ކޮވިޑް-19ށް އިތުރު 124 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ހޯމަ ދުވަހުގެ އިރުއޮއްސި 6:00ން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ށް 4167 ސާމްޕަލެއް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 124 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 35 މީހުންނާއި، އަތޮޅުތެރެއިން 76 މީހުން އަދި ހިންގަމުންދާ ރިސޯޓުތަކުން 13 މީހުންނެވެ.
އެޗްޕީއޭއިން ބުނީ 1981 އެކްޓިވް ކޭސް ހިމެނޭ ކަމަށާއި، 18 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.
މިހާތަނަށް 93،370 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 91،118 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. އަދި 258 މީހުން ބަލީގައި ވަނީ ނިޔާވެފައެވެ.
މާލެ ސަރަހައްދުން ކޮވިޑް-19ގެ ކޭސްތައް ރިޕޯޓު ކުރެވޭ މިންވަރު މަދު ނަމަވެސް އަތޮޅު ތެރެއިން ފެންނަ ކޭސްތައް ގިނަ އެވެ. އެގޮތުން މިހާތަނަށް 21 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު އޮގަސްޓް މަހުގެ ތެރޭގައި ސ. ހިތަދޫ، ސ. މަރަދޫ، އަދި ސ. މަރަދޫ/ފޭދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. އަދި ސ. ހުޅުމީދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. މ. މުލަށް، ނ. މިލަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ނޮވެންބަރު މަހުގެ ތެރޭގައި ނ. ވެލިދޫ އަދި އދ. މަހިބަދޫ މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެވެ. މީގެ އިތުރުން ދ. ކުޑަހުވަދޫ، އދ. މާމިގިލި، ނ. މާފަރު، ބ. އޭދަފުށި، ހދ. ހަނިމާދޫ، ބ. ދޮންފަނު، ނ. ލަންދޫ، ޅ. ހިންނަވަރު، ތ. ވިލިފުށި، ތ. ހިރިލަންދޫ، ގދ. ރަތަފަންދޫ އަދި ގދ. ވާދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ޑިސެންބަރު މަހުގެ ތެރޭގައެވެ.