Advertisement
ކ. މާލެ
|
23 ޑިސެންބަރ 2021 | ބުރާސްފަތި 18:49
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރާއްޖެއާއި ބަންގްލަދޭޝް
ރާއްޖެއާ ބަންގްލަދޭޝް ކަނޑުމަގުން ގުޅާލައި، ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމުގެ ޝައުޤުވެރިކަން ނާއިބުރައީސް ފާޅުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މީހުން ބިނާކުރުމަށް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާކަމުގައި ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ހޮޓެލް ޖެންގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ ދެ ޤައުމުގެ ހަރުދަނާ އެކުވެރިކަމުގެ ގުޅުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ދެ ޤައުމުގެ މެދުގައި ބަދަލުކުރެވުނު އެއްބަސްވުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މި ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އެ މަނިކުފާނު މިދިޔަ ނޮވެމްބަރ މަހު ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރުން ބެހެއްޓެވި ޚާއްޞަ މެހެމާންދާރީއަށްޓަކައި އެ ކަމަނާއަށް ޝުކުރު އަދާކުރައްވާފައެވެ. ކޯވިޑް-19އާ ގުޅިގެން ޤައުމު ބިނާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހުނުކަން ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ޙާލަތުގައި ބަންގްލަދޭޝްގެ ފަރާތުން ދިވެހިރާއްޖެއަށް ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައިވެސް އެކަމަނާއަށް ޝުކުރު އަދާކުރައްވާފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ކޯވިޑްގެ ޙާލަތުން އަރައިގަތުމަށްޓަކައި ވެކްސިން ފޯރުކޮށްދިނުމުގައި ދިވެހި ސަރުކާރުން ގެންގުޅޭ ހަމަހަމަ ސިޔާސަތުގެ މަޢުލޫމާތު އެ ކަމަނާއާ ޙިއްޞާކުރައްވާފައެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވަނީ ދިވެހި ސަރުކާރުން ވެކްސިން ފޯރުކޮށްދިނުމަށް ހިންގި "ކޮވިޑް-19 ދިފާޢު" ކެމްޕޭނުގެ އިތުރުން، ޖުމްލަގޮތެއްގައި ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ފިޔަވަޅުތަކަށް ތަޢުރީފުކުރައްވާފައެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މީހުން ބިނާކުރެއްވުމަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވާކަމުގައި ވިދާޅުވިއެވެ. އަދި ދެޤައުމު ކަނޑުމަގުން ގުޅާލައި ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށާއި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ފުރުޞަތުތައް ހޯދުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލައްވައި، ސަރުކާރުން އެންމެހާ ފަރާތްތަކުގެ ޙައްޤުތަކަށް އިޙްތިރާމުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން ބަދަހިކޮށް ވަރުގަދަކުރުމުގެ ގޮތުން، އިންފޮރމޭޝަން ޓެކްނޮލޮޖީގެ އިތުރުން ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމަށް ބަންގްލަދޭޝްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި މޭރުމުން ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް ބޭނުންވާ ސްކޮލަރޝިޕް ފުރުޞަތުތައް ބޭނުންވާ ރޮނގުތަކުގެ މައްޗަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ބަންގްލަދޭޝްގެ އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީގައި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހޯދާފައިވާ ކުރިއެރުން ފާހަގަކުރައްވައި، އެ ކަމަނާގެ ޒަޢާމަތުގައި އެ ޤައުމަށް އިތުރު އެދެވޭ ތަރައްޤީ ގެންނަވާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް