ކ. މާލެ
|
30 މެއި 2017 | އަންގާރަ 21:22
މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)
މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)
ޖައްޒެ
އޭއެފްސީ ކަޕް
ބެންގަލޫރު ބަލިކޮށް ތާރީހު ބަދަލުކޮށްލަން މަސައްކަތްކުރާނަން: އަސައްކޮ
މެޗު އެއްވަރުކޮށްގެންވެސް މާޒިޔާއަށް ދެވަނަ ބުރަށް ދެވޭނެ
މާޒިޔާ އޮތީ 12 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި
ގްރޫޕްގައި މާޒިޔާ ބަލިވީ ހަމައެކަނި ބެންގަލޫރު އަތުން

އިންޑިއާގެ ބެންގަލޫރު އެފްސީ ބަލިކޮށް ތާރީހު ބަދަލުކޮށްލަން މަސައްކަތްކުރާނެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު އަސަދުﷲ އަބްދުﷲ (އަސައްކޮ) ބުނެފި އެވެ.

 

މެޗުގެ ކުރިން ރާއްޖެއެމްވީއަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި އަސައްކޮ ބުނީ ބެންގަލޫރާ ދެކޮޅަށް މިދިޔަ އަހަރުވެސް މާޒިޔާ ކުޅުނު މެޗުން ބަލިވެފައިވަނީ ފަހުވަގުތު ކަމަށާއި، އަދި މި އަހަރު ގްރޫޕް ސްޓޭޖުގައި ރާއްޖޭގައި ކުޅުނު މެޗުގައިވެސް ބަލިވީ ފަހުވަގުތު ކަމަށެވެ. އެގޮތުން އޭނާ ބުނީ ބެންގަލޫރު ދަނޑުގައި ބުދަ ދުވަހު ކުޅޭ މެޗުގައި ތަފާތު ފެންނާނެ ކަމަށާއި، މާޒިޔާ ނިކުންނާނީ ސީދާ ތިން ޕޮއިންޓް ހޯދާ ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށް ދެވަނަ ބުރުގެ ޖާގައެއް ހޯދާ ތާރީހު ބަދަލުކޮށްލުމަށް ކަމަށެވެ.

 

މީގެއިތުރުން އަސައްކޮ ބުނީ މާޒިޔާ އަށް މީގެ ކުރިން އޭއެފްސީ ކަޕްގައި ދެވަނަ ބުރަށް ދިޔުމަށް މިވަރުގެ ރަނގަޅު ފުރުސަތެއް ނުލިބޭ ކަމަށާއި، ހުރިހާ ކުޅުންތެރިންވެސް ތިބީ ބެންގަލޫރު ބަލިކުރަށް ތައްޔާރަށް ކަމަށެވެ.

 

ބެންގަލޫރާ ދެކޮޅަށް ނިކުންނައިރު، ހޯމް އެޑްވާންޓޭޖް ބެންގަލޫރު ޓީމަށް ނެގިދާނެ ކަމާމެދު އަސައްކޮ ވަނީ ސުވާލު އުފައްދާފައެވެ. އަސައްކޮ ބުނި ބެންގަލޫރު އަދި ރާއްޖެއާ މޫސުން ވަރަށް އެއްގޮތް ކަމަށާއި، ދަނޑުމަތީގައި ފީލް ތަފާތުވާނެ ކަމަށް އޭނާ ނުދެކޭ ކަމަށެވެ.

 

އެހެންނަމަވެސް އަސައްކޮ ބުނީ އެންމެ ފަހުން ބެންގަލޫރު އަދި މާޒިޔާ ބައްދަލުކުރި މެޗުގައިވެސް އެޓީމުން ލަނޑު ޖަހާފައިވަނީ އެންމެ ފަހު ސިކުންތު ކޮޅުގައި ކަމަށާއި، ކުރިޔަށް އޮތް މެޗަށް ނިކުންނަ އިރު މާޒިޔާ ވާނީ އެކަމަށް ސަމާލުވެފައި ކަމަށެވެ. އެގޮތުން އޭނާ ބުނީ އޭނާ ދެކޭ ގޮތުގައި މެޗުގެ 90 މިނެޓު ހަމަވެގެންދޭ އިތުރުވަގުތަކީ މެޗުގައި އެންމެ މުހިންމު ވަގުތުކޮޅު ކަމަށެވެ.

 

އޭއެފްސީ ކަޕްގައި މާޒިޔާ ހިމެނެނީ ގްރޫޕް އީގައެވެ. ގްރޫޕް އީގައި މާޒިޔާ އާއި ބެންގަލޫރުގެ އިތުރުން ދެން ހިމެނެނީ އިންޑިއާގެ މޯހަން ބާގަން އަދި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް އެވެ.

 

މާޒިޔާ ވަނީ ގްރޫޕް ސްޓޭޖުގައި މިވީތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްފައެވެ. މާޒިޔާ ބަލިވީ ރާއްޖޭގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުން އެކަނިއެވެ. އެ މެޗުންވެސް މާޒިޔާ ބަލިވީ އެންމެ ފަހުވަގުތު ބެންގަލޫރު ޖެހި ލަނޑުންނެވެ.

 

ގްރޫޕަށް ބަލާއިރު، މާޒިޔާ އޮތީ 12 ޕޮއިންޓާއެކު އެއްވަނައިގަ އެވެ. ދެވަނައިގައި ނުވަ ޕޮއިންޓާއެކު ބެންގަލޫރު އޮތްއިރު، ތިން ވަނައިގައި ހަ ޕޮއިންޓާއެކު އޮތީ މޯހަން ބާގަން އެވެ. ގްރޫޕްގެ ފުލުގައި ތިން ޕޮއިންޓާއެކު އޮތީ އަބަހާނީ އެވެ.

 

އޭއެފްސީކަޕްގެ ގަވާއިދަށާއި އޮނިގަނޑަށް ގެނައި ބަދަލުތަކާއި ގުޅިގެން މިއަހަރުން ފެށިގެން ދެވަނަ ބުރަށް ދަތުރުކުރަނީ ގުރޫޕުގެ އެއްވަނައަށް ދާ ޓީމު އެކަނިއެވެ. މީގެއިތުރުން ޕޮއިންޓްގެ ގޮތުން ދެޓީމު އެއްވަރުވެއްޖެ ނަމަ ނަތީޖާ ކަނޑައަޅާނީ ދެޓީމު ބައްދަލުކުރި ފުރަތަމަ މެޗަށް ބަލާފައެވެ. ދެޓީމު ބައްދަލުކުރި ފުރަތަމަ މެޗު އެއްވަރުވެއްޖެ ނަމަ ދެން ބަލާނީ ލަނޑުގެ ތަފާތަށެވެ.

 

ލަނޑުގެ ތަފާތަށް ބަލާއިރު، މާޒިޔާ ވަނީ ހަ ލަނޑުގެ ތަފާތެއް ހޯދާފައެވެ. ބެންގަލޫރަށް ބަލާއިރު، އެޓީމަށް އެންމެ ފައިދާ ލަނޑެއްވެސް ލިބިފައެއް ނުވެއެވެ. އެގޮތުން މާޒިޔާއަށް ދެވަނަ ބުރަށް ދަތުރުކުރުމުގައި އޮތީ ބެންގަލޫރު އެފްސީ ބަލިކޮށްގެން ނުވަތަ މެޗު އެއްވަރުކޮށްގެންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް