ޔޫރަޕްގެ އިއްތިހާދުން އިނގިރޭސި ވިލާތް ވަކިވުމަށް ނިންމައި އަދި އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް އިންތިޚާބުވެ ވަޑައިގެންނެވި ފަހުން ޔޫރަޕަށް އެމެރިކާއާއި އިނގިރޭސިވިލާތަށް އެއްވެސް ވަރަކަށް ބަރޯސާވެވެން ނެތް ކަމަށް ޖަރުމަނުގެ ޗާންސެލާ އަންޖެލާ މާކެލް ވިދާޅުވެއްޖެއެވެ.
މާކެލް ވިދާޅުވީ އެ ދެ ގައުމާ ވެސް އަދި ރަޝިއާއާ ވެސް ގުޅުން ބާއްވަން ބޭނުންވާ ކަމަށާއި ނަމަވެސް ޔޫރަޕުގެ މުސްތަގްބަލަށް ޔޫރަޕް އަމިއްލައަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
މާކެލް މިހެން ވިދާޅުވީ 2015 ވަނަ އަހަރު އެކުލަވާލި ޕެރިސް އެއްބަސްވުން ތަންފީޒު ކުރެއްވުމަށް ރައީސް ޓްރަމްޕް ޖީ7 ސަމިޓްގެ ތެރޭގައި ދެކޮޅު ހައްދަވާފައިވަނިކޮށެވެ.
މާކެލް މިހާރު އުޅުއްވަމުން ގެންދަވަނީ ސެޕްޓެމްބަރު މަހު ބާއްވާ އިންތިޚާބުގެ ކެމްޕެއިންގެ ޓްރައަލްގައެވެ.
"އަޅުގަނޑުމެން އެެހެން މީހުންނަށް ބަރޯސާވެގެން ތިބިތިބުން މުޅިން ނިމުމަކަށް މިދަނީ. ވޭތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި އެކަންކަން އަޅުގަނޑަށް ތަޖުރިބާ ކުރެވިފައި" ޖަރުމަނުގެ މިއުނިކްގައި ބޭއްވި ކެމްޕެއިން ރެލީއެއްގައި މާކެލް ވިދާޅުވިއެވެ.
އޭގެ އިތުރުން މާކެލް ވިދާޅުވީ ފްރާންސްގެ އާ ރައީސް އެމަނުއެލް މެކްރޮން އާ ޖަރުމަނާ އޮންނަ ގުޅުން ބަދަހި ކުރެއްވުމަކީ އިސްކަންދެއްވާނެ ކަމެއް ކަމަށެވެ.
"ޔޫެރަޕްގެ މުސްތަގްބަލް ޔޫރަޕްގެ އަތްމައްޗަށް ގެންނަން ޖެހޭ" މާކެލް ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ކުރިޔަށްދިޔަ ޖީ7 ސަމިޓްް ނުވަތަ ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ބައްދަލުވުމުގައި މާކެލް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ގެންދެވުނު މަޝްވަރާތަކާ މެދު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
އިނގިރޭސިވިލާތް، ކެނެޑާ، ފްރާންސް، ޖަރުމަނުވިލާތް، އިޓަލީ އަދި ޖަޕާނުގެ ލީޑަރުން ވަނީ ޕެރިސް އެކޯޑަށް އެ ގައުމުތަކުން ދީފައިވާ ތާއީދު އިތުރަށް ކަށަވަރުކޮށްދީފައެވެ.
ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ އަންނަ ހަފްތާގައި އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
ރައީސް ޓްރަމްޕް ކުރިން ވަނީ މޫސުމީ ބަދަލުތަކާ މެދު ޝައްކު އުފައްދަވައި އެ އެއްބަސްވުމުން ނުކުމެވަޑައިގަންނަވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.