ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ކުޅުނު ފަހު މެޗުގައި ލަންކާ އަތުން ބަލިވެއްޖެއެވެ.
އުނދަގޫ ހާލަތެއްގައި މިފަހަރުގެ މުބާރާތައް ރާއްޖެއިން ބަންގްލަދޭޝްއަށް ދަތުރުކުރިއިރު، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. ދެވަނަ މެޗުގައި އުޒްބެކިސްތާނުން ފަހަތުން އަރައި 3-1 ސެޓުން ރާއްޖެ ބަލިކުރިއިރު، ތިންވަނަ މެޗުގައި ނޭޕާލުން ރާއްޖޭގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.
ހޯމަ ދުވަހު ކުޅުނު ފަހު މެޗުގައި ސްރީލަންކާއިން ރާއްޖޭގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ލަންކާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ސެޓު ފެށިގެން ލީޑު ދަމަހައްޓައިފައެވެ. މި ސެޓު ލަންކާއިން ގެންދިޔައީ 25-19 އިންނެވެ.
މެޗުގެ ދެވަނަ ސެޓުގައި ރާއްޖެއިން ތަފާތު މޮޅަށް ކުޅެފައިވާއިރު، މި ސެޓުގައި ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަލީ ހުޒާމް (ހުޒަންޓޭ)ގެ އިތުރުން ހަސަން ނިލާމް (ޕާޓޭ) ގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ފެނިގެންދިޔައެވެ. މީގެ އިތުރުން ސެންޓަރއަށް ކުޅޭ އާދަމް ފައިރޫޒްގެ ފަރާތުން މި ސެޓުގައި ރަނގަޅު ބްލޮކުތަކެއް ފެނިގެންދިޔައެވެ. މި ސެޓު ރާއްޖެއިން ގެންދިޔައީ 26-24 އިންނެވެ.
ތިންވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ސެޓުގެ ކުރީކޮޅު ރާއްޖެއިން ވަނީ ލީޑު ނަގައިފައެވެ. އެކަމަކު ލަންކާ ޓީމުން ހަމަޔަކަށްއެޅި ރަނގަޅު އެޓޭކްތަކެއްކޮށް މި ސެޓު އެޓީމުން ގެންދިޔައީ 25-23 އިންނެވެ.
އަދި ތިންވަނަ ސެޓު ނިންމާލި ފޯމުގައި ހަތަރުވަނަ ސެޓުގައިވެސް ލަންކާ ޓީމުން ކުޅެފައިވާއިރު މި ސެޓު އެޓީމުން ގެންދިޔައީ 25-19 އިންނެވެ.
މި މެޗުގައި މި ފަހަރު ސްކޮޑުގައި ހިމެނުނު ޒުވާން ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ވަނީ ދީފައެވެ. އެގޮތުން އެކްސެލެންސް ޕްރޮގްރާމްގެ ތެރެއިން ސީނިއާ ސްކޮޑުގައި ހިމެނުނު މާއިޝް އަޙްމަދު، އަޙްމަދު ނާފިއު އަދި އަލީ ޝާމިލް މުޙައްމަދު ވަނީ މި މެޗުގައި ކުޅެފައެވެ.