ގދ. މަޑަވެއްޔާ އެއް ފަޅެއްގައި އޮންނަ ހާދޫ، މަޑަވެލީގެ އިހުތިޞާސްގެ ތެރޭގައި ހިމަނަން އެ ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ އަރިހުގައި އެދިވަޑައިގެންފިއެވެ.
ފިރުޝާން ރައީސް ޞާލިޙަށް ފޮނުއްވި ސިޓީގައި ވަނީ މަޑަވެއްޔަކީ ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެއް ކަމަށާއި ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ވަސީލަތްތަކާއި ކައުންސިލަށް އާމްދަނީ ހޯދުމަަށް ކުރެވޭނެ މަސައްކަތް ވެސް މަދު ކަމަށެވެ.
ރަށުގެ އިހުތިސާސްގައި އޮތީ ހަމައެކަނި ކުޑަކުޑަ ރަށެއްކަމަށާއި ބިން ހިއްކުމުގެ މަޝްރޫއުއާ އެކު އެރަށް ވެސް ވެެގެންދާނީ މަޑަވެލީގެ ބަޔަކަށްކަމަށް ފިރުޝާން ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން ކައުންސިލަށް އާމްދަނީ ހޯދުމަށް ދަތިތައް ހުރިކަމަށް ވިދާޅުވެފައިވެއެވެ.
ހާދޫ އާއި މަޑަވެލި، ހޯޑެއްދޫ ކޯޒްވޭއިން ގުޅާފައި އޮތްއިރު ހާދޫ އަކީ މެދަށް އޮންނަ ރަށް ކަމަށާއި މި ރަށަކީ ހޯޑެއްދޫ އާއި މަޑަވެލީގެ އިހްތިޞާސަށް ވެސް އަރައި ރަށެއް ކަމަށް ފިރުޝާން ވިދާޅުވިއެވެ. ސަރުކާރުގެ ބެލުމުގެ ދަށުގައި ހާދޫ އޮތުމާއި ހޯޑެއްދޫގެ އިހްތިސާސްގައި އިތުރު ރަށްތައް ވެސް ހުރުމާ އެކު ފިރުޝާން އެދިވަޑައިގަތީ ހާދޫ، މަޑަވެލީގެ އިހްތިޞާސްގައި ހިމެނުމަށެވެ. އެއީ އެ ރަށުގެ މަންފާ މަޑަވެއްޔަށް ލިބޭނެތީ ކަމަށް ވިދާޅުވިއެވެ.
"ހާދޫގައި ލޯކަލް ޓޫރިޒަމް، ދަނޑުވެރިކަން، މަސް ކެއްކުމާއި ހިއްކުން އަދި ހުއިފިލަނޑާ ދިރުވައި އާލާކުުރުން ފަދަ އިޤްތިޞާދީ އަދި ސިނާޢީ ގިނަ މަސައްކަތްތަކެއް ކުރެވި، އެކަމުގެ މަންފާ ދެ ރަށަށް ލިބިގެންދާނެކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން." ސިޓީގައިވެއެވެ.
އެހެންކަމުން ގދ. ހާދޫ މަޑަވެލީގެ އިހުތިޞާސްގެ ތެރޭގައި ހިމެނުމަށް އެދިވަޑައިގަންނަވާކަމަށް ސިޓީގައިވެއެވެ.
މަޑަވެލި-ހާދޫ އަދި ހޯޑެއްދޫ ބްރިޖަކުން ގުޅާލަން މިދިޔަ އޮކްޓޫބަރު މަހު އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. މަޑަވެއްޔާއި ހޯޑެއްދޫ އެއް ފަސްކުރުމަށް ގޮވާލައި މަޑަވެލި ކައުންސިލުން ކުރިން ވަނީ ގަރާރެއް ފާސްކޮށްފައެވެ.