މުޅި ދުނިޔެ ކޮވިޑް-19އާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާއިރު، އެއްބައިވަންތަކަން އިސްކުރަން ޖެހޭ ކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ، ދުނިޔޭގެ އިންސާނީ އެއްބައިވަންތަ ކަމުގެ ދުވަހެވެ. މި ދުވަހަކީ 2005 ވަނަ އަހަރު، އދ.ގެ އާންމު މަޖިލީހުގެ ގަރާރެއްގެ ދަށުން ފާހަގަކުރަން ފެށި ދުވަހެކެވެ. އެ ގަރާރުގެ ދަށުން އދއިން ވަނީ، 21 ވަނަ ގަރުނުގައި، އެކި މީހުންނާއި މުޖުތަމައުތަކުގައި ދިރިއުޅޭ އިންސާނުންގެ މެދުގައި ތަފާތުތައް ހުރި ނަމަވެސް، އެއްބައިވަންތަ ކަމަކީ އެންމެންގެ މެދުގައި ގާއިމުވެފައި އޮންނަންޖެހޭ އާލަމީ އަސާސެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
އދއިން ގަބޫލުކުރަނީ، ދުނިޔޭގެ ޚާރިޖީ، އިގްތިސާދީ، އިޖްތިމާއީ ސަގާފީ އަދި އިންސާނީ މައްސަލަތައް ހައްލުކުރުމަށް އެޖަމިއްޔާއަށް މަގުފަހިވަނީ އެއްބައިވަންތަ ކަމުގެ ރޫހާ ގުޅިގެން ކަމުގައެވެ.
މިދުވަހާއި ގުޅިގެން ޝާހިދު ވިދާޅުވީ އިންސާނީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރާއިރު، މުޅި ދުނިޔެ ކޮވިޑް-19އާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކަމަށާއި، ކޭސްތައް އިތުރުމުންދާ ކަމަށެވެ. އަދި ވިދާޅުވީ މި ބައްޔާއި ގުޅިގެން މިހާރު ދުނިޔެ އޮތީ ނޭނގުމެއްގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އެންމެން އެއްބައިވަންތަކަން އިސްކޮށް، އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެއްބައިވަންތަކަން އިސްކުރުމަށް ޝާހިދު ގޮވާލައްވާފައިވާއިރު، އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ޝާހިދު ހަވާލުވެވަޑައިގަތްތާ 100 ދުވަސް ފުރުމާ ދިމާކޮށް، ނިއުޔޯކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ކޮވިޑް-19ން އަރައިގަތުމަށް އެއް ހަމައެއްގައި އެންމެންނަށް ވެކްސިން ލިބެން ޖެހޭ ކަމަށާއި، އެންމެންނަށް ރައްކާތެރިކަން ކަށަވަރު ނުވާނަމަ އެއްވެސް މީހަކު ސަލާމަތެއް ނުވާނެ ކަމަށެވެ. ޝާހިދު ވިދާޅުވީ ވެކްސިން ފޯރުކޮށްދިނުމަށް ހުރިހާ ގައުމުތަކުން މަޝްވަރާކޮށް، އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެމޭރުމުން ގައުމުތަކުން މަސައްކަތް ކޮށްފިކަމުގައިވާނަމަ ލަނޑުދަނޑި ހާސިލްކުރެވޭނެ ކަމަށް ވިދާޅުވިއެވެ.