އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅުން ހިންގާ ޣައްދާރުވުމުގެ އަމަލަށް ދިވެހި ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެބައޮތް ކަމަށާއި، ފާޅުކުރާ ޚިޔާލުތައް މި ސަރުކާރުން އަޑު އަހާނެ ކަމަށެވެ. އަދި އެ ގާބިލްކަން ވެސް ދިވެހި ސަރުކާރުގައި އެބަހުރި ކަމަށެވެ. ނަމަވެސް މިހާރު މިފެންނަނީ ހައްދުފަހަނައަޅައި ދާތަން ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ޚިޔާލު ފާޅުކުރުމެއްނޫން ކަމަަށެވެ. އަދި ސިޔާސީ ހަރަކާތް ހިންގުމެއް ވެސް ނޫން ކަމަށާއި، މިއީ ސިީދާ ދިވެހި ޤައުމާ ދެކޮޅަށް ހިންގޭ ޖަރީމާއެއްގެ ގޮތުގައި އަލީ ޒާހިރު ސިފަ ކުރެއްވިއެވެ. އަދި މިފަދަ ޣައްދާރުވުމުގެ އަމަލު ހިންގާކަށް ސަރުކާރުން ކުރިއަށް އޮތްތާނގައި ފުރުޞަތެއްނުދޭނޭ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި އެކަންކަން ހުއްޓާލުމަށްފަހު ހަގީގީ ސިޔާސީ މަސައްކަތުގައި ކުރިއަށް ދިޔުމަށް ނަސޭހަތްތެރިވާކަމަށް ވިދާޅުވިއެވެ.
އިދިކޮޅުން ހިންގާ ހަރަކާތުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ އޮތް ގުޅުމަށް ހީނަރުކަމެއް ނައި ނަމަވެސް މި ހަރަކާތުގެ ސަބަބުން ދެގައުމުގެ އާންމު ރައްޔިތުންގެ މެދުގައި ނުބައި ރޫހެއް އުފެދި ފަރުދީ ފެންވަރުގައި ނުރަނގަޅު ކަންތަކެއް ހިނގާފާނެ ކަމުގެ ބިރުވެރިކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ނަމުގައި ސިޔާސީ ޕާޓީތަކުގެ ވެރިންގެ ގޮތުގައި، އަދި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންގެ ގޮތުގައި ތިއްބަވައިގެން އަވަށްޓެރި ގައުމުތަކާ ޚާއްސަ ގޮތެއްގައި އެންމެ ކުރީ ޒަމާނުއްސުރެ ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮންނަ އަދި ދިވެހިންގެ އެތައް ހާސް ބަޔަކު އަބަދުވެސް ޒަރޫރީ އަދި އަސާސީ ކަންތައްތައް އެބައެއްގެ ފަރާތުން ފުއްދަމުންދާ އަވަށްޓެރި އިންޑިއާއާ ޒާތީގޮތުން ޖައްސާލައިގެން ހިންގާ މި ހަރަކާތަށް ފުރުސަތު ނުދެއްވާނެ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
ވަރަށް ނާތަހުޒީބް ކަންތައްތަކެއްގެ ގޮތުގައި ސިފަކުރައްވަމުން ވިދާޅުވީ، ރަށްރަށުގައި ތިބި ފަތުރުވެރިން މިކަމުގެ ތެރެއަށް ވައްދައިގެން އެކަން ކުރަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ރާއްޖޭގެ ހަމަޖެހުމާއި ޞުލްޙަ މަސްލަހަތު ހިފެހެއްޓުމަކީ ސަރުކާރުން އަބަދުވެސް އިސްކުރާނެ ކަމެއްކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. މިއީ މި ހަރަކާތާ ދެކޮޅަށް ސަރުކާރުން މިގޮތަށް ބަސް ބުނި ފުރަތަމަ ފަހަރެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އަންގާރަ ދުވަހު އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވެސް ވިދާޅުވީ، ރައީސް ޔާމީނަށް އިންޑިއާ އައުޓް ޖައްސަވައިގެން މަގުމަތީގައި އުޅުއްވުމުގެ ފުރުސަތު ސަރުކާރުން ނުދެއްވާނެ ކަމަށެވެ.