ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބޭނުންނުވާ ނަމަ، ގަދަކަމުން އެ ޓީމުގައި އޭނާ މަޑުނުކުރުވާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ރަލްފް ރަންގްނިކް ބުނެފިއެވެ.
އުމުރުން 28 އަހަރުގެ ޕޮގްބާ ޔުނައިޓެޑުގެ އެއްބަސްވުމުގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. އަންނަ އަހަރުގެ ޖޫން މަހު ޕޮގްބާގެ އެއްބަސްވުން ހަމަވާއިރު، މިހާތަނަށް ޔުނައިޓެޑުން ހުށަހެޅި އައު އެއްބަސްވުމަށް ޕޮގްބާގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ކުރިން ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ވަނީ ޔުނައިޓެޑުގައި ޕޮގްބާ ހުރީ ހިތްހަމަޖެހިގެން ނޫން ކަމަށާއި، އެހެންކަމުން ޔުނައިޓެޑް ދޫކޮށް އެހެން ކުލަބަކަށް ޕޮގްބާ ބަދަލުވާން ޖެހޭ ކަމަށް ބުނެފައެވެ.
މި ސީޒަން ނިމުމުން ޕޮގްބާގެ އެއްބަސްވުން ހަމަވާއިރު، ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ޕޮގްބާ ވިއްކާލަން ޔުނައިޓެޑަށް މަޖުބޫރުވާނެއެވެ. އެއީ ޖެނުއަރީ މަހު އޭނާ ވިއްކާނުލެވިއްޖެނަމަ، އަންނަ އަހަރުގެ ހޫނު މޫސުމުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ޕޮގްބާއަށް ކުލަބު ބަދަލުކުރެވޭނެތީއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޔުނައިޓަޑުގެ ކޯޗު ރަންގްނިކް ބުނީ ޕޮގްބާ ޔުނައިޓެޑުގައި ބަހައްޓަން ބޭނުންވިޔަސް، އޭނާ ބޭނުންނުވާނަމަ އެކަން ނުކުރާނެ ކަމަށެވެ. އަދި ޔުނައިޓެޑް ފަދަ ބޮޑު ޓީމަކަށް ކުޅެން ބޭނުންނުވާ ކުޅުންތެރިއެއްގެ ވިސްނުން ބަދަލުކޮށްގެން އެކަން ކުރުވަން ބޭނުންނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ގަދަކަމުން ޔުނައިޓެޑުގައި ޕޮގްބާ ނުބަހައްޓާނެ ކަމަށް ރަންގްނިކް ބުނިއިރު، ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ޕޮގްބާ އެ ޓީމު ދޫކޮށްލާނެކަމުގެ އިޝާރާތެއް އޭނާގެ އޭޖެންޓް ވަނީ ދީފައެވެ. އެގޮތުން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރައިއޯލާ ބުނީ ޑިސެމްބަރު މަހަކީ ހުވަފެންތަކުގައި ކުލަޖެހިގެންދާ މަސް ކަމަށާއި، އަދި އޭނާއަށް ޕޮގްބާގެ ހުވަފެނެއް ހަގީގަތަކަށް ވިޔަނުދީ ނުހިފެހެއްޓޭނެ ކަމަށެވެ.
މީގެ ކުރިން އެތައް ފަހަރަކު ޔުނައިޓެޑް ދޫކޮށްލަން ޕޮގްބާ މަސައްކަތް ކޮށްފައިވާއިރު، އޭނާ ހޯދުމަށް ރެއާލް މެޑްރިޑާއި، ޔުވެންޓަސް އަދި ޕީއެސްޖީންވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި މީގެ ކުރިން ޕޮގްބާ ވަނީ ކޮންމެވެސް ދުވަހަކުން ރެއާލަށް ކުޅުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށްވެސް ބުނެފައެވެ.
ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިއަރު ފެށި ޕޮގްބާ މީގެ ކުރިން ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސްއަށް ބަދަލުވެ އެ ޓީމުގައި ހަތަރު ސީޒަން ހޭދަކޮށްފައެވެ. އޭގެ ފަހުން އަނެއްކާވެސް ޕޮގްބާ އަނބުރާ ޔުނައިޓެޑަށް ބަދަލުވީ 2016 ވަނަ އަހަރު 105 މިލިޔަން ޔޫރޯއަށެވެ. ޕޮގްބާ ވަނީ މިހާތަނަށް ޔުނައިޓެޑާއެކު އިނގިރޭސި ލީގު ކަޕުގެ އިތުރަށް ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.