ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި އުޒްބެކިސްތާނުން ފަހަތުން އަރައި ރާއްޖޭގެ ފިރިހެން ގައުމީ ޓީމު ބަލިކޮށްފިއެވެ.
ހުކުރު ދުވަހު ބަންގްލަދޭޝް އާއި ދެކޮޅަށް ރާއްޖެއިން ކުޅުނީ ލިބަރޯއެއް ނުލައެވެ. އެކަމަކު ހޮނިހިރު ދުވަހު އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ލިބަރޯ ޖަވާމް އަލީ ވަނީ ކުޅެފައެވެ.
ހޮނިހިރު ދުވަހު އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެއިން ސެޓެއް ގެންގޮސްފައިވަނިކޮށް އުޒްބެކިސްތާނުންވަނީ ފަހަތުން އަރައި 3-1 ސެޓުން މެޗު ކާމިޔާބުކޮށްފައެވެ.
ހުކުރު ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ބައެއް ކުޅުންތެރިންނަށް ކުޅެވޭ ގޮތް ވަނީ ނުވެފައެވެ. އެހެންނަމަވެސް މި މެޗުގައި އެ ކުޅުންތެރިން ވަނީ ކުޅެފައެވެ. އެ މެޗުގައި ރާއްޖެއިން ސެޓަކަށްފަހު ސެޓެއް ކުޅުން ރަނގަޅުކުރިއިރު، ހޮނިހިރު ދުވަހު އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން ފެށީ ވަރުގަދަ ރޫހެއްގައެވެ.
މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ލީޑުކޮށްގެން ކުޅުނުއިރު މި ސެޓުގައި ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަލީ ހުޒާމް (ހުޒަންޓޭ)ގެ އިތުރުން އާދަމް ނަސީމް (އެޑަމާ)ގެ ފަރާތުން ރަނގަޅު އެޓޭކްތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މި ސެޓު ރާއްޖެއިން ކާމިޔާބުކުރީ 25-22 އިންނެވެ.
އެކަމަކު ދެވަނަ ސެޓުގައި އުޒްބެކިސްތާނުން ވަނީ އެޓީމަށް ހެދުނު ގޯސްތައް ރަނގަޅުކޮށްފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި ސެޓުގައި ރާއްޖޭގެ ކުޅުންތެރިންނަށް ގިނަ ސާވިސްތަކެއް ގޯސްވިއެވެ.
ވާދަވެރިކޮށް ދިޔަ މި ސެޓުގައި ދެ ޓީމަށްވެސް ލީޑު ލިބި ވަނީ ގެއްލިފައެވެ. އަދި ސެޓުގެ މުހިންމު ހިސާބަކުން ހުޒަންޓޭ އެރި ބޯޅައެއް އޭނާ ގައިގައި ޖެހިފައި ބޭރަށް ދިޔައީ ކަމަށް ރެފްރީ ނިންމިއެވެ. އެއާއި ގުޅިގެން ރާއްޖޭގެ ބެންޗުން އަދި ކެޕްޓަން ކުޑަކާއްޓޭ ވަނީ ރެފްރީއަށް ވަރަށް ބޮޑަށް އެޕީލްކޮށްފައެވެ. އެކަމަކު ރެފްރީގެ ނިންމުން ބަދަލުކޮށްފައެއް ނުވެއެވެ. މި ސެޓުވެސް އުޒްބެކިސްތާނުން ގެންދިޔައީ 25-22 އިންނެވެ.
މެޗުގެ ފަހު ދެ ސެޓުގައި އުޒްބެކިސްތާނުން ބޮޑު ލީޑަކާއެކު ކުޅުނުއިރު މި ދެ ސެޓުގައި ރާއްޖޭގެ ފަރާތުން މާކަ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ. އެއާއެކު ފަހު ދެ ސެޓު އުޒްބެކިސްތާނުން ކާމިޔާބުކުރީ 25-18 އަދި 25-18 އިންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ބުނީ ގައުމީ ޓީމު ސްކޮޑު ފައިނަލް ކުރި ފަހުން ޖަވާމް ފަރިތަކުރުންތަކުގައި ޖަވާމް ބައިވެރިވެފައިނުވާ ކަމަށެވެ. އަދި ކުއްލިއަކަށް ފަރިތަނުކޮށް ޖަވާމް ކުޅެން ޖެހުމުން ދަތިތަކެއްހުރި ކަމަށެވެ.
މީގެ އިތުރުން ކާއްޓޭ ބުނީ މެޗުގެ މުހިންމު ހިސާބެއްގައި ރެފްރީގެ ފަރާތުން ގޯސްތަކެއް ފެނުނު ކަމަށާއި، އޭގެ އަސަރު ޓީމަށް ކުރި ކަމަށެވެ.
މުބާރާތުގައި އާދީއްތަ ދުވަހު ރާއްޖެއިން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެއަށްފަހު ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއިން ބައްދަލުކުރަން ޖެހޭނީ ސްރީލަންކާއާއެވެ.