ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ކުޅެވޭ ގޮތް ގައުމީ ސީނިއާ ޓީމަށްވީ ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ކަމަށާއި، މި ހުރިހާ ގުރުބާނީއެއްވީ ގައުމައްޓަކައި ކަމަށް ފިރިހެން ގައުމީ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ބުނެފިއެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކުރުމަށް ގައުމީ ފިރިހެން ވޮލީ ޓީމުން ބަންގްލަދޭޝްއަށް ގޮސްފައިވަނީ ވަރަށް އުނދަގޫ ހާލަތެއްގައެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު ގައުމީ ޓީމުން ބަންގްލަދޭޝްއަށް ދިޔުމަށް ހަމަޖެހިފައިވީ ނަމަވެސް. ކޮވިޑް-19 ގެ ހާލަތެއްގެ ސަބަބުން މާލޭގައި މަޑުކުރަން ޖެހުނެވެ.
ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ފުރަތަމަ މެޗުގައި ހުކުރު ދުވަހު ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅުނުއިރު، މި މެޗުގައި ކުޅުނު ބައެއް ކުޅުންތެރިން ބަންގްލަދޭޝްއަށް އައިސްފައިވަނީ މެޗު ފަށަން ކުޑަތަންވެފައިވަނިކޮށެވެ. އަދި މި މެޗަށް ގައުމީ ޓީމުން ނުކުމެފައިވަނީ ލިބަރޯއަކާ ނުލައެވެ.
ގައުމީ ޓީމުން އުނދަގޫ ހާލަތެއްގައި މި މުބާރާތާ ކުރިމަތިލިއިރު، ހުކުރު ދުވަހު ކުޅުނު މެޗުން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.
މި މެޗަށްފަހު ވާހަކަ ދައްކަމުން ކާއްޓޭ ބުނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން މާލޭގައި އެކުވެރިކަމުގެ މެޗުތައް ކުޅެފައި ޓީމު އޮތީ ވަރަށް ފޯމުގައި ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު ފުރައިގެން މި މުބާރާތަށް އަންނަން ނިންމި ނަމަވެސް ދިމާވި ހާލަތުގެ ސަބަބުން މުބާރާތަށް ގައުމީ ޓީމުން އައިސްފައިވަނީ އުނދަގޫ ހާލަތެއްގައި ކަމަށް ކާއްޓޭ ބުންޏެވެ.
މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗުތަކަށްފަހު ޓީމު އޮތީ ވަރަށް ފޯމުގައި މުބާރާތައް އަންނަން. އެކަމަކު ދިމާވި ހާލަތުގެ ސަބަބުން އަންނަން މި ޖެހުނީ ތިން ކުދިން އެއް ބޯޓެއްގައި ހަތަރު ކުދިން އެއް ބޯޓެއްގައި ގަތަރު މަގުންނާ ލަންކާ މަގުން. ވަރަށް އުނދަގޫ ހާލަތެއްގައި.ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ)
ކާއްޓޭ ބުނީ މުޅި ޓީމުގެ އުންމީދަކީ މުބާރާތުގައި ބައިވެރިވެފައި އޮތީމައި ހަ ކުޅުންތެރިން ހަމަކޮށްގެންވެސް މި މުބާރާތް ކުޅުން ކަމަށާއި، މިދިޔަ ހަފްތާއެއްހާ ދުވަހު ޕްރެކްޓިހެއް ނުކޮށް ކުޅެން ޖެހުމުން އުނދަގޫތަކެއްވި ކަމަށެވެ. އެހެންނަމަވެސް މި މެޗުގައި ސެޓަކަށްފަހު ސެޓެއް ގައުމީ ޓީމުން ރަނގަޅުކުރި ކަމަށް ކާއްޓޭ ބުންޏެވެ.
ކާއްޓޭ ބުނީ މި މެޗުން އެނގިގެންދިޔައީ ގައުމީ ޓީމުން މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗުތަކަށްފަހު ވަރަށް ފޯމުގައި އޮތްކަންކަމަށާއި ދިމާވި ހާލަތުގެ ސަބަބުން ޓީމަށް ވަރަށް ބޮޑު އަސަރެއްކޮށްފައިވާ ކަމަށެވެ.
ކާއްޓޭ ބުނީ މި ހުރިހާ ގުރުބާނީއެއް ކުޅުންތެރިންވީ ގައުމައްޓަކައި ކަމަށެވެ.