ކ. މާލެ
|
23 ޑިސެންބަރ 2021 | ބުރާސްފަތި 17:52
ބިދޭސީން ފެންނަ ފޮޓޯއެއް
ބިދޭސީން ފެންނަ ފޮޓޯއެއް
ރާއްޖެއެމްވީ
އިންސާނީ ވަގުފާރީގެ މައްސަލަތައް
ހަރުދަނާ ކުރަންވީ ގާނޫނެއް ނޫން، މީހުންގެ އުޅުން!
 
އިންސާނީ ވަގުފާރީގެ މައްސަލަތައް ދުވަހެއް ދުވަހަކަށް އަންނަނީ ގިނަވަމުން
 
މިފަދަ މައްސަލަތައް ހައްލުކުރެވޭނީ ގާނޫނުތައް ތަންފީޒުކޮށްގެން

ދުނިޔޭގައި ކުށްކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މި މައްސަލަތައް ހުއްޓުވުމަށް އެކިއެކި އިދާރާތަކުން އަންނަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. މިފަދަ މައްސަލަތައް މަދުކުރުމަށް ގާނޫނުތަކާއި ގަވައިދުތައް ހަދަމުންނެވެ. އަދި ހަދާފައިވާ ގާނޫނުތައް އިތުރަށް ހަރުދަނާ ކުރަމުންނެވެ.

އިންސާނީ ކަރާމާތްތެރިކަން ނިގުޅައިގަނެ، ކުރަމުން އަންނަ އިންސާނީ ވަގުފާރީގެ މައްސަލައިގައިވެސް ކަން އޮތީ މިބީދައިންނެވެ. ނަމަވެސް މި ކުޑަކުޑަ ދިވެހިރާއްޖެއަށް ނަޒަރު ހިންގާލި ނަމަވެސް މިފަދަ އިންސާނީ ވަގުފާރީގެ މައްސަލަތައް ފެންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ މަންޒަރެވެ. ގާނޫނުތައް ހަދައި، ދެއިރު ދެދަޅައަށް އެގާނޫނުތައް ހަރުދަނާ ކުރި ނަމަވެސް މިކަމަށް އެކަށީގެންވާ ހައްލެއް ނުލިބި، މިފަދަ މައްސަލަތައް އަންނަނީ ގިނަވަމުންނެވެ.

ހަގީގަތް ވަރަށް ސާފެވެ. ކިތަންމެ ހަރުދަނާ، މޮޅެތި ގާނޫނުތަކެއް އެކުލަވާލި ނަމަވެސް އެ ގާނޫނުތައް ތަންފީޒު ނުކުރެވޭނަމަ އެއިން ކުރާނޭ އެއްވެސް މަންފާއެއް ނެތެވެ. ލިބޭނީ ގެއްލުމެވެ. ބޭކާރުވާނީ ފައިސާއާއި ވަގުތެވެ. ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް ރާއްޖޭގައިވެސް އިންސާނީ ވަގުފާރީގެ މައްސަލައިގެ އިތުރުންވެސް ގިނަ މައްސަލަތަކެއް ހައްލުކުރެވިފައި ނެތީ މިބުނާ ގާނޫނުތައް ނެތިގެން ނޫނެވެ. ގާނޫނުތައް ތަންފީޒު ނުކުރެވިގެންނެވެ. ގާނޫނުގެ 'ލޫޕް ހޯލް'އަކުން ފަހަރުގައި މީހަކު ދޫވެފައި ނެތެކޭ ނޫނެވެ.

