ހިތި ހަމަ ފެންނާނީ ދިވެހި ރައްޔިތުންނަށެވެ.