ކ. މާލެ
|
8 ޑިސެންބަރ 2021 | ބުދަ 09:29
މިލާނާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން
މިލާނާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ލިވަޕޫލަށް ތާރީޚީ ރިކޯޑެއް، އެތުލެޓިކޯ ދެވަނަ ބުރަށް
 
ލިވަޕޫލް މޮޅުވީ މިލާން އަތުން 2-1 ގެ ނަތީޖާއަކުން
 
ޕޯޓޯ އަތުން އެތުލެޓިކޯ މޮޅުވީ 3-1 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން އޭސީ މިލާން ބަލިކޮށް ލިވަޕޫލުން ތާރީޚީ ރިކޯޑެއް ހެދިއިރު، ޕޯޓޯ ބަލިކޮށް ދެވަނަ ބުރުގެ ޖާގައެއް އެތުލެޓިކޯ މެޑްރިޑުން ހޯދައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ މިލާން އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއެކު ލިވަޕޫލުން ވަނީ ގްރޫޕް ސްޓޭޖުގެ ހަ މެޗުންވެސް މޮޅުވި އިނގިރޭސި ހަމައެކަނި ޓީމުގެ ރިކޯޑު ހަދާފައެވެ. ބާކީ ދެ މެޗު އޮއްވައި މި މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ޔަގީންވުމާއެކު ލިވަޕޫލުން އެންމެ ފަހުން މުބާރާތުގައި ކުޅުނު ދެ މެޗުގައިވެސް ކުޅުނީ ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ މިލާނުންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފިކާޔޯ ޓޮމޯރީއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 36 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ މި ސީޒަނުގައި ސަލާހު ކާމިޔާބުކުރި 20 ވަނަ ލަނޑެވެ.

މި މެޗުގައި ލިވަޕޫލުން ފަހަތުން އަރައި ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައެވެ. ސަޑިއޯ މާނޭގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިވޮކް އޮރީގީއެވެ. މިއީ 2019 ވަނަ އަހަރުގެ ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާ ކޮޅަށް ލަނޑު ޖެހި ފަހުން ޗެމްޕިއަންސް ލީގުގައި އޮރީގީ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ޕޯޓޯ އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މި މެޗުން މޮޅުވެ ސައްތައިން ސައްތަ ރިކޯޑަކާއެކު ލިވަޕޫލުން ގްރޫޕް ސްޓޭޖު ނިންމާލިއިރު، މި ގްރޫޕުގައި ހިމެނޭ އެތުލެޓިކޯއިން ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރީ އަންގާރަ ދުވަހުގެރޭ 3-1 ގެ ނަތީޖާއަކުން ޕޯޓޯ ބަލިކުރުމަށްފަހުއެވެ.

ޕޯޓޯ ދަނޑުގައި ކުޅުނު މެޗު ފަށައިގެން 13 ވަނަ މިނެޓުގައި އެތުލެޓިކޯގެ ލުއިސް ސުއަރޭޒް ވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ވަނީ އެތުލެޓިކޯއަށް ލީޑު ނަގައިދީފައެވެ. އެކަމަކު އޭގެ ފަހުން އެތުލެޓިކޯގެ ޔަނިކް ކަރާސްކޯއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ، އަދި އޭގެ ފަހުން ހިނަގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ޕޯޓޯގެ ވެންޑެލް އާއި އެ ޓީމުގެ ބެންޗުގައި އިން ގޯލްކީޕަރު އޮގަސްޓިން މާޗެސިންއަށްވެސް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

މި މެޗުގައި އެތުލެޓިކޯއިން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ ފަހު މިނެޓުގައި އެންހެލް ކޮރޭއާ ކާމިޔާބުކުރި ލަނޑުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ރޮޑްރީގޯ ޑެ ޕޯލް އެތުލެޓިކޯގެ ތިންވަނަ ލަނޑު ޖެހި ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ސާޖިއޯ އޮލިވޭރާ ވަނީ ޕޯޓީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއްވަނައިގައި އޮތް ލިވަޕޫލަށް 18 ޕޮއިންޓް ލިބުނުއިރު، ދެވަނަ މަގާމު ހޯދި އެތުލެޓިކޯއަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ޕޯޓޯއަށް ފަސް ޕޮއިންޓް ލިބުނުއިރު، ފުލުގައި ނިންމާލި މިލާނަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް