މިފަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި އަންހެން ގައުމީ ޓީމުން ދެއްކި ކުޅުމަށް ބަލާއިރު، އެ ޓީމުގެ ކުރިމަގު އުޖާލާކަމަށް ގައުމީ ޓީމުގެ ކޯޗު މުމްތާޒް އަލީ (މުންތޭ) ބުނެފިއެވެ.
މި މުބާރާތުގެ ފައިނަލުގައި 2019 ވަނަ އަހަރު ރާއްޖޭގެ އަންހެން ގައުމީ ޓީމު ކުޅުނުއިރު އެ މުބާރާތުގެ ފައިނަލުން ނޭޕާލާ ވާދަކޮށް ރާއްޖެއިން ވަނީ ބަލިވެފައެވެ.
މިއަހަރުގެ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ރާއްޖެއިން ބަލިވި ނަމަވެސް ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއެކު އަންހެން ގައުމީ ޓީމަށް އޮތް އުންމީދު ބޮޑެވެ.
މުބާރާތުގެ ފަހު މެޗުގައި ބަންގްލަދޭޝް އަތުން 3-2 ސެޓުން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން މުންތޭ ބުނީ މި މުބާރާތުގައި ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަކީ އުންމީދީ ކުޅުމެއް ކަމަށެވެ. ވަކިން ހާއްސަކޮށް ޒުވާން ކުޅުންތެރިން ކުރި ހިއްވަރު ފާހަގަކުރާ ކަމަށާއި، މެޗު ތަޖުރިބާ މަދު ކުޅުންތެރިންނާ އަޅާބަލާއިރު ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުން ތަފާތު ކަމަށެވެ.
މުންތޭ ބުނީ ސެންޓްރަލް ޒޯނަށް ރާއްޖެއިން ނުކުތީ ވޮލީގައި އިދިކޮޅަށް ފަށައިގެން ކަމަށާއި، ސަބަބަކީ ވޮލީ ލީގެއް ނުކުޅެ ގައުމީ ޓީމު އެކުލަވާލަން ޖެހުން ކަމަށެވެ. އަދި ރަނގަޅު ލީގެއް ކުޅެފައި މި މުބާރާތައް އައިނަމަ 100 އިންސައްތަ ޔަގީންކަމާއެކު މި މުބާރާތުގައި ވާދަކުރެވޭނެ ފެންވަރު ރާއްޖޭގައި ހުރިކަން ދައްކުވައިދޭނެ ކަމަށް މުންތޭ ބުންޏެވެ.
ވޮލީގައި މިފަހަރު މި ފަށައިގަންނަން ޖެހުނީ އިދިކޮޅަށް. މިހެން މި ބުނީ ލީގެއް ނެތި ޓީމު އެކުލަވާލަން ޖެހުމުން. އެހެން އެވީ ކޮވިޑްގެ ސަބަބުތަކާހުރެ. އަޅުގަނޑު 100 ޕަސެންޓް ޔަގީންކަން އަރުވަން ރަނގަޅު ލީގަކަށްފަހު މި ޓީމު ގޮވާގެން އައިސް މި މުބާރާތުގައި ވާދަކުރެވޭނެ.އަންހެން ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުމްތާޒް އަލީ (މުންތޭ)
މިފަހަރުގެ މުބާރާތަށް ރާއްޖެއިން ނުކުތީ ޒުވާން ކުޅުންތެރިންގެ ސްކޮޑަކާއެކުގައެވެ. އެގޮތުން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ބައިވެރިވި އަންހެން ގައުމީ ޓީމުގެ ސްކޮޑުގެ އެވެރެޖު އުމުރަކީ 20 އަހަރާއި 23 އަހަރާއި ދެމެދެވެ. އަދި މި މުބާރާތުގައި ކުޅުނު ހަތަރު ކުޅުންތެރިން ފިޔަވާ ދެން ތިބި ކުޅުންތެރިންނަކީ މުޅިން އަލަށް ބައިނަލްއަގްވާމީ މުބާރާތުގައި ކުޅުނު ކުޅުންތެރިންނެވެ.