ސައިކްލޯން މޯރާގެ ނުރައްކަލުން ސަލާމަތް ކުރަމަށް ބަންގްލަދޭޝްގެ ދެކުނު އައްސޭރި ފަށުގައި ދިރިއުޅޭ ބައި މިލިއަނެއްހާ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމުގެ މަސައްކަތް ބަންގްލަދޭޝްގެ ސަރުކާރުން ހޯމަ ދުވަހު ފަށައިފިއެވެ.
ބަންގްލަދޭޝްގެ މޫސުމާ ބެހޭ އޮފީހުން ސައިކްލޯނުގެ ނުރައްކާ އަންގައިދޭ ލެވެލް އިއުލާން ކޮށްފައިވަނީ، އެންމެ ނުރައްކާ މިންވަރު ކަމުގައިވާ ދިހައެއްގައެވެ.
ބާރުގަދަ ސައިކްލޯން މޯރާގެ އަސަރު ބަންގްލަދޭޝްގެ އައްސޭރިފަށަށް ކުރަން ފަށާނެ ކަމަށް ބެލެވިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނެވެ.
ބަންގްލާދޭޝްގެ އޮފިޝަލުން ވިދާޅުވެފައިވަނީ ސައިކްލޯނުގެ އަސަރު ޗިޓަގޮން ސަރަހައްދަށާއި ކޮކްސް ބާޒާރު ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ބެލޭ ކަމަށެވެ.
ސައިކްލޯންގެ ނުރައްކާ ބޮޑުވާނެ ކަމަށް ލަފާ ކުރެވިފައިވުމައެކު ޗިޓަގޮން ބަނދަރުގެ މަސައްކަތްތައްވެސް ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.
އިންޑިއާގެ މޫސުމާބެހޭ އިދަރާއިން ބުނެފައިވަނީ ސައިކްލޯން އުފެދުނީ ބޭ އޮފް ބެންގޯލްގެ ސަރަހައްދުގައި އުފެދުނު ޑިޕްރެޝަންއެއްހެ ބާރު ގަދަވުމުގެ ސަބަބުން ކަމަށެވެ.
ސައިކްލޯން މޯރާގެ އަސަރު ބަންގްލަދޭޝްގެ އިތުރުން އިންޑިއާގެ އިރު އުތުރު ސަރަހައްދުތަކަށާއި މިޔަންމާއަށްވެސް ކުރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.