ހިތުގެ މައްސަލަތަކެއް ފާހަގަވެގެން މި ވަގުތު ކުޅުމާ ދުރުގައި ހުރި ބާސެލޯނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ސްޕެނިޝް ލީގުގައި މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މެޔަށް އުނދަގުލެއްވެގެން އުމުރުން 33 އަހަރުގެ އަގުއޭރޯ ބަދަލުކުރަން ޖެހުނެވެ. އެ މެޗުގައި އަގުއޭރޯއަށް ނޭވާލާން އުނދަގޫވެގެން ދަނޑުމަތީގައި ފަރުވާދިނުމަށްފަހު ވަނީ ހޮސްޕިޓަލަށް ގެންގޮސް، އިތުރު ޓެސްޓުތަކެއް ހަދާފައެވެ.
މީގެ ކުރިން މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު ބާސާއިން ނެރުނު ބަޔާނެއްގައި ބުނީ އަގުއޭރޯގެ ޓެސްޓުތަކުގެ ނަތީޖާއިން ދައްކާގޮތުން އޭނާގެ ހާލަތު މި ވަގުތު އެންމެ ރަނގަޅު ނޫން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި އަގުއޭރޯގެ ހާލަތު އިތުރަށް ބެލުމަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.
ސްޕެއިނާއި ދެކުނު އެމެރިކާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޓެސްޓުތަކުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން އަގުއޭރޯގެ ހިތުގައި މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަވެފައެވެ. އެހެންކަމުން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އަގުއޭރޯ ކުޅުން ހުއްޓާލާނެކަން އިއުލާން ކުރާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ. އެކަމަކު ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ އަގުއޭރޯ ކުޅުން ހުއްޓާލާނެކަން އޭނާއާ ހިއްސާކޮށްފައިނުވާ ކަމަށް ބުނެފައެވެ.
އަގުއޭރޯގެ ހިތުގައި މައްސަލަތަކެއް ހުރިކަން ފާހަގަވިއިރު، އާޖެންޓީނާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަގުއޭރޯގެ އުމުރުން 12 އަހަރުގައިވެސް ވަނީ ހިތުގެ މައްސަލައެއް ދިމާވެގެން ފަރުވާދީފައެވެ.
އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަގުއޭރޯގެ މެޔަށް އުނދަގުލެއް ވެގެން ބަދަލުކުރަން ޖެހުނު، އެ މެޗަކީ ބާސާއަށް ބަދަލުވެ އަމިއްލަ ދަނޑުގައި އަގުއޭރޯ ކުޅުނު ފުރަތަމަ މެޗެވެ. އަގުއޭރޯ ބާސާއަށް ބަދަލުވީ މެންޗެސްޓާ ސިޓީގައި 10 އަހަރު ހޭދަކުރުމަށްފަހު މިދިޔަ ޖޫން މަހު ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އެކަމަކު ބާސާއަށް ބަދަލުވުމަށްފަހު ކަނާތު ފައިގެ ކުޑަކަޅުވާ މަސްގަނޑަށް އަނިޔާވެގެން އަގުއޭރޯއަށް މި ސީޒަނުގެ ފުރަތަމަ ދެ މަސް ގެއްލުނެވެ. އެއާއެކު އަނިޔާއިން ރަނގަޅުވެ އަގުއޭރޯ ބާސާއަށް ކުޅެދިން ފުރަތަމަ މެޗަކީ މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ލީގުގައި ވެލެންސިއާ އަތުން 3-1 ގެ ނަތީޖާއަކުން ބާސާ މޮޅުވި މެޗެވެ. އަދި އޭގެ ފަހުން އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ކުޅުނު އެލް ކްލަސިކޯ މެޗުގައި އަގުއޭރޯ ވަނީ ބާސާއާއެކު ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ.
ސިޓީ ދޫކޮށް އަގުއޭރޯ ބާސާއަށް ބަދަލުވިއިރު، މީގެ ކުރިން އޭނާ ވަނީ ސްޕެނިޝް ލީގުގައި ވާދަކުރަމުން އަންނަ އެތުލެޓިކޯ މެޑްރިޑަށްވެސް ކުޅެފައެވެ.