ކ. މާލެ
|
22 ޑިސެންބަރ 2021 | ބުދަ 16:48
ޝޭޚް ހަސީނާ (ކ) އާއި ދަރިކަނބަލުން ސާއިމާ ވާޒިދު އަދި ދަރިކަލުން ސަޖީބު ވާޒިދު ޖޯއި
ޝޭޚް ހަސީނާ (ކ) އާއި ދަރިކަނބަލުން ސާއިމާ ވާޒިދު އަދި ދަރިކަލުން ސަޖީބު ވާޒިދު ޖޯއި
ބަންގްލަދޭޝް މީޑިއާ
ޝޭޚް ހަސީނާ
ޝޭޚް ހަސީނާއަކީ ކޮންބޭފުޅެއް؟
 
ހަސީނާގެ ދައުރުގައި ފާހަގަކުރެވޭ އިގްތިސާދީ ބޮޑެތި ކުރިއެރުންތައް ވަނީ ލިބިފައި
 
ބަނގްލަދޭޝްގެ ތާރީޚުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ލީޑަރަކީ ހަސީނާ

ޝޭޚް ހަސީނާ ވާޒިދު އުފަންވެވަޑައިގަތީ 28 ސެޕްޓެމްބަރު 1947 ގައެވެ. އެކަމަނާ ބަނގްލަދޭޝްގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވަނީ މެދުނުކެނޑި 2009 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ކުރިންވެސް 1996 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަމައަށް ބޮޑުވަޒީރުކަން ކުރެއްވިއެވެ. މިހާތަނަށް މުޅިއެކު 17 އަހަރު ބޮޑުވަޒީރުކަން ކުރައްވާފައި ވުމުން އެކަމަނާ ހިމެނިވަޑައިގަންނަވަނީ ބަނގްލަދޭޝްގެ ތާރީޚުގައިވެސް އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ބޮޑުވަޒީރުކަމުގައެވެ. އަދި މުޅި ދުނިޔޭގައިވެސް މިވަގުތު ތިއްބެވި ބޮޑުވަޒީރުންގެ ތެރެއިން އެންމެ ގިނަދުވަހު ވެރިކަން ކުރެއްވުމުގެ ރިކޯޑު ލިބިވަޑައިގެންފައިވަނީ ހަސީނާއަށެވެ. ހަސީނާއަކީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ އަދި ފުރަތަމަ ބޮޑުވަޒީރު ޝޭޚް މުޖީބުއްރަހުމާނުގެ ފަސް ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅާއެވެ. އަވާމީ ލީގު ޕާޓީގެ ލިޑަރުގެ ގޮތުގައި އެކަމަނާގެ ސިޔާސީ ކެރިއަރަށް މިހާރު ސާޅީސް އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ފޯބްސް މަޖައްލާގެ ފަރާތުން 2020 ވަނަ އަހަރު ލިސްޓު ކުރި ދުނިޔޭގެ އެންމެ ނުފޫޒުގަދަ ސަތޭކަ އަންހެނުންގެ ތެރެއިން ހަސީނާއަށް ލިބިވަޑައިގެންފައިވަނީ 39 ވަނައެވެ. ހަސީނާ އުފަންވެވަޑައިގަތީވެސް އަދި ބޮޑުފުޅުވީވެސް އެކަމަނާގެ އަމިއްލަފުޅު ވަޒަނުގައެވެ. އެއީ ކުރީގެ އިރުމަތީ ޕާކިސްތާނެވެ. ފަހުން ބަނގްލަދޭޝްއެވެ. ފިރިކަލުންނަކީ ސައިންޓިސްޓެކެވެ. އެމްއޭ ވާޒިދު މިއާއާ އެކަމަނާ ކައިވެނި ބައްލަވައިގަތީ 1968 ވަނަ އަހަރުގައެވެ. ބައްޕާފުޅު ޝޭޚް މުޖީބުއްރަހުމާނުގެ ދުވަސްވަރުވެސް ހަސީނާ ހުންނެވީ ސިޔާސީ މައިދާނަށް ނިކުމެ ވަޑައިގެންނެވެ. އެހެންނަމަވެސް ސިފައިން ގެނައި ލޭއޮހޮރުވުން ބޮޑު އިންގިލާބެއްގައި 15 އޮގަސްޓް 1975 ގައި މުޖީބުއްރަހުމާނާއި އެމަނިކުފާނުގެ އާއިލާގެ ގިނަބޭފުޅުން އަވަހާރަކޮށްލެވުނު އިރު ހަސީނާ ހުންނެވީ ފިރިކަލުންނާއެކު ގައުމުން ބޭރުގައި ޖާމަނީގައެވެ. ފިރިކަލުން ހުންނެވީ ޖާމަނީގެ ނިއުކުލިއަރ ކޮންމެވެސް މަޝްރޫއެއްގެ ވަޒީފާގައެވެ.

ޖާމަނީގައި ހުންނަވާފައި އެކަމަނާ އިންޑިޔާއަށް ބަދަލުވެވަޑައިގަތީ އިންޑިޔާގެ ސަރުކާރުން އެކަމަނާއަށް ސިޔާސީ ހިމާޔަތް އެރުވުމުން 1975 ގެ ފަހުކޮޅުގައެވެ، ހަސީނާގެ ދަރިކަލުން ސަޖީބު ވާޒިދު ޖޯއި ބޮޑުފުޅުވީވެސް އަދި ކިޔަވައި ވިދާޅުވީވެސް އިންޑިޔާގައެވެ. ހަސީނާ އިންޑިޔާގައި ހުންނެވި ދުވަސްވަރު ސިޔާސީ އެއްވެސް ހަރަކާތެއްގައި އަމަލީގޮތުން ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެންމެ ފުރަތަމަ ބަނގްލަދޭޝްގެ ސަރުކާރުން ހަސީނާ ގައުމަށް އެނބުރި ވަޑައިގަތުންވެސް އޮތީ މަނާކޮށްފައެވެ. އެކަން ނިމުމަކަށް އައީ އަވާމީ ލީގު ޕާޓީގެ ލީޑަރަކަށް 1981 ވަނަ އަހަރު ހަސީނާ އިންތިޚާބު ކުރެވުމާ ގުޅިގެންނެވެ. ހަމަ އެ އަހަރު ހަސީނާ ވަނީ އެނބުރި ގައުމަށް ވަޑައިގެންފައެވެ. ހަސީނާގެ އާއިލާގެ ބޭފުޅުން އެހެން ބައެއް ގައުމުތަކުގެ ސިޔާސީ އެކި އެކި މަގާމުތަކުގައި މިހާރުވެސް އެބަތިއްބެވިއެވެ. އިނގިރޭސިވިލާތުގެ ޕާލަމެންޓް މެންބަރެއް ކަމުގައިވާ ޓިއުލިޕް ސިއްދީގަކީ ހަސީނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެކެވެ.

ޝޭޚް ހަސީނާ އެނބުރި ގައުމަށް ވަޑައިގެން ސިޔާސީ ހަރަކާތްތައް ފެއްޓެވުމާއެކީގައި އޭރުގެ އަސްކަރީ ސަރުކާރުން އެކަމަނާ އާއި ދެކޮޅަށް ވަރަށް ގިނަގުނަ ފިޔަވަޅުތަކެއް ދިޔައީ އަޅަމުންނެވެ. އެއީ ރައީސް ޖެނެރަލް ހުސައިން މުހައްމަދު އިރުޝާދުގެ ވެރިކަމުގެ ދައުރެވެ. އެ ސަރުކާރުން ދޭތެރެ ދޭތެރެއިން ދިޔައީ ހަސީނާ ހައްޔަރުކޮށް ޖަލަށް ލަމުންނެވެ. ނުވަތަ ގޭގައި ބަންދުކުރަމުންނެވެ. ޑިމޮކްރަސީއަށްޓަކައި އޭރު އަސްކަރީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވި މަދަނީ އަނެއް ލީޑަރަކީ ބަނގްލަދޭޝް ނެޝަނަލް ޕާޓީ ނުވަތަ ބީއެންޕީގެ ލީޑަރު ބޭގަލް ޚާލިދާ ޒިޔާއެވެ. ޖެނެރަލް އިރުޝާދާއި ސިފައިންގެ ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކޮށް ރައްޔިތުންގެ ބާރު ދައްކަވައި މިނިވަން ޑިމޮކްރަޓިކް އިންތިޚާބަކަށް ފުރުސަތު ހޯއްދަވައި ދެއްވީ މި ދެ އަންހެން ބޭފުޅުންނެވެ. ބަނގްލަދޭޝްގައި އެގޮތުން 1991 ވަނަ އަހަރު ބޭއްވުނު އާއްމު އިންތިޚާބު ކާމިޔާބު ކުރެއްވީ ބީއެންޕީ އާއި އެޕާޓީގެ ލީޑަރު ޚާލިދާ ޒިޔާއެވެ.

