ކ. މާލެ
|
28 ޑިސެންބަރ 2021 | އަންގާރަ 19:00
ނައިބު ރައީސް ފައިސަލް ނަސީމް، މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ ހުޅުވުމުގެ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ
ނައިބު ރައީސް ފައިސަލް ނަސީމް، މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ ހުޅުވުމުގެ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ވައިގެ ދަތުރުފަތުރުގެ ސިނާއަތު ކުރިއެރުވުން
ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ ދާއިރާއިން މީހުން ބިނާކުރުމަކީ މުހިންމު ކަމެއް: ނައިބު ރައީސް
މި ސްކޫލްގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް، ކޯހަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
ފުރަތަމަ އިސްކަން ދެނީ އެކި ސަބަބުތަކާ ހުރެ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނަށް
މި ސަރުކާރުންވެސް އެންމެ އިސްކަމެއްދޭ އެއް ސިޔާސަތަކީ އެކި ސިނާއަތްތަކުން މީހުން ބިނާކުރުން

ރާއްޖޭގެ ތަރައްގީއާއި އިގުތިސާދީ ހަރަކާތްތައް ފުޅާވެގެންދާއިރު، ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ ދާއިރާއިން މީހުން ބިނާކުރުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު، މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ ހުޅުވުމުގެ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީއަކީ، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން، 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޗެކް ރިޕަބްލިކްގެ ޕްލައިން ސްކޫލެއް ކަމަށްވާ ފްލައިންގ އެކެޑަމީއާ ގުޅިގެން ހިންގާ ފްލައިންގ ސްކޫލެކެވެ. މި ސްކޫލްގައި ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް މިއަދުން ފެށިގެން ކޯހަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވީ ނަމަވެސް ފުރަތަމަ އިސްކަން ދެނީ އެކި ސަބަބުތަކާ ހުރެ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނަށެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ހުޅުވުނު މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އަކީ ސަރުކާރުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތްތަކުގެ ނަތީޖާކަމަށާއި، މި ސަރުކާރުން މިފަދަ މަޝްރޫއެއް ހިންގަން އިސްނަގާފައި ވަނީ ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވި ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ ވައިގެ ދަތުރުފަތުރު ކުރުމަށް އަންނަމުންދާ ހެޔޮ ބަދަލުތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ރައީސް ވެސް އަދި މި ސަރުކާރުން ވެސް އެންމެ އިސްކަމެއްދޭ އެއް ސިޔާސަތަކީ އެކި ސިނާއަތުތަކުން މީހުން ބިނާކުރުންކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ރާއްޖޭގެ އުމްރާނީ ތަރައްގީ ކުރިއަރަމުންދާ ވަރަކަށް، ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާ ގުޅޭގޮތުން ވެސް ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އަދި މި ދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުން މަސައްކަތުގެ މާހައުލަށް ނުކުމެ އެކަކު އަނެކަކާ ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް