ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިޔަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އަންހެން ގައުމީ ޓީމުން ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެއެވެ.
ހޮނިހިރު ދުވަހު ހެނދުނު ކުޅުނު މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ރާއްޖެއިން ތަފާތު މޮޅަށް ކުޅުނުއިރު މި ސެޓުގެ ކޮންޓްރޯލް ލަންކާއަށް ނަގައިގެން ކުޅެވޭ ގޮތް ވަނީ ނުވެފައެވެ. ރާއްޖޭގެ އާމިނަތު ޝަހާ ޝާމިން އާއި އާމިނަތު އަރީޝާ (އަރީ) ގެ އިތުރުން އާމިނަތު އަފާފް ނާޒިމްގެ ފަރާތުން ރަނގަޅު އެޓޭކްތަކެއް ފެނިގެންދިޔައެވެ. އެހެންނަމަވެސް މެޗުގެ ފަހުކޮޅު ލަންކާ ކުޅުންތެރިންވަނީ ތަޖުރިބާގެ ފައިދާ ނަގާ 25-17 އިން ސެޓު ގެންގޮސްފައެވެ.
ދެވަނަ ސެޓުގައި ލަންކާ އިން އެޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މި ސެޓުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ގިނަ ގޯސްތަކެއް ހެދިފައިވެއެވެ. މި ސެޓު ލަންކާއިން ގެންދިޔައީ 25-12 އިންނެވެ.
ތިންވަނަ ސެޓު ފަށައިގެންވެސް ރާއްޖޭގެ އަރީ އާއި އަފާފްގެ މޮޅު އެޓޭކްތަކެއް ފެނުނުއިރު، މި ސެޓުގެ މެދުތެރެއިން ލަންކާއިން ވަނީ ބޮޑު ލީޑެއް ނަގައިފައެވެ. މި ސެޓު ލަންކާއިން ކާމިޔާބުކުރީ 25-14 އިންނެވެ.
މި ފަހަރުގެ މުބާރާތުގައި އަންހެން ޓީމު ވާދަކުރަމުން އަންނައިރު، މި މުބާރާތުގައި ވާދަކުރާ އަންހެން ވޮލީބޯޅަ ޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މީގެ ކުރިން ގައުމީ ސީނިއާ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން މި ފަހަރުގެ ޓީމުގައި ހިމެނެނީ ހަތަރު ކުޅުންތެރިއެކެވެ. ދެން މި ޓީމުގައި ހިމެނޭނީ މުޅިން އަލަށް ގައުމީ ޓީމުން ޖާގަ ހޯދި ކުޅުންތެރިންނެވެ.
އެގޮތުން ގައުމީ ސީނިއާ އަންހެން ވޮލީ ޓީމުގެ އެވެރެޖް އުމުރަކީ 20-23 އަހަރާ ދެމެދެވެ. އަދި މި މުބާރާތަށް ނުކުތް ޓީމުގައި ގިނައީ މީގެ ކުރިން ބައިނަލްއަގުވާމީ މެޗުތަކުގެ ތަޖުރިބާ ލިބިފައިނުވާ ކުޅުންތެރިންނެވެ.
މި ފަހަރުގެ ސެންޓްރަލް ޒޯން އަންހެން މުބާރާތުގައި ރާއްޖެއާއެކު ވާދަކުރަނީ ލަންކާގެ އިތުރުން ބަންގްލަދޭޝް އާއި، އުޒްބެކިސްތާނާއި، ނޭޕާލް އަދި ކިރްގިސްތާނެވެ. މި މުބާރާތުގައި ރާއްޖޭން ދެން ކުޅޭ މެޗުގައި އާދީއްތަ ދުވަހު ނުކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ހޯމަ ދުވަހު ބައްދަލުކުރަން ޖެހޭނީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝާ ދެކޮޅަށެވެ.
މި މުބާރާތް ރާވާފައިވާ ގޮތުން ހަ ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، ފައިނަލުގައި ކުޅޭނީ ރޭންކިންގެ ކުރީގައި އޮންނަ ދެ ޓީމެވެ. އަދި ތިންވަނަ އާއި ހަތަރުވަނަ ޓީމު ރޭންކިން މެޗެއް ކުޅޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ފައިނަލުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލަށް މިހާރު ވަނީ ކަށަވަރުވެފައެވެ.