ކ. މާލެ
|
11 ޑިސެންބަރ 2021 | ހޮނިހިރު 17:28
ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗެއްގެ ތެރެއިން
ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗެއްގެ ތެރެއިން
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ޓީ20 ކްރިކެޓް ޕްރިމިއާ ލީގު
އައިޒީ އަތުން އޮއްފު އެފްސީއަށް މޮޅެއް
 
އައިޒީ އަތުން އޮއްފު އެފްސީ މޮޅުވީ ހަ ވިކެޓުން
 
ނިއު ސްޓާ އާއި ވިޔަންސާގެ މެޗު ކުރިއަށް ނުގެންދެވުނު

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ޓީ20 ކްރިކެޓް ލީގުގައި ހޮނިހިރު ދުވަހުގެ ހެނދުނު ކުޅުނު މެޗުން އައިޒީ ސްޕޯޓްސް އަތުން އޮއްފު އެފްސީ މޮޅުވެއްޖެއެވެ.

އަށް ޓީމު ވާދަކުރާ މި މުބާރާތުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުން އޮއްފު އެފްސީ މޮޅުވީ އައިޒީ އަތުން ހަ ވިކެޓުންނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން އައިޒީ ކުޅެން އަރައި 15 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 95 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 33 ބޯޅައިން 35 ލަނޑު ހެދި މުޙައްމަދު އަފްލާހު އާއި 25 ބޯޅައިން 28 ލަނޑު ހަމަކުރި މުޙައްމަދު ޝަހުދާނެވެ. މި އިނިންގްސްގައި އޮއްފު އެފްސީގެ ދިލޯވަރު ހުސެއިން 12 ލަނޑަށް ހަތަރު ވިކެޓް ނެގިއިރު، އެ ޓީމުގެ ޒިޔާއުﷲ ފަހީމް ވަނީ 12 ލަނޑަށް ތިން ވިކެޓު ނަގާފައެވެ.

ޖަވާބުގައި އޮއްފު އެފްސީ ކުޅެން އެރިއިރު، މެޗުން މޮޅުވާން އެ ޓީމަށް ހަދަންޖެހިފައި އޮތީ ހަތް އޯވަރުގެ ތެރޭގައި 47 ލަނޑެވެ. އެގޮތުން 6.5 އޯވަރުގައި އެ ޓީމުން ވަނީ ހަތަރު ކުޅުންތެރިން ނުބައިވެގެން 48 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 16 ބޯޅައިން 26 ލަނޑު ހެދި މުޙައްމަދު ޝިޕަރު މިއާއެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޮއްފު އެފްސީގެ ދިލޯވަރު ހުސެއިނެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެ މެންދުރުފަހު ކުޅުނު މެޗުގައި ނިއު ސްޓާ އާއި ކުލަބު ވިޔަންސާ ބައްދަލުކުރިއިރު، މޫސުން ގޯސްވުމާ ގުޅިގެން މެޗު ކުޅުން ކުރިއަށް ނުގެންދެވުމުގެ ސަބަބުން އަމްޕަޔަރުން ވަނީ މި މެޗުން ދެ ޓީމު އެއްވަރުވީ ކަމަށް ނިންމާފައެވެ. އެހެންކަމުން އެ ދެ ޓީމަށްވެސް ވަނީ އެއް ޕޮއިންޓް ލިބިފައެވެ.

މި މުބާރާތުގެ ފުރަތަމަ ކުޅޭ ޕްރިމިއާ ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ވާދަކުރާއިރު، އެ މެޗުތަކަށްފަހު ރޭންކިން އެއްވަނައަށް ދާ ޓީމަކީ ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނެވެ. އަދި އެއަށްފަހު ފައިނަލް ބުރުގައި ކުޅޭނީ މުބާރާތުގެ ރޭންކިންގެ ގަދަ ހަތަރު ޓީމެވެ.

ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގައި ދެން މެޗެއް ކުޅޭނީ އަންނަ ހުކުރު ދުވަހުއެވެ. އެ ދުވަހު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކޮމެޓްސް ކްރިކެޓް ކުލަބާއި މާލޭ ވެޓެރަންސް ކުލަބެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ އޮއްފު އެފްސީ އާއި މިލާން ކްރިކެޓް އެކެޑަމީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް