އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނާތީ ކުލަބުތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފުވި މައްސަލައިގައި މެންޗެސްޓާ ސިޓީގެ ޒުވާން ދެ ތަރިން ކަމުގައިވާ ފިލް ފޯޑެން އާއި ޖެކް ގްރީލިޝްއަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އިންޒާރުދީފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މި މަހުގެ 15 ވަނަ ދުވަހު ލީޑްސް ޔުނައިޓެޑް އަތުން 0-7 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސިޓީ މޮޅުވި މެޗަށްފަހު ފޯޑެން އާއި ގްރީލިޝް ބޭރުތެރޭގައި އުޅުނު ފޮޓޯތަކެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. އެއާއެކު މިދިޔަ އާދީއްތަ ދުވަހުގެރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 4-0 ގެ ނަތީޖާއަކުން ސިޓީ މޮޅުވި މެޗުގައި އެ ދެ ކުޅުންތެރިން ބޭނުންކޮށްފައެއް ނުވެއެވެ.
އެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުނީ އެ މެޗުގައި އެ ދެ ކުޅުންތެރިން ބެންޗުގައި ބޭތިއްބީ ކުޅުންތެރިންގެ ފަރާތުން ފެނުނު އަޚުލާގީ މައްސަލައެއްގައި ކަމަށެވެ. އަދި އެ މައްސަލަ އަޅާނުލައި ދޫކޮށްނުލާނެ ކަމަށާއި، އެގޮތުން ލީގުންނާއި ކުލަބުން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުނުކުރާ މައްސަލަތައް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހިއްޖެ ނަމަ އަޅާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އަޚުލާގީ މައްސަލައެއްގައި ފޯޑެން އާއި ގްރީލިޝްއަށް ގާޑިއޯލާގެ އިންޒާރެއް ލިބުނުއިރު، މީގެ ކުރިން މިދިޔއަ އަހަރުގެ ސެޕްޓެމްބަރު މަހު އައިސްލެންޑްގެ ކަރަންޓީން ގަވާއިދުތަކާ ޚިލާފުވުމުން އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުންވެސް ފޯޑެން ވަނީ އެ ފަހަރު ބޭރުކޮށްފައެވެ.
ކޮވިޑާ ގުޅިގެން ކުލަބުތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފުވި މައްސަލައެއްގައި ފޯޑެން އާއި ގްރީލިޝްއަށް އިންޒާރުދިންއިރު، ޕްރިމިއާ ލީގުގެ ކުލަބުތަކުގައި ކޮވިޑުގެ ކޭސްތައް އިތުރުވެ މިދިޔަ ހަފުތާ ބަންދުގައި ކުޅެން ތާވަލުކޮށްފައި ހުރި ގިނަ މެޗުތަކެއް ވަނީ ފަސްކޮށްފައެވެ.
ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ސިޓީން ވަނީ ނިއުކާސަލް ބަލިކޮށް ތާވަލުގެ އެއްވަނައިގައި ސިޓީން ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެގޮތުން ކުޅުނު 18 މެޗުން އެ ޓީމަށް ވަނީ 44 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އޮތް ލިވަޕޫލަށް 18 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޗެލްސީއަށް 18 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. ލީގުގައި ސިޓީން ދެން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ. އެރޭ އަމިއްލަ ދަނޑުގައި ސިޓީ ނުކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ.