ހދ. ކުޅުދުއްފުށި ސިޓީ
|
13 ޑިސެންބަރ 2021 | ހޯމަ 10:12
ރ.މަޑުއްވަރީ ބަނދަރު
ރ.މަޑުއްވަރީ ބަނދަރު
އެމްޓީސީސީ
މަޑުއްވަރީ ބަނދަރުގެ މަޝްރޫއު
ރ.މަޑުއްވަރީ ބަނދަރުގެ މަސައްކަތް ނިމެނީ
 
މަޑުއްވަރީގައި ކުރިއަށްގެންދާ ބަނދަރު ޕްރޮޖެކްޓަކީ ސަރުކާރުން 72.6 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް
 
ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 90 އިންސައްތަ ވަނީ ނިމިފައި

ރާއްޖޭގެ ގިނަ ރައްރަށެކޭ އެއްގޮތަށް ރ.މަޑުއްވަރިއަކީ ވެސް ލަފާފުރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެކެވެ. އެރަށުގައި ބޭނުންކުރަމުން އައި 700 ފޫޓުގެ ބަނދަރުގެ ބޭރު ތޮށި ހަލާކުވެފައި އޮތުމަކީ އޮޑިދޯނިފަހަރުގެ ވެރިންގެ ކަންބޮޑުވުމެކެވެ. ކަނޑު އުޅަނދުވެސް އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، ޖާގައިގެ މައްސަލަވެސް އޮތީ ބޮޑުވެފައެވެ.

މަޑުއްވަރީ ބަނދަރުގެ ދަތިކަން ހައްލުކުރުމަށް، މަޑުއްވަރީގައި އާ ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ 2019ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެމަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެރަށުގައި މަސްވެރިކަމަށް ނިކުންނަ ބޮޑެތި އޮޑިފަހަރު މިހާރު ގިނައެވެ. އުޅަނދުތައް ގިނަވެ ބަނދަރުގައި އަޅާފައި ބާއްވާނެ ޖާގަ ނެތުމުގެ ސަބަބުން، ބަނދަރު ވަރަށް ބޮޑަށް ތޮއްޖެހޭ ހާލަތަށްވެސް ދެއެވެ. މަޑުއްވަރީގައި މިހާރު ތަރައްގީ ކުރަމުންދަނީ 1200 ފޫޓުގެ ބަނދަރެކެވެ. އެމްޓީސީސީން ބުނީ އެރަށު ބަނދަރު ތަރައްގީ ކުރުމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.

މަޑުއްވަރިއަކީ އިންޑަސްޓްރިއަލް ފެންވަރުގައި ފައިބަރު މަސައްކަތްވެސް ކުރާ ރަށެކެވެ. މިއާއެކު ރަށުގައި ބޭނުންކުރާ އުޅަނދުތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މަޑުއްވަރީގެ އާ ބަނދަރު ހަދަނީ ރަށުގެ ދެކުނުކޮޅުގައެވެ. ރަށު ކައުންސިލުން ބުނީ ބަނދަރު ހަދާ ސަރަޙައްދަކީ ރަށުގައި މީހުން އާބާދުވުމަށް ބިން ދޫކޮށްފައިވާ ސަރަހައްދަށް ވުމާއެކު، އެ ސަރަހައްދު ވެގެންދާނީ ކުރިމަގުގައި ރަށަށް އެންމެ މުހިންމު ސަރަހައްދަށް ކަމަށެވެ.

ރ.މަޑުއްވަރީ ބަނދަރު - އެމްޓީސީސީ

މަޑުއްވަރީގައި މިހާރު ތަރައްގީ ކުރާ ބަނދަރަކީ 1200 ފޫޓު ދިގު، 350 ފޫޓު ފުޅާ ބަނދަރެކެވެ. މި ޕްރޮޖެކްޓުގެ ދަށުން 7280 ކިއުބިކް މީޓަރ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 80400 ކިއުބިކް މީޓަރ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 65520 ކިއުބިކް މީޓަރ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުން ހިމެނެއެވެ. މީގެއިތުރުން ޕްރޮޖެކްޓްގައި 411 މީޓަރު ބޭރުތޮށި ލުމާއި، 135 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން 2840 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭމެންޓް ހެދުން ހިމެނެއެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކުރާ މި ބަނދަރުގައި ކޮޅުވެއްޓިއާއި ބާޖު ފަދަ އުޅަނދުތައް ކައިރިކުރުމަށް ރޭމްޕަކާއި 2825 އަކަމީޓަރުގެ ޕޭމަންޓް ހެދުމާއި ބަނދަރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

2500 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ މަޑުއްވަރީގައި ކުރިއަށްގެންދާ ބަނދަރު ޕްރޮޖެކްޓަކީ ސަރުކާރުން 72.6 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް