މެންޗެސްޓާ ޔުނައިޓެޑުން އިންޓަ މިލާނަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފިލްޑަރު އިވާން ޕެރެސިޗް އަށް ޝައުގުވެރިކަން ފާޅުކޮށްފިކަމަށް އިންޓަ މިލާންގެ ޑިރެކްޓާ ޕިއެރޯ އޮސީލިއޯ ވިދާޅުވެއްޖެ އެވެ.
ޕްރިމިއަމް ސްޕޯޓް އަށް ދިން އިންޓަވިއުއެއްގައި އޮސީލިއޯ ވިދާޅުވީ ޕެރެސިޗްއާ ބެހޭ ގޮތުން ޔުނައިޓެޑުން ރަސްމީކޮށް އެއްވެސް ވާހަކައެއް އިންޓަމިލާނާ ދައްކާފައިނުވާ ކަމަށާއި، އެހެންނަމަވެސް ޔުނައިޓެޑުން ޕެރެސިޗްއަށް ޝައުގުވެރިވާކަން ކަށަވަރުކޮށްދެވިދާނެ ކަމަށެވެ.
މީގެއިތުރުން އޮސީލިއޯ ވިދާޅުވީ، ޓީމުގައި ވަރަށް މުހިންމު ކުޅުންތެރިން ތިބޭ ކަމަށާއި، އެތަނުން ކުޅުންތެރިޔަކު ވިއްކާލުމުގެ ކުރިން ކްލަބަށް އެންމެ ފައިދާވާ ގޮތާ މެދުވެސް ވިސްނަން ޖެހޭ ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ، އިންޓަގެ ރަނގަޅު ސްކޮޑެއް އެބައޮތް ކަމަށާއި، އެހެންނަމަވެސް އިންޓައަށްވުރެ ފެންވަރު ދަށް ސްކޮޑު ހިމެނޭ ޓީމުތައް އިންޓައަށްވުރެ ކުރީގައި ލީގު ނިންމާލާފައިވާ ކަމަށެވެ.
އިންޓަ މިލާނުން އެޓީމުގެ ކޯޗު ސްޓެފަނޯ ޕިއޯލީ ވަކިކޮށްފައިވާއިރު، ރޯމާގެ ކުރީގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ އިންޓަގެ ކޯޗުކަމާ ހަވާލުވާން އުޅޭކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ޖަރުމަންގެ ވޮލްފްސްބާގް އިން 2015 ވަނަ އަހަރު އިންޓަމިލާނަށް ބަދަލުވި ޕެރެސިޗް ވަނީ އެޓީމަށް މިވީތަނަށް ކުޅުނު 79 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން ޕެރެސިޗް ވަނީ ވޮލްފްސްބާގްއާ އެކު ޖަރުމަން ކަޕް އަދި ޖަރުމަން ސުޕާކަޕް ކާމިޔާބުކޮށްފައެވެ.
ބްރޯޝިއާ ޑޯޓްމަންޑް އަށްވެސް ކުޅެފައިވާ ޕެރެސިޗް ވަނީ އެޓީމަށް ކުޅުނު 64 މެޗުގައި 12 ލަނޑު ކާމިޔާބުކޮށް، ބުންޑަސްލީގާ އަދި ޖަރުމަން ކަޕް އެޓީމާއެކު ކާމިޔާބުކޮށްފައެވެ.