ކ. މާލެ
|
3 ޑިސެންބަރ 2021 | ހުކުރު 22:34
ޕީޕީއެމް ޕީއެންސީގެ ޖަލްސާގެ ތެރެއިން
ޕީޕީއެމް ޕީއެންސީގެ ޖަލްސާގެ ތެރެއިން
ސޯޝަލް މީޑިއާ
ރައީސް ޔާމީނުގެ މައްޗަށް ކުރި ދައުވާ
ރައީސް ޔާމީނުގެ މައްޗަށް ހިންގީ އުފައްދާފައިވާ ތަހުގީގެއް: ޑރ. ޖަމީލް
ރައީސް ޔާމީނުގެ މައްޗަށް ކުރީ އެއްވެސް ހަގީގަތެއް އޮތް ތުހުމަތުތަކެއް ނޫން
ރާއްޖެއަށް ތަރައްގީ ގެންނަން ކޯޓުތައް އިސްލާހުވާންޖެހޭ
ޖޭއެސްސީ ސިފަކުރެވެނީ ކަންމަތީ ފިހާރައެއްގެ ގޮތުގައި

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކޮށްފައިވާ ތަހުގީގަކީ ވަކި ބަޔަކު ހެކި ހޯދައިގެން އުފައްދާފައިވާ ތަހުގީގެއް ކަމަށް ކުރީގެ ނާއިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީން މިނިވަންވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރި ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް އޮތް ތުހުމަތުތަކެއް ނޫން ކަމަށެވެ. މިކަންކަން ކޮށްފައިވާ މީހުން ތިބީ ސަރުކާރާ ޑީލް ހަދައިގެން ފިނި ކޮޓަރީގައި ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ތަހުގީގު ކުރިއަށްދިޔައިރު ތަހުގީގަށް ހޯދާފައިވާ ހެކިތަކަކީ އުފައްދާފައިވާ ހެކިތަކެއް ކަމަށާއި، ތަހުގީގަކީވެސް އުފައްދާފައިވާ އެއްޗެއް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ކުށަކަށްވީ މިގައުމަށް ތަރައްގީ ގެނައުމާއި، ރާއްޖޭގެ ސައްތައިން ސައްތަ މުސްލިމުކަން ދަމަހައްޓަން މަސައްކަތްކުރުން ކަމަށެވެ. އަދި ދިވެހިންނަށް ކަންކަން ވާނެކަން ސާބިތުކޮށްދިނުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ކޯޓުތަކަކީ ގާނޫނު އަސާސީގައިވާ ކަންކަން ހިފަހައްޓާ، އިންސާފު ގާއިމްކުރުމަށް އޮންނަ ތަންތަން ކަމަށެވެ. ކޯޓުތަކަކީ ސަރުކާރުގެ އާރުކާޓީއެއް ނޫން ކަމަށާއި، އެއީ ސަރުކާރަށް ސިޔާސީ ބަދަލު ހިފައިދޭ ތަންތަނަށް ވެގެން ނުވާނެ ކަމަށެވެ. އެހެންނަމަވެސް، މިއަދު ކޯޓުތައް ފެންނަމުންދަނީ ސަރުކާރަށް ސިޔާސީ ބަދަލު ހިފައިދޭ ތަންތަނުގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ސިފަކުރެވެނީ ކަންމަތީ ފިހާރައެއްގެ ގޮތުގައި ކަމަށެވެ. އެތަން ސިފަކުރެވެނީ ދަރަންޏަށް ލިޔެފައި ހުކުމް ގެންދަން އޮތް ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީއަށް އޮތް އެންމެ ބޮޑު ހުރަހަކީވެސް އިންސާފުގެ ނިޒާމު ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެއަށް ތަރައްގީ ބޭނުންނަމަ ޖޭއެސްސީ އިސްލާހުކުރަންޖެހޭ ކަމަށާއި، ޝަރުއީ ކޯޓުތައް މިނިވަންވާންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.


Advertisement
- ކޮމެންޓް