ބިދޭސީން މަސައްކަތް ކުރަން ގެނައުމަށް އިމިގްރޭޝަނުން ފެށިގެން، ގިނަ ގަވައިދުތަކެއް ރާއްޖޭގައި ވަނީ ހެދިފައެވެ. ނަމަވެސް ގާނޫނުތައް ތަންފީޒުކުރަން ތިބޭ ފަރާތްތަކުގެ ކޮންމެވެސް ހިސާބަކުން މިފަދަ ގާނޫނުތައް އެއްފަރާތްކުރެވި ނުގަވައިދުން އެމީހުންނަށް ރާއްޖެ އެތެރެވުމުގެ ދޮރުހުޅުވިގެންދާތަން ފެނެއެވެ. މިއަދު ރާއްޖޭގައި ބިދޭސީން އިތުރުވެ، އެމީހުން ބަލަހައްޓާނެ ފަރާތެއްނެތި، 'ކޮތަރު ކޮށްޓެއް'ގައި ނިދަން ޖެހުމުގެ އެންމެ ބޮޑު އެއް އަސްލަކީވެސް މިއެވެ. ހަމައެހެންމެ ބަނޑުފުރާނަ މުއްތިކުރާނެ ވަރުވެސް ނެތި، ހައިހޫނުކަމުގައި ބިދޭސީން ހޭދަކުރަންޖެހޭ މައިގަނޑު ސަބަބީކީވެސް މިއެވެ. ނުގަވައިދުން އެމީހުން ރާއްޖެ އެތެރެކުރެވި، އިންސާނީ ވަގުފާރިއަށް ބޮޑު ދޮރެއް ހުޅުވުމެވެ.

މިހާ ހިސާބުން ޔަގީންވާ ކަމަކީ މިފަދަ މައްސަލަތައް ހައްލުކުރެވޭނީ ގާނޫނަކުން ނޫންކަމެވެ. އޭގެ ބަދަލުގައި ގާނޫނުތައް ތަންފީޒުކުރަން ތިބޭ ފަރާތްތަކުން، އެފަރާތްތަކުގެ ޒިންމާތައް ފުރިހަމައަށް އަދާކޮށްގެންނެވެ. ގާނޫނުތައް ތަންފީޒު ކުރެވިގެންނެވެ.

ގާނޫނުތައް ތަންފީޒުކުރާ ހިސާބުންވެސް މިފަދަ މައްސަލަތައް ހުއްޓުވޭކަށް ނެތެވެ. ގާނޫނުތައް ތަންފީޒުކޮށް މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ކިތަންމެ ވަރަކަށް އަދަބުދިން ނަމަވެސް މިކަން މުޅިއަކުން ނުހުއްޓުވޭނެއެވެ. އޭގެ ބަދަލުގައި މިފަދަ މައްސަލަތަކާމެދު މުޖްތަމައު ހޭލުންތެރިކުރުވަން އެބަޖެހެއެވެ. މިފަދަ އަމަލުތައް ކުރުމަކީ ކިހާވަރެއްގެ ކަމެއްކަން ރައްޔިތުންނަށް އުނގަންނައިދޭން އެބަޖެހެއެވެ. އެންމެ ކުޑައިރުން ފެށިގެން ކުދީންނަށް މިކަމުގެ ފުރިހަމަ މައުލޫމާތުތައް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މިފަދަ މައްސަލަތައް މަދުކުރެވޭނީ އޭރުންނެވެ. އެންމެ ކުޑައިރުން ފެށިގެން މުޖްތަމައު މިކަމަށް ހޭލުންތެރި ކުރުވައި، ރަނގަޅު ޖީލެއް ބިނާ ކުރެވިއްޖެނަމަ މުސްތަގުބަލުގައި މިފަދަ ކުށްތައް މަދުވެގެންދާނެކަން ގައިމެވެ. އަދި ޒާތީ މަންފާއެއް ހާސިލުކުރުމަށްޓަކައި، ވަކި ބަޔަކު ކުރާ މިފަދަ އަމަލުތަކަށް ލުއި ދިނުމުގެ ބަދަލުގައި، އިޚްލާސްތެރިކަމާއެކު މިފަދަ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅަންޖެހެއެވެ. ހަމައެކަނި ގާނޫނުތަކެއް ހަދާފައި ދޫކޮށްލުމުގެ ބަދަލުގައި ގާނޫނުތައް އޭގެ އެންމެ ރަނގަޅު ގޮތުގައި ތަންފީޒުކުރެވެން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް