ކ. މާލެ
|
18 ޑިސެންބަރ 2021 | ހޮނިހިރު 12:05
އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން
އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން
ޕީޕީއެމް
ސައިކަލު ބުރު ހުއްޓުވުން
ކޯލާ ފުޅިތަކަށް އަޅާފައި ހުންނަ ހަޖަމް ބޭސް ފުލުހުން ބޭނުންކުރަން ޖެހޭ: ޔާމީން
ސައިކަލު ބުރު ފުލުހުންނަށް ހަޖަމެއް ނުކުރެވުނު

ކޯލާ ފުޅިތަކަށް އަޅާފައި ހުންނަ ހަޖަމް ބޭސް ފުލުހުން ބޭނުންކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ކ. ތުލުސްދޫއަށް ވަޑައިގެން އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންނާއި ވާހަކަ ދައްކަވާ ޔާމީން ވަނީ އިދިކޮޅުން ހުކުރު ދުވަހު މާލޭގައި ބާއްވަން އުޅުނު ސައިކަލު ބުރު ހުއްޓުވުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޔާމީން ވިދާޅުވީ ކޯލާ ފުޅިތަކަށް އަޅާފައި ހުންނަ ހަޖަމް ބޭސް ފުލުހުން ބޭނުންކުރަން ޖެހޭ ކަމަށެވެ.

ސައިކަލު ބުރު ފުލުހުންނަށް ހަޖަމު ނުކުރެވުނު ކަމަށާއި މި ސަރުކާރަކީ ޚިޔާލު ފާޅުކުރުން ތަން މިނަށް ހުޅުވާލާ ޑިމޮކްރޮސީގެ މިނިވަން ކަމަށް އޮތް ކަމަށް ބުނާ ސަރުކާރު ކަމަށް ވިދާޅުވެ، އެކަމަށް ވެސް ޔަމީން ވަނީ ފާޑުވިދާޅުވެފައެވެ.

ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ކޯލިޝަނުން ވަނީ ސައިކަލު ބުރެއް ބޭއްވުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް މި ސައިކަލު ބުރުގެ ތެރެއިން ހަމަނުޖެހުން ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބުމުން އެހަރަކާތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފުލުހުން ދީފައެއް ނުވެއެވެ. އަދި ޕީޕީއެމް އޮފީސް ކައިރި މަގުތައް ފުލުހުން ވަނީ ބަންދުކޮށްފައެވެ.

Advertisement

އެހެންކަމުން ސައިކަލު ބުރު ވަނީ މުޒާހަރާއަކަށް ބަދަލުވެފައެވެ. ހުކުރު ދުވަހުގެ އިރުއޮއްސެން ކައިރިވެފައިވަނިކޮށް މުޒާހަރާގެ ތެރެއިން ފުލުހުންނާ އާންމުންނާ ދެމެދު ވަނީ ހަމަނުޖެހުމެއް ހިނގާފައެވެ. އަދި 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރ ރައީސް ޔާމީން މިނިވަންވެވަޑައިގެންނެވިފަހުން ކުރިއަށްވުރެ ބޮޑަށް އިންޑިއާ އައުޓް ކެމްޕެއިން ކުރިއަށްގެންދެއެވެ. އެގޮތުން އެމަނިކުފާނު އިސްވެ ހުންނަވައި ގެންދަވަނީ އަތޮޅުތެރޭގައި ވެސް މި ކެމްޕެއިން ކުރިއަށެވެ. އަދި އިންޑިއާ އައުޓްގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރުންވެސް ކުރިއަށްގެންދާއިރު، މި ޕެޓިޝަންގައި ބުނަނީ މި ސަރުކާރުން އިންޑިއާއާއެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއިކުރަމުން ގެންދާ ކަމަށެވެ. އަދި ގާނޫނުއަސާސީއާ ޚިލާފަށް ރާއްޖޭގެ ތަންތަން އިންޑިއާއަށް ދޫކޮށްފައިވާކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭކަށް ނުޖެހޭ ކަމަށާއި އިންޑިއާ ސިފައިން ތިބެންޏާ ދިވެހި ސިފައިނަކަށް ޖާގައެއް ނެތް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް