ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުަގައި ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމުން ކުޅުނު ފަހު މެޗުން ބަންގްލަދޭޝް އަތުން ބަލިވެއްޖެއެވެ.
ޒުވާން ޓީމަކާއެކު މި މުބާރާތަށް ރާއްޖެއިން ނުކުތްއިރު މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އުޒްބެކިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވިއިރު، ދެވަނަ މެޗުގައި ނޭޕާލު އަތުން ބަލިވީވެސް ސީދާ ތިން ސެޓުންނެވެ. ތިންވަނަ މެޗުގައި ލަންކާ އަތުން ސީދާ ތިން ސެޓުން ބަލިވިއިރު ކިރްގިސްތާން އަތުންވެސް ބަލިވީ ސީދާ ތިން ސެޓުންނެވެ.
ގައުމީ ސީނިއާ އަންހެން ވޮލީ ޓީމުގެ އެވެރެޖް އުމުރަކީ 20-23 އަހަރާ ދެމެދެވެ. އަދި މި މުބާރާތަށް ނުކުތް ޓީމުގައި ގިނައީ މީގެ ކުރިން ބައިނަލްއަގުވާމީ މެޗުތަކުގެ ތަޖުރިބާ ލިބިފައިނުވާ ކުޅުންތެރިންނެވެ.
ހޯމަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ޖުމްލަ ގޮތެއްގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މި މެޗު ބަންގްލަދޭޝްއިން ކާމިޔާބުކުރީ 3-2 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ އާމިނަތު ޝަހާ ޝާމިން އާއި އާމިނަތު އަރީޝާ (އަރީ)ގެ ފަރާތުން މޮޅު އެޓޭކްތަކެއް ފެނިގެންދިޔައިރު މި ސެޓު ލީޑުކޮށްގެން ކުޅެފައިވަނީ ރާއްޖެއިންނެވެ. މި ސެޓު ރާއްޖެއިން ނިންމާލީ 25-17 އިންނެވެ.
އެކަމަކު ދެވަނަ ސެޓުގައި ބަންގްލަދޭޝްއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ރާއްޖެއަށް ޕްރެޝަރުކުރިއެވެ. އަދި މި ސެޓުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނުނެވެ. މުހިންމު ދަނޑިވަޅުގައި ގިނަ ސާވިސްތަކެއްވެސް ރާއްޖޭގެ ކުޅުންތެރިން އަތުން ގެއްލުނެވެ. މި ސެޓު ބަންގްލަދޭޝްއިން ކާމިޔާބުކުރީ 18-25 އިންނެވެ.
ތިންވަނަ ސެޓުގައިވެސް ބަންގްލަދޭޝް ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނުއިރު މި ސެޓުގެ ކުރީކޮޅު ބަންގްލަދޭޝްއިން ވަނީ ހަ ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެކަމަކު ސެޓުގެ އެކި ހިސާބުތަކުން އަރީ އާއި ޝަހާގެ އިތުރުން ފާތިމަތު ޝަމްހާގެ މޮޅު އެޓޭކުތަކާއެކު ރާއްޖެއިން ބަންގްލަދޭޝްއަށް ޕްރެޝަރުކުރިއެވެ. މި ސެޓު ބަންގްލަދޭޝްއިން ގެންދިޔައީ 23-25 އިންނެވެ.
ހަތަރުވަނަ ސެޓުގައި ރާއްޖޭން ކުޅުން ރަނގަޅުކުރިއިރު މި ސެޓުގައި ބަންގްލަދޭޝް ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އެއާއެކު މި ސެޓު ރާއްޖެއިން ކާމިޔާބުކުރީ 25-23 އިންނެވެ.
ފަހު ސެޓުގެ ކުރީ ކޮޅު ބަންގްލަދޭޝްއިން ފަސް ޕޮއިންޓެއްގެ ލީޑެއް ވަނީ ނަގައިފައެވެ. އެކަމަކު މުހިންމު ވަގުތުގައި އާމިނަތު ރާޝިދާގެ ފަރާތުން މޮޅު ސާވިސްތަކެއް ފެނިގެންދިޔައެވެ. މި ސެޓު ބަންގްލަދޭޝްއިން ކާމިޔާބުކުރީ 15-17 އިންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗު މުންތާޒް އަލީ (މުންތޭ) ބުނީ މެޗުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއިމެދު ހިތްހަމަ ޖެހޭ ކަމަށާއި، ހާއްސަކޮށް ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ. އަދި މެޗުން ބަލިވީ ރެފްރީން ހެދި ގޯސްތަކުގެ ސަބަބުން ކަމަށް މުންތޭ ވަނީ ބުނެފައެވެ.
މި ފަހަރުގެ ސެންޓްރަލް ޒޯން އަންހެން މުބާރާތުގައި ރާއްޖެއާއެކު ވާދަކުރާނީ އުޒްބެކިސްތާނުގެ އިތުރުން ބަންގްލަދޭޝް އާއި، ނޭޕާލާއި، ސްރީ ލަންކާ އަދި ކިރްގިސްތާނެވެ. މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސްރީލަންކާ އާއި އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލެވެ.