ކ. މާލެ
|
19 ޑިސެންބަރ 2021 | އާދީއްތަ 18:59
ޑރ މުހައްމަދު މުއިއްޒު
ޑރ މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
އުސޫލަކީ ދެވޭ ކޮންމެ ތަނަކުން ދަތުގައިވެސް ހޭކުމެވެ
 
މާލެ ސިޓީ ކައުންސިލުން ބިޑް ހަވާލުކުރުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާ
 
ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު ޖެހި ސަކަރާތް ވެސް ފަޅާ އަރައިގެން އެ މައްސަލަތައް ދަނީ ބަލަމުން

އަބަދުވެސް ދެކެވޭ އެއް ވާހަކައެއް އޮވެއެވެ. ސަރުކާރުތަކުގައި ނުވަތަ މަތީ ފަންތީގައި މަސައްކަތް ކުރާ ބޭބޭފުޅުން ކޮރަޕްޝަން ހިންގަވާ ވާހަކައާއި ވައްކަމާއި ރިޝްވަތުގެ ވާހަކައެވެ. ނުކުރާ ކަމެއްގެ ވާހަކައެއް ނުދައްކާނެއެވެ. ދެން މިފަދަ މައްސަލަ ބަލަން ފަށާ ހިސާބުން އެވެރިން ވިދާޅުވާނެއެވެ. ތިމަންނާ ކޮރަޕްޝަންގެ ކަންކަން ބަލާ ތަނަކަށް ދަމަނީ ބިރު ދައްކަންވެގެންނެވެ. ނޫނެކެވެ. އަތުގައި ހޭކި ދަތުގައި ވެސް ހޭކީތީއެވެ.

ކޮރަޕްޝަނުގެ އެންމެ ބޮޑު ޖަރީމާ ހިންގީ ނިމިގެން ދިޔަ ސަރުކާރުންނެވެ. އެއީ މުޅި ދުނިޔެއަށް މަޝްހޫރު ކަމެކެވެ. މި ދައްކަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކައެވެ. މުޅި ގައުމެއް ބަނޑުއަޅާލާނަމޭ ހިތާ ކުރި މަސައްކަތް އެންމެ ފަހުން އަތަށް ގޮވައި އެކަން ފޮރުވަން މީހުން ޖަލަށްލައި ފުރާޅުން ޓިނު ނަގައި އަނބިން ކައިރިން ފިރިން ނެރެ ބިރުދައްކައި ގައުމުން ފޮނުވާލާ ހިސާބަށް ވެސް ކަންކަން ދިޔައެވެ.

ކޮރަޕްޝަނުގެ ވާހަކަތަކުން މިއަދު ދައްކަން މިއުޅެނީ ދިވެހި ތާރީޚުގައި ބޮޑު ވައްކަން ކުރި ވެރިއެއްގެ ވާހަކައެއް ނޫނެވެ. އެމަނިކުފާނުގެ ވަޒީރެއްގެ ވާހަކައެވެ. ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުގެ ވާހަކައެވެ. އަދާލަތު ޕާޓީން ސިޔާސީ ދާއިރާއަށް ނުކުތުމުން ތިމާމީ ހުދު ކާފޫރަކަށް މީހުން ދެކޭނެކަމަށް ގަބޫލުކުރެވި ސިޔާސީ ޖާހަތުގައި ޕާޓީ ބަދަލުކޮށް ޕާޓީގެ ކުދިން ކޮޅަށް ނުއަގުގައި ތަންތަން ވިއްކަ ދޫކޮށް އިމާރާތް ހަދާ ނުހަދާ އެއްކަމެއް ވެސް ނެތެވެ. މިއަށް ކިޔަނީ ކޮރަޕްޝަނެވެ.

މާލޭގެ އިރުމަތީ ފަރާތުން ހުހަށް ފެންނަ އެހުރި ރެސްޓޯރަންޓާއި އެތަނުގައި އިށީންނަން ހުރި ޕްލެޓްފޯމާއި މި ތަންތަނަކީ ހުސް ކޮރަޕްޝަނުގެ އަންބާ ކިޔަމުންދާ ތަންތަނެވެ. ކޮރަޕްޝަނަކަށްވީ އެތަނެއް ނޫނެވެ. އެތަނުން ކަޓު ލިބޭގޮތަށް މުއިއްޒު ހެދި ޑީލާއި އެތަން ކުއްޔަށް ދޫކުރެވުނު ގޮތާއި ދެން ކަންވީ ގޮތެވެ.

އޭސީސީން މުއިއްޒުގެ މައްޗަށް އުފުލީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭ ގޮތަށް ނުވަތަ ލިބެން އޮތް ފައިދާއަށް އުނިކަން ލިބޭ ގޮތަށް އަމަލުކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

ކަން ހިނގައި ދިޔައީ މިހެންނެވެ. ބުރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓް އޭރިޔާ އަދި ޕާކިން އޭރިޔާއެއް ތަރައްގީކުރުމަށް ހައުސިން މިނިސްޓްރީން ސްޓްރާޑާއާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 22 ސެޕްޓެންބަރު 2016 ގައެވެ. ނަމަވެސް އެ މުއްދަތު ފަހުން ފަސް އަހަރު ދުވަހަށް ވަނީ އިތުރުކޮށްފައެވެ.

