ބްރެޒީލަށް އެތެރެވާ މީހުން ތިބީ ވެކްސިން ފުރިހަމަކޮށްފައިތޯ ބެލުމަށް އެގައުމުގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ލުއިސް ރޮބަރޓޯ ބަރޯސޯ އަމުރު ކުރައްވައިފިއެވެ.
ހޮނިހިރު ދުވަހު ބްރެޒިލްގެ ސްޕްރީމް ކޯޓުން މިގޮތަށް ނިންމާފައިމިވަނީ އެގައުމުގެ ސްޓޭޓް ހެލްތު ރެގިޔުލޭޓަރު ކަމުގައިވާ އަންވިސާއިން ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރާ އަރިހުން އެގޮތަށް ނިންމުމަށް އެތައް ފަހަރަކު އެދިފައިވަނިކޮށެވެ. ބްރެޒީލަށް އެތެރެވާ މީހުންނަކީ ވެކްސިން ފުރިހަމަކޮށްފައި ތިބި މީހުންނަށް ވާންޖެހޭނެ ކަމަށް ކަނޑައެޅުމަށް އެގައުމުގެ ހެލްތު ރެގިޔުލޭޓަރުން ވަނީ އެތައް ފަހަރަކު ބޮލްސޮނާރާ އަރިހުން އެދިފައެވެ. ނަމަވެސް ބޮލްސޮނާރާ ވިދާޅުވަމުން އަންނަނީ އެކަހަލަ ކަންކަމަށް ތާއީދު ނުކުރައްވާ ކަމަށެވެ.
ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ވެކްސިން ޖަހާފައި ހުރިތޯ ބަލާއިރު އިސްތިސްނާވާނީ ވެކްސިން ނެތް ގައުމުތަކާއި ސިއްހީ ސަބަބުތަކާ ހެދި ވެކްސިން ނުޖެހޭ މީހުންނެވެ.
ވެކްސިން ނުޖަހާ ބްރެޒީލަށް އެތެރެވާ މީހުންނަށް ފަސް ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަންޖެހޭ ގޮތަށް އެކުލަވާލި ސިޔާސަތަށް އަމަލުކުރުން ވަނީ ހަފްތާއަކަށް ފަސްކޮށްފައެވެ. ހެލްތު މިނިސްޓްރީން ބުނީ އެއުސޫލަށް އަމަލުކުރުން ފަސްކުރަން ޖެހުނީ ހެކަރުން ސަރވާއަށް ދިން ހަމަލާތަކެއްގެ ސަބަބުންނެވެ.