ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ހާތާ ބާލިން އަތުން ބޮރޫޝިއާ ޑޯޓްމުންޑް ބަލިވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ޑޯޓްމުންޑް ބަލިވީ ހާތާ އަތުން 3-2 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޑޯޓްމުންޑުންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހޫލިއަން ބްރަންޓެވެ.
އެކަމަކު ދެވަނަ ހާފުގެ ކުރީކޮޅު ގާތްގާތުގައި ޖެހި ލަނޑުތަކާއެކު ހާތާއަށް ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މި ހާފު ފަށައިގެން ހަވަނަ މިނެޓުގައި އިސްހާކް ބެލްފޮޑީލް ހާތާއަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ހަ މިނެޓު ފަހުން މާކޯ ރިޗްޓާ ވަނީ ހިތްގައިމު ލަނޑަކާއެކު އެ ޓީމަށް ލީޑު ނަގައިދީފައެވެ.
އަދި އޭގެ ފަހުން މެޗުގެ 69 ވަނަ މިނެޓުގައި ހާތާއިން ލީޑު ފުޅާކުރިއިރު، މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިޗްޓާއެވެ. ދެން މި މެޗުގައި ޑޯޓްމުންޑުން ޖެހި ދެވަނަ ލަނޑު ފެނިގެންގޮސްފައިވަނީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށެވެ. ރަފައެލް ގުއެރެއިރޯ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސްޓެފެން ޓިގްސްއެވެ.
މި މެޗުން ޑޯޓްމުންޑް ބަލިވުމާއެކު، ތާވަލުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ވަނީ ނުވަ ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. އެގޮތުން ބަޔާނަށް ކުޅުނު 17 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި ޑޯޓްމުންޑް އޮތީ 17 މެޗުން 34 ޕޮއިންޓާއެކުއެވެ. އަދި ޑޯޓްމުންޑް ބަލިކުރި ހާތާ އޮތީ ތާވަލުގެ 11 ވަނައިގައި 17 މެޗުން 21 ޕޮއިންޓާއެކުއެވެ.