ޚާލިދާ ޒިޔާގެ ވެރިކަން ފެށުމާއެކު ހަސީނާ ވެވަޑައިގަތީ އިދިކޮޅު ލީޑަރަށެވެ. އޭގެފަހުން ބަނގްލަދޭޝްގެ ސިޔާސީ މަސްރަހު އެކިގޮތްގޮތަށް ފުރޮޅަމުން ކުލަޖައްސަމުން ވެރިކަން ކުރައްވަމުން ވަޑައިގަންނަވަނީ މި ދެ އަންހެން ބޭފުޅުންނެވެ. އެއްބޭފުޅަކު ވެރިކަން ކުރައްވާއިރު އަނެއް ބޭފުޅަކީ އިދިކޮޅު ލީޑަރެވެ. ބޭގަމް ޚާލިދާ ޒިޔާވެސް ދެ ދައުރެއްގައި ބޮޑުވަޒީރުކަން ކުރައްވައިފިއެވެ. އެކަމަކު 2009 ވަނަ އަހަރުން ފެށިގެން އެހެން ބޭފުޅަކަށް ފުރުސަތެއް ނުދެއްވައި ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރައްވައިގެން ވެރިކަން ކުރައްވަމުން ގެންދަވަނީ ހަސީނާއެވެ، އެކަމަނާގެ ވެރިކަމުގައި ބަނގްލަދޭޝްއަށް ފާހަގަ ކުރެވޭ އިގްތިސާދީ ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. އެންމެ ފާހަގަ ކުރެވޭ ކުރިއެރުމަކީ 153 މިލިޔަން މީހުންގެ އާބާދީއެއް އޮތުމާއެކުވެސް ބިޔަ ބޮޑު އިންޑިޔާއަށްވުރެ ބޮލަކަށް ޖެހޭ ނިސްބަތް ބަނގްލަދޭޝްގައި އިތުރުވުމެވެ. މިއީ ވަރަށްވެސް ބޮޑަށް ބަނގްލަދޭޝްގައި ފާހަގަ ކުރެވުނު ކަމެކެވެ.

ހަސީނާގެ ފިރިކަލުން އެމްއޭ ވާޒިދު މިއާ ވަނީ 2009 ވަނަ އަހަރު އަވަހާރަ ވެފައެވެ. އެ ދެކަނަބަލުންނަށް ލިބިވަޑައިގެންފައިވަނީ ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅެކެވެ. އަންހެން ބޭފުޅަކީ ސާއިމާ ވާޒިދެވެ. އެއީ އޮޓިޒަމް އެކްޓިވިސްޓެކެވެ. ފިރިހެން ބޭފުޅަކީ ސަޖީބު ވާޒިދު ޖޯއިއެވެ. އެއީ މަންމާފުޅުގެ ސަރުކާރަށް ސައިންސާއި ޓެކްނޮލޮޖީގެ ކަންކަމުގައި ލަފާދެއްވާ ޚާއްސަ މުޝީރެކެވެ. ސާއިމާގެ ފިރިކަލުންގެ ބައްޕާފުޅަކީ ހަސީނާގެ ކެބިނެޓުގައި ވަރަށް ނުފޫޒުހުރި ވަޒީރެއްކަމަށްވާ ޚަންދަކާރު މުޝައްރަފު ހުސައިނެވެ. ހަސީނާއާ އެއްބައްޕާފުޅު ބޭފުޅުންގެ ތެރެއިން 1975 ވަނަ އަހަރު ސިފައިން ހިންގި ލޭ އޮހޮރުވުމުގައި ދެން ސަލާމަތްވެވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ ޝޭޚް ރައިހާނާއެވެ. އެކަމަނާ ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައެވެ. އިނގިރޭސި ޕާލަމެންޓްގެ މެންބަރު ޓިއުލިޕް ސިއްދީގުގެ މަންމާފުޅަކީ ޝޭޚް ރައިހާނާއެވެ. ބައްޕާފުޅަކީ ޕްރޮފެސަރު ޑރ ޝަފީގު އަހުމަދު ސިއްދީގެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
26%
9%
2%
11%
6%
47%
ކޮމެންޓް