އެ އެއްބަސްވުމުގައިވާ "ޕާކިން އޭރިއާ" ގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދައަށް އެދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުމުން، އެއްބަސްވުމުގައިވާ "ޕާކިންގ އޭރިއާ" ހުޅަނގަށް ޖައްސާލުމަށްފަހު އެތަނުގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ މިނިސްޓްރީން ދީފައިވެއެވެ. އަދި އެކަމުގެ ސަބަބުން، އެއްބަސްވުމުގައިވާ ސަރަހައްދުގެ އިތުރުން، 2464 އަކަފޫޓުގެ ސަރަހައްދެއް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް އިތުރަށް ލިބި، އިތުރު ފައިދާ އެ ކުންފުންޏަށް ލިބިފައިވެއެވެ. އެހެންނަމަވެސް، އެހުއްދައަކީ އޭރު އަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 15 ގައި ބަޔާންކޮށްފައިވާ ހުޅުވާލެވިފައިވާ ބީލަން އުސޫލާ ޚިލާފު ކަމެއްކަމާއި، އަދި މިކަމުގައި އެ މިނިސްޓްރީން ގާނޫނީ ލަފާ ހޯދާފައިނުވާކަމަށް އޭސީސީން ބުނެފައިވެއެވެ.

އަދި މި ޕްރޮޖެކްޓަކީ ކުރު މުއްދަތަކަށް ކަނޑައެޅިފައިވާ ޕްރޮޖެކްޓެއްކަން ޕްރޮޖެކްޓް ހަވާލުކުރާނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިއުލާނުން އެނގޭއިރު، އިތުރު 5 އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަކީ އެ މަގްސަދާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އޭސީސީން ބުނެއެވެ. އަދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ސީއެސްއާރްގެ ގޮތުގައި ސަރުކާރަށް ދައްކަން ކަނޑައެޅި ފައިސާ ދައްކާފައިނުވާ ކަމަށް ވެސް އޭސީސީން އެއިރު ވަނީ ބުނެފައެވެ.

އެގޮތުން، ނޮވެންބަރު 2017 އިން ފެށިގެން 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 1,976,548.00 ރުފިޔާ ދައްކާފައިނުވެއެވެ. އަދި ހައުސިން މިނިސްޓްރީއަށް އެ އެއްބަސްވުން ބާތިލްކުރުމުގެ އިޚުތިޔާރު އޮތް ނަމަވެސް، އެ އިޚުތިޔާރުގެ ބޭނުން ކޮށްފައިނުވާ ކަމަށް އޭސީސީން ބުނެފައިވެއެވެ. އަދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް މަންފާވާގޮތަށް އެއްބަސްވުމަށް އެކި ފަހަރު މަތިން ބަދަލުގެނެސް އިސްލާހުތައް ގެނެސްފައިވާތީ އެކަމުގައި ހައުސިން މިނިސްޓްރީން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުގެ މަސްހަލަތު އިސްކޮށްފައިވާކަން އެނގޭ ކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ.

މިއީ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. ދެން ވެރިކަން ބަދަލުވެ އަނެއްކާވެސް ތަނެއްގެ ވެރިކަން ލިބުނު ހިސާބުން އަޑުއަޑު ކިޔާފައި ލާންފެށީ ރެނދެވެ. މާލެ ސިޓީ ކައުންސިލުން އެވޯޑް ކުރާ ކޮންމެ ކަމެއްގައި ކަޓު ނަގާ ވާހަކައެވެ. ދާދި ފަހުން ވެސް މިފަދަ ދެތިން ކަމެއް ހިނގައިފިއެވެ. ޕާކިން ސްލޮޓް ދޫކުރުމާއި މާލެ ސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކުން އަމިއްލަ ޖީބަށް ވަންނަގޮތަށް ބިޑްތައް ހަވާލުކުރާ ވާހަކައެވެ.

މިކަން އެނގޭ މީހަކު ބުނީ ބިޑް ކާމިޔާބު ކުރަން މާ އުނދަގުލެއް ނޫން ވާހަކައެވެ. މުއިއްޒުގެ ކެމްޕެއިނަށް ހިނގި ޚަރަދުތައް ބިޑްތަކުގެ ތެރެއިން ޗަލާ ވާހަކައެވެ. ބިޑްތައް ކާމިޔާބު ކުރާ މީހާ އެތިކޮޅެއް ދޭ އިރަށް އެކަންވާ ވާހަކައެވެ. އަދި ބިޑް ލިބުމުންވެސް ފަހުން އިތުރަށް ވެސް ހޯދާ ވާހަކައެވެ.

ހުރެލާފައި ވާހަކައެއް ނުދައްކާނެއެވެ. ދައްކާނީ ސަބަބެއް ވެސް އޮވެގެންނެވެ. އެހެންވީމާ ތުހުމަތު ކުރެވޭ ކަންކަމުގައި އޭސީސީއާއި ފުލުހަށް ހާޒިރުކުރީމާ އެއީ ބިރު ދެއްކުމޭ ނުބުނާށެވެ. އަތުގައި ހޭކި ދަތުގައި ހޭކުނީމާ މިކަންކަން ވެސް ޒިންމާދާރުކުރުވަން ތިބި ބަޔަކު ކުރާނެއެވެ. އެއީ ކަންކަން ހިނގާ އުސޫލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
50%
0%
0%
50%
0%
0%
ކޮމެންޓް