ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްނަންގަވައިގެން އަވަށްޓެރި ގައުމަކާ ޖައްސާލުމަށް ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ، ދޭދޭ ގައުމަތަކާ އޮންނަ ގުޅުން ހީނަރުކޮށް ދިވެހިން ނިކަމެތި ކުރުމަށް ހިންގާ ހަރަކާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝައިޚު ހަސީނާ މަޖިލީހުގައި ތަގުރީރު ކުރެއްވުމާމެދު މެމްބަރުންގެ ރުހުން ހޯދުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ރާއްޖެއަކީ ދޭދޭ ގައުމުތަކާ ގުޅުން ބަދަހި، ރަނގަޅު ގުޅުންތަކެއް ބާއްވާ ގައުމެއް ކަމަށެވެ. ޚާއްސަކޮށް އިންޑިއާ އަކީ ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ބޭސްފަރުވާއާއި، ތައުލީމާއި އެނޫންވެސް ކަންކަން ފުއްދުމަށް ދަތުރު ކުރާ ގައުމަކަށްވާއިރު، އެފަދަ ގައުމަކާ ދެކޮޅަށް، ވެރިކަން ކުރައްވާފައިވާ ބޭފުޅަކު އަމިއްލަ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް މަގުތަކަށް ނިކުންނަވައިގެން ހިންގަވަމުންގެންދަވާ ހަރަކާތަކީ އެކަމުން ދިވެހި ރައްޔިތުންނަށް ފައިދާ ކުރާނެ ކަމެއް ނޫންކަމަށެވެ.
މިއީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ދިވެހި ރައްޔިތުންނަށް ނިކަމެތި ގޮތްތައް ކުރިމަތި ކުރުމަށް ރޭވިގެން ހިންގާ ހަރަކާތެއްކަމަށެވެ.
ރައީސް ޔާމީނަކީ މިހާރުވެސް ގިނަ މައްސަލަތަކެއްގައި ތުހުމަތު ކުރެވޭ ދައުވާތަކެއް އުފުލިފައިވާ ބޭފުޅަކަށްވާއިރު، ރާއްޖޭގެ ޚާރިޖީ ގުޅުންތަކުގެ ތެރެއަށްވަދެ، ރައްޔިތުންނަށް ނިކަމެތި ގޮތްތައް ކުރިމަތި ކުރުވަން އިތުރަށް މަސައްކަތް ކުރުމަކީ ބަލަހައްޓައިގެން ތިބެވޭނެ ކަމެއްނޫންކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ވެސް އެކި ގައުމުތަކާ ގުޅުން ކަނޑާލައި ކޮމަންވެލްތުން ވަކިވުމުން އެކަމުގެ ނިކަމެތިކަން ލިބުނީ ރައްޔިތުންނަށް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.