ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ނޭޕާލު އަތުން ބަލިވެ ރާއްޖެއަށް މެޑަލް ހޯދުމުގެ ފުރުސަތު ގެއްލިއްޖެއެވެ.
މި މުބާރާތައް ރާއްޖޭގެ ފިރިހެން ގައުމީ ޓީމު އައިސްފައިވަނީ އުނދަގޫތަކަކަށްފަހުއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނުއިރު މި މެޗުގައި ކުޅުނު ބައެއް ކުޅުންތެރިން ބަންގްލަދޭޝްއަށް އައިސްފައިވަނީ މެޗު ފެށެން ކުޑަތަންވެފައިވަނިކޮށެވެ. އަދި އެ މެޗު ކުޅެފައިވަނީ ލިބަރޯއަކާ ނުލައެވެ. އެ މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. އަދި ދެވަނަ މެޗުގައި އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނުއިރު މި މެޗުގައި ރާއްޖެއިން ސެޓެއް ގެންގޮސްފައިވަނިކޮށް އުޒްބެކިސްތާނުން ވަނީ ފަހަތުން އަރައި ތިން ސެޓު ކާމިޔާބުކޮށްފައެވެ.
އާދީއްތަ ދުވަހު ކުޅުނު މެޗުން ނޭޕާލް އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުން މޮޅުވެގެން ރާއްޖެއަށް ތިންވަނަ ހޮވާ މެޗު ކުޅުމުގެ ފުރުސަތު އޮތެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ނޭޕާލުން ފަސް ޕޮއިންޓްގެ ލީޑެއް ނަގައިގެން ކުޅުނެވެ. އެކަމަކު ރާއްޖެއިން ވަނީ ސެޓުގެ މެދުތެރެއިން ހެދުނު ގޯސްތައް ރަނގަޅުކޮށް ނޭޕާލާ އަރާ ހަމަކޮށްފައެވެ. އެހެންނަމަވެސް ސެޓުގެ ފަހުކޮޅު ރެފްރީ ނިންމި ގޯސް ނިންމުމަކާއެކު ރާއްޖޭގެ ކުޅުންތެރިން ޕްރެޝަރަށް ވެއްޓުނެވެ. ވާދަވެރި ކުޅުމަކަށްފަހު ނޭޕާލުން މި ސެޓު ކާމިޔާބުކުރީ 25-27 އިންނެވެ.
މެޗުގެ ދެވަނަ ސެޓުގައި ރާއްޖެއަށް އެންމެ އެދެވޭ ކުޅުން ދެއްކިފައިނުވާއިރު، މި ސެޓު އެއްކޮށް ކަހަލަ ގޮތަކަށް ލީޑުކޮށްގެން ކުޅެފައިވަނީ ނޭޕާލުންނެވެ. އަދި މި ސެޓުގެ މުހިންމު ވަގުތުތަކުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ސާވިސްތަކުގައި ގޯސް ހެދުނެވެ. މި ސެޓު ނޭޕާލުން ގެންދިޔައީ 19-25 އިންނެވެ.
ފަހު ސެޓުގައި ރާއްޖެ ޓީމުން ބަދަލުތަކެއް ފެނުނުއިރު، މި ސެޓުގެ ކުރީ ކޮޅު ނޭޕާލުން ވަނީ ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އެކަމަކު ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަލީ ހުޒާމް (ހުޒަންޓޭ)ގެ މޮޅު އެޓޭކްތަކާއެކު ސެޓުގެ މެދުތެރެއިން ރާއްޖެއިން ވަނީ ލީޑު ނަގައިފައެވެ. އެކަމަކު ނޭޕާލުން އެޓީމުގެ ކުޅުން ރަނގަޅުކޮށް 23-25 އިން މި ސެޓު ވަނީ ކާމިޔާބުކޮށްފައެވެ.
މެޗަށްފަހު ވާޙަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ބޮޑުކާއްޓޭ) ބުނީ މި ހާލަތުގައި ރާއްޖޭގެ ކުޅުން ޖުމްލަކޮށް ރަނގަޅު ކަމަށާ، އެހެންނަމަވެސް ނަތީޖާއާމެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި މި މެޗުގައިވެސް ރެފްރީގެ ފަރާތުން ގޯސްތަކެއް ފެނުނު ކަމަށާއި، ސެޓުގެ އެންމެ މުހިންމު ދަނޑިވަޅު ރެފްރީންގެ ފަރާތުން ގޯސްތައް ފެނުމުން އެކަމުގެ އަސަރު ޓީމަށް ކުރާ ކަމަށެވެ.
މި މުބާރާތުގައި ރާއްޖޭން ކުޅޭ ފަހު މެޗުގައި ހޯމަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝްއާ ދެކޮޅަށެވެ.