ހދ. ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމުކޮށްގެން އެ ރަށުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ "ނޮޅިވަރަންފަރު ކައުންސިލް ކަޕް 2021" މި މަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.
ނޮޅިވަރަމްފަރު ކައުންސިލުން މައުލޫމާތުދޭ ގޮތުން މި މުބާރާތް ކުރިއަށްދާނީ ދެ ޖިންސަށް ބައިވެރިވެވޭ ގޮތަށް ދެ ޑިވިޝަނަކަށް ބަހާލެވިގެންނެވެ. މުބާރާތް ކުރިއަށްގެންދިއުމަށްޓަކައި ކޮންމެ ޑިވިޝަނަކުން (އަންހެން / ފިރިހެން) މަދުވެގެން ތިން ޓީމު ބައިވެރިވާން ޖެހޭނެކަމަށް އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ރަށު ކައުންސިލް އިދާރާއަށް ވަޑައިގެން ޓީމު ލިސްޓް ފުރިހަމަކުރުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ. އަދި މި ލިސްޓާއެކު އައިޑީ ކާޑުގެ ކޮޕީވެސް ހުށަހަޅަންޖެހެއެވެ.
މި މުބާރާތުގެ ދެ ޑިވިޝަނުގެ ޗެންޕިއަން ޓީމަށް 7،000 ރުފިޔާ، އަދި ރަނަރަޕް ޓީމަށް 3،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.