މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރި 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް އަންނަ އަހަރުގެ ޖުލައި މަހު ބާއްވަން ތާވަލުކޮށްފިއެވެ.
މީގެ ކުރިން މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ މުބާރާތް މި އަހަރުގެ ސެޕްޓެމްބަރު މަހަށް ފަސްކޮށްފައެވެ.
އެ ފަހަރު ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ މުބާރާތް ފަސްކުރަން ނިންމީ ކޮވިޑުގެ ސަބަބުން ދުނިޔޭގައި އާއި ރާއްޖޭގައި އެޅިފައިވާ އެކިއެކި ފިޔަވަޅުތަކާއި، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިފައިވުމާއި ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށެވެ.
އެކަމަކު އެ މުއްދަތުގައިވެސް އެ މުބާރާތް ބޭއްވިފައި ނުވާއިރު، މިހާރު މި މުބާރާތް ވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ތާވަލުކޮށްފައެވެ.
ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަދައްވަމުން ބޯޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) ގެ ނައިބު ރައީސް އަޙްމަދު އައިމަން ވިދާޅުވީ އަންނަ އަހަރުގެ ޖުލައި މަހު މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް މިހާރު ފައިނަލްވެފައިވާ ކަމަށެވެ. އަދި މި މުބާރާތް ރާއްޖޭގައި ބާއްވާތީ މުބާރާތުގައި ބައިވެރިވާން ހުރިހާ ގައުމަކުންވެސް ބޭނުންވާ ކަމަށާއި، އެހެންކަމުން މި ފަހަރުގެ މުބާރާތުގައި މަދުވެގެން 600 އެތުލީޓުން ވާދަކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، އެ މުއްދަތުގެ ތެރޭގައި އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަނުގެ ކޮންގްރެސްވެސް ރާއްޖޭގައި ބާއްވާނެ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. މި މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު 2019 ވަނަ އަހަރު ލިބުނުއިރު، ރާއްޖޭގައި މީގެ ކުރިން ބޭއްވި އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތަކީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތް ބޭއްވީ މާލެ އާއި އައްޑޫ ސިޓީގައެވެ.
އޭޝިއާގެ މައި ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ބާއްވާއިރު، 600 އެތުލީޓުންނާއެކު އެ މުބާރާތް ބާއްވަން މަސައްކަތްކުރާނީ މާލޭން ބޭރުގައި ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.