ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ ޖުމްލަ އަދަދު 365،177ށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ބުދަ ދުވަހު 40 މީހުންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 26 މީހުންނާއި، އަތޮޅުތެރޭގެ ރަށްރަށުން 16 މީހުންނެވެ. އެއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި ޖުމްލަ އަދަދު ވަނީ 396،106ށް އަރާފައެވެ. އަދި 131 މީހުން ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 102 މީހުންނާއި، އަތޮޅުތެރޭގެ ރަށްރަށުން 29 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއާއެކު ވެކްސިންގެ ދެވަނަ ޑޯޒު ޖެހި ޖުމްލަ އަދަދު ވަނީ 365،177ށް އަރާފައެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ 924 މީހުން ވެކްސިންގެ ބޫސްޓަރ ޑޯޒު ޖަހާފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 309 މީހުންނާއި، އަތޮޅުތެރޭގެ ރަށްރަށުން 615 މީހުންނެވެ. ބޫސްޓަރ ޑޯޒު ޖެހި ޖުމްލަ އަދަދު މިހާރުވަނީ 18،124ށް އަރާފައެވެ.
ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި ޖުމްލަ އަދަދު 365،177ށް އަރާފައިވާއިރު، 90 އިންސައްތަ ސްކޫލު ދަރިވަރުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޚާއްސަ އިސްކަމެއްދީގެން ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށް ގެންދާއިރު، ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ، ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ހާލަތު ސީރިއަސް ނުވާ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.