ވޮލެންޓިއަރުންނަކީ މުޖުތަމައަށް ޚިދުމަތްކޮށްދިނުމުގެ ބޭނުމުގައި އަމިއްލަ ވަގުތުގައި ހިލޭސާބަހަށް މަސައްކަތް ކުރާ މީހުންނެވެ. ކުރު ގޮތަކަށް ބުނާނަމަ ވޮލެންޓިއަރުންނަކީ ފައިސާގެ ބޭނުމުގައި މަސައްކަތް ކުރާ ބައެއްނޫނެވެ.
ވޮލެންޓިއަރުންގެ އަޑު މި ފަހުން އެންމެ ގަދަވީ ކޮވިޑްގެ ހާލަތުގައި މާލެ ލޮކްޑައުންކުރި ދުވަސްވަރުއެވެ. ކޮވިޑްގެ ފުރަތަމަ ރާޅާއެކުވެސް ވޮލެންޓިއަރުންގެ ބޭނުން ސަރުކާރަށާއި ސިއްހީ ދާއިރާއަށް ބޮޑުވިއެވެ. އެއާއިއެކު ސަރުކާރުގެ އެދުމަށް އިޖާބަދީ ވަރަށް ގިނަ ބަޔަކު ވޮލެންޓިއަރ މަސައްކަތްތަކަށް ނުކުތެވެ. މިދެންނެވި ވޮލެންޓިއަރުން އޭރު ނުކުތީ އެލެވެންސެއް ލިބޭނެ ކަމަށް ބަލައިގެނެއް ނޫނެވެ.
އެހެންނަމަވެސް ކޮވިޑްގެ ހާލަތުގައި ވޮލެންޓިއަރ ކޮށްދޭން ނުކުތް މީހުންނަށް ސަރުކާރުން އެލެވެންސް ދޭނެ ކަމަށްބުނި ހިސާބުން ވޮލެންޓިއަރުންގެ ވިސްނުން ބަދަލުވެއްޖެއެވެ. ގައުމީ ޚިދުމަތެއްގެ ގޮތުގައި ކުރިން ކުރި މަސައްކަތް ވަޒީފާގެ ގޮތުގައި ބެލެވޭ ހިސާބަށް ހިނގައްޖެއެވެ. އަދި ސަރުކާރުން ދޭން ނިންމި އެލެވެންސް ބަޖެޓްގެ ދަތިކަމާހުރެ ނުދެވޭނެ ކަމަށް ބުނުމުން މަގުތަކަށް ނުކުމެ ހަޅުތާލުކުރާ ހިސާބަށް ދިޔައެވެ.
ރާއްޖޭގެ ތާރީޚަށް ބަލާއިރު ގައުމު ބިނާކުރުމުގައި ވޮލެންޓިއަރުންގެ ބޭނުން ވަރަށް ބޮޑަށް މީގެ ކުރިންވެސް ވަނީ ހިފާފައެވެ. ސިއްހީ ކާރިސާތަކާއި ގުދުރަތީ ކާރިސާތަކުގައިވެސް އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައިވަނީ ވޮލެންޓިއަރުންގެ ފަރާތުންނެވެ. އެހެންނަމަވެސް އޭރު ވޮލެންޓިއަރުން މަސައްކަތް ކޮށްފައިވަނީ ފައިސާ ނުވަތަ އެލެވެންސަކަށް ނޫނެވެ
ވޮލެންޓިއަރުންނެވެ. ވޮލެންޓިއަރުންނަކީ މާތް މަގުސަދެއްގައި މުޖުތަމައަށާއި ގައުމަށް ދިމާވާ ދަތިތަކުން އަރައި ގަތުމަށް ގައުމީ ޒިންމާއެއް ނުވަތަ ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން ފައިސާގެ ދަހިވެތިކަން ދޫކޮށް މަސައްކަތް ކުރާ ބަޔެކެވެ. މީގެ ކުރިން 2004 ގެ ސުނާމީގައި ނުކުތް ވޮލެންޓިއަރުން ފަދައިން އެ ރޫހުގައި މިވަގުތު ދިމާވެފައިވާ ސިއްހީ ހާލަތުން އަރައިގަތުމަށް ވޮލެންޓިއަރުން މަސައްކަތް ކުރަމާތޯއެވެ. އޭރުން ގައުމަށާއި ތިމާގެ އަމިއްލަ ނަފްސައް ލިބޭ ހިތްހަމަ ޖެހުންވެސް ބޮޑުވާނެއެވެ.