ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން ކުޅުނު މެޗުން ކިރްގިސްތާން އަތުން ބަލިވެއްޖެއެވެ.
ޒުވާން ސްކޮޑަކާއެކު މި މުބާރާތަށް ގައުމީ ޓީމުން ނުކުތްއިރު، މި މުބާރާތުގައި ގައުމީ ޓީމުން މީގެ ކުރިން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. ފުރަތަމަ މެޗުން އުޒްބެކިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވިއިރު، ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލް އަތުންވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. އަދި މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ލަންކާ އަތުންވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.
އާދީއްތަ ދުވަހު ކުޅުނު މެޗުން ކިރްގިސްތާން އަތުންވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.
މި މެޗަށް ނުކުތްއިރު ރާއްޖެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މެޗުގެ ވޯމަޕްގެ ތެރެއިން މި މުބާރާތުގައި މޮޅު ކުޅުމެއްދެއްކި އާމިނަތު އަފާފް ނިޒާމްގެ ފަޔަށް އަނިޔާވެ މެޗު ނުކުޅެވުމެވެ.
ފުރަތަމަ ސެޓު ފަށައިގެން ކިރްގިސްތާނުން ބޮޑު ލީޑެއް ނަގައިގެން ކުޅުނު ނަމަވެސް ރާއްޖޭގެ ކުޅުންތެރިން ވަނީ ފަހަތުން އަރައި 09-10 އިން އެއް ޕޮއިންޓާ ފަރަގު ކުޑަކޮށްފައެވެ. އެކަމަކު ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ސާވިސް ގެއްލުމާއި، ބްލޮކް ނުކުރެވުމުން ކިރްގިސްތާނުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ސެޓު ކިރްގިސްތާނުން ގެންދިޔައީ 17-25 އިންނެވެ.
ދެވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔައިރު، މި ސެޓުގައި ކިރްގިސްތާނުން އެއްވެސް ޕްރެޝަރެއް ނެތި ވަނީ ކުޅެފައެވެ. މި ސެޓު ކިރްގިސްތާނުން ގެންދިޔައީ 11-25 އިންނެވެ.
މެޗުގެ ފަހު ސެޓުގެ ކުރީ ކޮޅު ކިރްގިސްތާނުން ބޮޑު ލީޑެއް ނަގައިގެން ކުޅުނުއިރު، މި ސެޓުގެ މެދުތެރެއިން ރާއްޖެއިން ވަނީ ޓީމުގެ ސެޓަރު އަދި ކެޕްޓަން އާމިނަތު އިމްތިނާން (ނާން)ގެ ބަދަލުގައި ޒުވާން ކުޅުންތެރިޔާ ހައިފާ އިމާދު ކުޅެން އަރުވައިފައެވެ. މީގެ އިތުރުން ޒުވާން ކުޅުންތެރިޔާ ފާތިމަތު ސަމްހާވެސް ވަނީ މި ސެޓުގައި ކުޅެން އަރުވައިފައެވެ. އެ ދެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ކިރްގިސްތާނުން ގެންދިޔައީ 20-25 އިންނެވެ.
މި ފަހަރުގެ ސެންޓްރަލް ޒޯން އަންހެން މުބާރާތުގައި ރާއްޖެއާއެކު ވާދަކުރަނީ ލަންކާގެ އިތުރުން ބަންގްލަދޭޝް އާއި، އުޒްބެކިސްތާނާއި، ނޭޕާލް އަދި ކިރްގިސްތާނެވެ. މި މުބާރާތުގެ ފަހު މެޗުގައި ހޯމަ ދުވަހު ރާއްޖެއިން ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝްއާ ދެކޮޅަށެވެ.
މި މުބާރާތް ރާވާފައިވާ ގޮތުން ހަ ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، ފައިނަލުގައި ކުޅޭނީ ރޭންކިންގެ ކުރީގައި އޮންނަ ދެ ޓީމެވެ. އަދި ތިންވަނަ އާއި ހަތަރުވަނަ ޓީމު ރޭންކިން މެޗެއް ކުޅޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ފައިނަލުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލްގެ އިތުރުން ސްރީލަންކާއިން ވަނީ ކަށަވަރުކޮށްފައެވެ.