ކ. މާލެ
|
7 ޑިސެންބަރ 2021 | އަންގާރަ 19:38
2019 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރި އަލްޖީރިއާ ޓީމު
2019 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރި އަލްޖީރިއާ ޓީމު
ގެޓީ އިމޭޖަސް
އެފްރިކާ ކަޕް އޮފް ނޭޝަންސް
އެފްރިކާ ކަޕް އޮފް ނޭޝަންސް ފަހެއް ނުކުރާނެ
 
މުބާރާތް އޮންނާނީ ޖެނުއަރީ ނުވަޔަކުން ފެބްރުއަރީ ހައެއްގެ ނިޔަލަށް
 
އޮމިކްރޯނާ ގުޅިގެން ކުޅުންތެރިން ދޫކުރަން ކުލަބުތަކުން ދެކޮޅުހަދާފާނެ

އެފްރިކާގެ ގައުމުތަކުގައި ކޮވިޑް-19 ގެ އައު ވޭރިއަންޓް އޮމިކްރޯން ފެތުރެމުންދިޔަ ނަމަވެސް، އަންނަ ޖެނުއަރީ މަހު ބާއްވަން ތާވަލުކޮށްފައިވާ އެފްރިކާ ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތް ފަސްނުކުރާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އަންނަ އަހަރުގެ މުބާރާތަކީ އެންމެ ފުރަތަމަ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކެމަރޫންގައި ބާއްވަން ނިންމި މުބާރާތެކެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލްއިން ވަނީ މި މުބާރާތް އަންނަ އަހަރުގެ ޖެނުއަރީ މަހަށް ފަސްކުރުމަށް ނިންމާފައެވެ. އެއާއެކު މި މުބާރާތް މިހާރު ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ ނުވަވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.

އެކަމަކު އެފްރިކާގެ ގައުމުތަކުގައި އޮމިކްރޯން ވައިރަސް ފެތުރެމުންދާތީ އެފްރިކާ ކަޕް އޮފް ނޭޝަންސްއަށް ކުޅުންތެރިން ދޫކުރަން ޔޫރަޕުގެ ކުލަބުތަކުން ދެކޮޅުހެދުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ. އަދި މި މުބާރާތަށް ކުޅުންތެރިން ދޫކުރަން ބޭނުންނުވާކަން ޔޫރަޕިއަން ކުލަބު އެސޯސިއޭޝަން (އީސީއޭ) އަށް ކުލަބުތަކުން އަންގާފައިވާއިރު، އެ އެސޯސިއޭޝަނުން ވަނީ އޮމިކްރޯން ވައިރަހުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ކުޅުންތެރިން ގައުމީ ޓީމަށް ދޫކޮށްގެން ކުލަބުތަކަށް އިތުރު ތަކުލީފެއް އުފުލަން ޖެހުމުގެ ބިރު އެބައޮތް ކަމަށް ބުނެފައެވެ.

އަދި އެ އެސޯސިއޭޝަނުން ވަނީ އަންނަ އަހަރުގެ ޖޫން މަހަށް މި މުބާރާތް ފަސްކުރަންވެސް ހުށަހަޅާފައެވެ. އެކަމަކު "ބީބީސީ ސްޕޯޓްސް" އަށް ދެއްވި އިންޓަވިއުއެއްގައި ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލުގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަން އެލެކްސް ވިދާޅުވީ މުބާރާތް ފަސްކުރާނެ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް، އެކަމަށް ސަމާލުކަން ނުދޭ ކަމަށެވެ. އެގޮތުން މިހާރު އޮތް ތާވަލާ އެއްގޮތަށް މުބާރާތް ކުރިއަށްދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޖެނުއަރީ މަހު އެފްރިކާ ކަޕް އޮފް ނޭޝަންސް ބާއްވާއިރު، އެ އަހަރުގެ ފަހުކޮޅު ފީފާ ވޯލްޑް ކަޕުވެސް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މީގެ ކުރިން ވޯލްޑް ކަޕް ބާއްވާ އަހަރެއްގައި އެފްރިކާ ކަޕް އޮފް ނޭޝަންސް ބޭއްވީ 2010 ވަނަ އަހަރެވެ.

ކުރިއަށް އޮތް އެފްރިކާ ކަޕް އޮފް ނޭޝަންސް ޖެނުއަރީ މަހު ބާއްވާއިރު، އެ ދުވަސްވަރަކީ ޔޫރަޕުގެ ކުލަބުތަކުގައި ފުޓްބޯޅަ ކުޅޭ ދުވަސްވަރު ކަމަށްވާތީ އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތް ކުރިއަށްދިޔައީ މިސްރުގައި ޖޫން އަދި ޖުލައި މަހުގައެވެ. އެކަމަކު ކުރިއަށް އޮތް މުބާރާތް ބާއްވާ ގައުމު ކަމަށްވާ ކެމަރޫނުން، ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލްއާ މަޝްވަރާކުރުމަށްފަހު ވަނީ އަނެއްކާވެސް ކުރިން އޮތް ގޮތަށް ޖެނުއަރީ މަހު މުބާރާތް ބާއްވަން ނިންމާފައެވެ.

އަންނަ އަހަރު އެފްރިކާ ކަޕް އޮފް ނޭޝަންސް ބާއްވާއިރު، 2019 އަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދީ އަލްޖީރިއާއިންނެވެ. އެގޮތުން އަލްޖީރިއާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސެނެގާލް ބަލިކުރުމަށްފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް