ސަރަހައްދީ ވޮލީބޯޅައިގެ މައި ޖަމިއްޔާ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ)ގެ އޮފީސް ރާއްޖޭގައި ގާއިމް ކުރުމަށް ފުރުސަތު ތަނަވަސްކޮށްދީފިނަމަ ކާވާގެ ފުރަތަމަ ހެޑް އޮފީސް ގާއިމް ކުރާނީ ރާއްޖޭގައި ކަމަށް ކާވާގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ދިވެހިންގެ ތެރެއިން ސަހައްދީ ކުޅިވަރު ޖަމިއްޔާއެއްގެ ރައީސްގެ ގޮތުގައި ހަމަ އެކަނި ހުންނެވި ލަތީފް ވިދާޅުވީ މި ދުވަސްވަރަކީ އޭޝިއާގެ ވޮލީބޯޅައިގެ މައިޖަމިއްޔާ އޭޝިއަން ވޮލީބޯޅަ ފެޑަރޭޝަން (އޭވީސީ) ރިފޯމް ކުރާ ދުވަސްވަރު ކަމަށާއި ކާވާ އަކީ އޭވީސީގެ ގުނަވަނަކަށްވާއިރު ސެންޓަރަލް އޭޝިއާ އަދި ސައުތުއޭޝިއާގެ ޒިންމާތައް އަދާކުރަނީ ކާވާ ކަމަށެވެ. އެހެންކަމުން ދުނިޔޭގެ ވެސް އެންމެ ބައިބޯ އަދި ވޮލީގެ ބާރުގަދަ ޖަމިއްޔާގެ ހެޑް އޮފީސް ރާއްޖޭގައި ގާއިމް ކުރެވިގެންދިޔުމަކީ ކުޅިވަރަށް އެކަމުން އެތައް ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ލަތީފް ވިދާޅުވިއެވެ.
"ކާވާގެ ހެޑް އޮފީސް އަދި ވަކިތާކު ގާއިމްކުރެވިފައެއް ނެތް. އޮފީސް ގާއިމް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން. ބަޔެއް ގައުމުތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އެގައުމުތަކުގައި އޮފީސް ގާއިމް ކުރުމަށް. މިއީ ވަރަށް މުހިންމު ވަގުތުކޮޅެއް ރާއްޖެއަށް އޮފީސް ގެނައުން. އެފުރުސަަތު މިހާރު އޮތީ ރާއްޖެއަށް ހުޅުވިފައި.ކާވާގެ ރައީސް މުހައްމަދު ލަތީފް
ކާވާގެ ހިންގުން ހަރުދަނާކުރުމަށް މިހާރު ވަރަށް ގިނަ މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި އޭގެ ތެރޭގައި ކާވާގެ ހިންގާ ގަވައިދު އިސްލާހު ކުރުމާއެކު އަސާސީ ގަވައިދު މިހާރު ވަނީ ފާސްކޮށް ރަޖިސްޓްރީކުރެވިފައި ކަމަށް ލަތީފް ވިދާޅުވިއެވެ.
ހެޑް އޮފީސް ގާއިމް ކުރުމާއި ގުޅޭ ގޮތުން ރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފަށް ސިޓީއަކުން ދަންނަވާނެ ކަމަށާއި އޭވީސީގެ ހެޑް އޮފީސް ތައިލެންޑްގައި ގާއިމްކޮށްފައިވާއިރު ހެޑް އޮފީހެއް ހުރުމުން އެކަމުގެ ފައިދާ ތައިލެންޑަށް ކުރަމުންދާ ކަމަށާއި އެގައުމަށް އޭވީސީގެ ގިނަ މުބާރާތެއްތަކެއް ލިބުމާއެކު މިއަދު ތައުލެންޑްގެ ވޮލީ ވަނީ އެތައް ގުނައެއް ކުރިއަރާފައި ކަމަށް ލަތީފް ވިދާޅުވިިއެވެ.
އޮފީހާއެކު އިދާރީ މުއްވަޒަފުން ލިބި ސަހަރައްދީ ބާރުވެރިކަން ރާއްޖެއަށް ލިބިގެންދާއިރު ކޮންމެ މީހަކު ކާވާގެ ރައީސްއަކަށް ހުރި ނަމަވެސް އޮފީސް ހުންނާނީ އޭރުން ރާއްޖޭގައި ކަމަށް ލަތީފް ވިދާޅުވިއެވެ.
14 ގައުމު ހިމެނޭ ކާވާގެ މުބާރާތްތައް ބޭއްވިގެންދާއިރު މިހާރުވެސް އެންމެ ބޮޑަށް ބަލަނީ ދިވެހިންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމަށާއި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނަށް ބޭނުންވާ އެހީތެރިކަން އެންމެ ފުރިހަމައަށް ހޯދައިނުމަކީ އެންމެ ބޮޑު އަމާޒުކަމަށާއި އެކަން މި ދައުރުގައި ކުރާ ކަމަށް ލަތީފް ވިދާޅުވިއެވެ.
"އަޅުގަނޑަކީ ފުރަތަމަ ދިވެއްސެއް. އެހެންވީމާ ދިވެއްސަކު ހުންނަ ޖަމިއްޔާއަކުން ދިވެހިންނަށް ވީހާ ވެސް ގިނަ ފުރުސަތު ހޯދައިދިނުމަކީ ދިވެހިމީހާ ކުރަންޖެހޭނެ ކަމެއް. އެހެން ކަމުން އެއީ އަޅުގަނޑުކުރަން ޖެހޭނެ ކަމެއް. އަޅުގަނޑު ވަރަށް މަސައްކަތް ކުރާނަން މި ދައުރުގައި ވީހާވެސް ގިނަ ފުރުސަތު ދިވެހިންނަށް ހޯދައިދިނުމަށް. އަދި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނަށް ބޭނުންވާ ކޮންމެ ކަމެއްގައި ފުރިހަމައަށް އަޅުގަނޑަށް ދެވުނު އެއްބާރުލުމެއް ދީގެން މަސައްކަތް ކުރުމަކީ އަޅުގަނޑުގެ ޒިންމާއެއް. އެކަން ކުރާނަން.ކާވާގެ ރައީސް މުހައްމަދު ލަތީފް
ކާވާގެ ހަރަކާތްތައް ބާރު ސްޕީޑްގައި ކުރިޔަށްދާއިރު ބަންގްލަދޭޝްގައި ހޯމަ ދުވަހު ވަނީ ކާވާގެ އަހަރީ ޖަލްސާ ކުރިޔަށްގެންގޮސް 2022 ވަނަ އަހަރުގެ ކަލަންޑަރު ފާސްކޮށްފައެވެ.
2022 ވަނަ އަހަރުގެ މުބާރާތްތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް ބާއްވަން އިއުލާން ކުރި ސެންޓްރަލް އޭޝިއަން ވޮލީބޯޅަ ޗެލެންޖް ކަޕްގެ ފިރިހެން އަދި އަންހެން މުބާރާތް ރާއްޖޭގައި ބާއްވަން މިހާރު ވަނީ ނިންމާފައެވެ.