މި ހާލަތުގައި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ކުޅެވުންވެސް އެއީ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމަށް ލިބުނު މެޑެއްޔެއް ކަމަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ބުނެފިއެވެ.
ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ފިރިހެން ވޮލީބޯޅަ ޓީމުން ފަރިތަކުރަން ފެށީ މުބާރާތް ފެށެން ދެ މަހެއްހާ ދުވަސްވެފައިވަނިކޮށެވެ. އަދި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެކުވެރިކަމުގެ ހަ މެޗެއް ވަނީ ކުޅެފައެވެ. އޭގެ ތެރެއިން ލަންކާއާ ދެކޮޅަށް ކުޅުނު ތިން މެޗުން ރާއްޖެ ބަލިވިއިރު، އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ކުޅުނު ތިން މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ. އަދި މުބާރާތަށް ރާއްޖެއިން ފުރަން ހަމަޖެހިފައި އޮތީ މި މަހު 21 ގައެވެ. އެހެންނަމަވެސް ޓީމު ފުރަން ޗެކިން ވެފައިވަނިކޮށް ކޮވިޑްގެ ހާލަތެއް ދިމާވެ ޓީމަށް ފުރޭ ގޮތް ވަނީ ނުވެފައެވެ.
އެއާއެކު ކުޅުންތެރިން ޕީސީއާރު ޓެސްޓު ހެދުމަށްފަހު ބަންގްލަދޭޝްއަށް އައީ ވަކިވަކީންނެވެ. އަދި މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުތްއިރު އެ މެޗުގައި ބައެއް ކުޅުންތެރިންނަށްވަނީ ކުޅެވޭ ގޮތް ނުވެފައެވެ. އަދި އެ މެޗުގައި ކުޅުނު ބައެއް ކުޅުންތެރިން ބަންގްލަދޭޝްއަށް އައިސްފައިވަނީ މެޗު ފެށެން ކުޑަތަން ވެފައިވަނިކޮށެވެ.
ހޮނިހިރު ދުވަހު އުޒްބެކިސްތާނުން ރާއްޖޭގެ މައްޗަށް ކުރިހޯދީ ރާއްޖެއިން ސެޓެއް ގެންގޮސްފައިވަނިކޮށް ފަހަތުން އަރައި 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ކާއްޓޭ ބުނީ މި ހާލަތުގައި މި މުބާރާތް ކުޅެވުންވެސް އެއީ ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި މި މުބާރާތުގައި ރާއްޖެއިން ކުރިޔަށްދާނީ މެޑައްޔަކާއެކުގައި ކަމަށާއި، އެއީ މުބާރާތް މި ހާލަތުގައި ކުޅެވުމުން ލިބުނު މެޑައްޔެއް ކަމަށެވެ.
ނަތީޖާއާ މެދު އަޅުގަނޑު ހިތްހަމަ ޖެހޭ. ސަބަބަކީ އަޅުގަނޑުމެން ޓީމު އޮތް ހާލަތާ މިހުރިހާ އެއްޗަކަށް ބަލާއިރުގައި އަޅުގަނޑުމެން އައިސް މި ކޯޓުގައި ކުޅެލަން ލިބުންވެސް އެއީ މެޑަލްއެއް. އެހެންވެ އަޅުގަނޑުމެން ނިންމީ މުބާރާތުގައި ބައިވެރިވެ ކުޅެލަން ލިބިއްޖެއާ އެ އޮތީ ފުރަތަމަ މެޑަލް ލިބިފައި ކަމަށް.ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ)
އުޒްބެކިސްތާނު މެޗުން ބަލިވުމުގައި ރެފްރީގެ ފަރާތުން ގޯސްތަކެއް ފެނިގެންދިޔަ ކަމަށްވެސް ކާއްޓޭ ބުންޏެވެ. އަދި ސެޓުގެ އެންމެ މުހިންމު ހިސާބުން ރެފްރީންގެ ފަރާތުން ގޯސްތަކެއް ފެނުމުން ޓީމަށް އޭގެ އަސަރު ކުރިކަމަށް ކާއްޓޭ ބުނިއެވެ.
މުބާރާތުގައި އާދީއްތަ ދުވަހު ރާއްޖެއިން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެއަށްފަހު ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއިން ބައްދަލުކުރަން ޖެހޭނީ ސްރީލަންކާއާއެވެ.